އިންޑިއާގެ ވަރުގަދަ ބެންގަލޫރު ބަލިކޮށް ނިއު އެއްވަނަ އަށް

އޭޝިއާ ބައްރުގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕްގައި ބުދަ ދުވަހުގެ ހަވީރު އިންޑިއާގެ ބެންގަލޫރާއި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގައި ބެންގަލޫރުގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި ގްރޫޕް އީގެ އެއްވަނަ އަށް ނިއު އަރައިފި އެވެ.


މިއީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ތާރީހުގައިވެސް އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ރާއްޖެ ޓީމެއް މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވޭ އިރު، ބެންގަލޫރުން ވަނީ މީގެ ކުރިން ރާއްޖޭގެ ޓީމްތަކާ ދެކޮޅަށް ކުޅުނު ހަތް މެޗުންވެސް މޮޅުވެފަ އެވެ. އެގޮތުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު ހަތަރު މެޗުންވެސް ބެންގަލޫރު މޮޅުވި އިރު، ޓީސީ އަތުން އެ ޓީމް ވަނީ ދެ ފަހަރެއްގެ މަތިން މޮޅުވެފަ އެވެ. މީގެ ކުރިން ނިއު އާ ދެކޮޅަށް ކުޅެވެސް، ބެންގަލޫރު ވަނީ އެއް ފަހަރު މޮޅުވެފަ އެވެ. ގަލޮޅު ރަސްމީ ދަނޑުގައި ބުދަ ދުވަހުގެ ހަވީރު ނިއު އާއި ބެންގަލޫރު ބައްދަލުކުރި މެޗާ ކުރިމަތިލި އިރު، އޭގެ ދެ ހަފްތާ ކުރިން ބެންގަލޫރުގައި ނިއު އިން ވަނީ އެ ޓީމާ ދެކޮޅަށް ނުކުމެ 1-0 އަކުން ބަލިވެފަ އެވެ. އެހެން ކަމުން، ގްރޫޕްގައި އެ ދެ ޓީމް ބައްދަލުކުރި ދެވަނަ މެޗާ ކުރިމަތިލި އިރު، އެ މެޗުން މޮޅުވާން ނިއު އަށް އޮތީ މަޖުބޫރުވެފަ އެވެ. މުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބޭނީ ގްރޫޕްގެ އެއްވަނަ ހޯދާ ޓީމަށެވެ. 


ގްރޫޕް އީގައި ބެންގަލޫރު އަތުން މޮޅުވުމާ އެކު، އެ ގްރޫޕްގެ އެއްވަނަ އަށް ނިއު ރޭޑިއަންޓް އަރާފައިވަނީ ހަތަރު މެޗު ކުޅެ ޖުމްލަ ނުވަ ޕޮއިންޓް ހަމަކޮށްގެންނެވެ. ބެންގަލޫރަށްވެސް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕްގެ އެއްވަނަ ނިއު އަށް ލިބެނީ ހެޑް ޓު ހެޑް ގަވާއިދުގެ ދަށުންކަން ފާހަގަކޮށްލެވެ އެވެ. ގްރޫޕް ތާވަލުގެ ތިންވަނައިގަ އޮތް ބަންގްލަދޭޝްގެ ދާކާ އަބްހާނީ އޮތީ ބުދަ ދުވަހު އައިޒްލޯ އަތުން އެއްވަރުވުމުން ލިބުނު ތިން ޕޮއިންޓާ އެކުގަ އެވެ. ފުލުގައި އޮތް އިންޑިއާގެ އައިޒޯލަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެއާއެކު، އެ ޓީމް ވަނީ މުބާރާތުން ކަޓާފަ އެވެ. 


ރަސްމީ ދަނޑުގައި ނިއު އާއި ބެންގަލޫރު ބައްދަލުކުރި މެޗަށް ނުކުތް އިރު، ނިއުގެ މުހިންމު ސްޕޭން ޑިފެންޑަރު ޖޯޖް ސަސްޕެންޑްވެފައި ހުރުމުން އޭނާގެ ބަދަލުގައި އެ މަގާމަށް އަރުވާފައިވަނީ ރައިޓް ފުލްބެކެއްގެ ގޮތުގައި ނިއު އަށް ކުޅޭ އަފްގާނިސްތާނުގެ ހާރޫން އަމީރީ އެވެ. އަމީރީގެ މަގާމަށް ކުޅުނީ ރިލްވާން ވަހީދު (ރިލޭ). އޭގެ އިތުރުން ނިއުގެ އެންމެ ކުރިއަށް ކުޅޭ ސްޕޭން ފޮވާޑެއް ކަމަށްވާ މަޓީގެ ބަދަލުގައި ދިވެހި މިޑްފީލްޑަރު ރިހާމް އަބްދުލްޣަނީ އެރުވިކަން ފާހަގަކޮށްލެވެ އެވެ. ބެންގަލޫރުގެ ފުރަތަމަ އެގާރަ އަށް ބަލާލާއިރު، މި މެޗަށް އެ ޓީމުން ނެރެފައިވަނީ އެ ޓީމްގެ އެންމެ ވަރުގަދަ ފުރަތަމަ އެގާރަ އެވެ. ޓީމްގެ ކެޕްޓަން ސުނިލް ޗެތުރީ، ސްޕޭން މިޑްފީލްޑަރު ވިކްޓާ ޕީރޭޒް އަދި މިޑްފީލްޑަރު ލެނީ ރޮޑްރިގޭޒް ވަނީ މި ސީޒަނުގެ އޭއެފްސީ ކަޕްގައި ފުރަތަމަ ފަހަރަށް މެޗަކުން ފެނިފަ އެވެ.


ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ހަވަނަ މިނެޓުގައި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ބެންގަލޫރުގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އޭރިއާ ބޭރުން ދަގަނޑޭ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. ފުރަތަމަ ފަންސަވީސް މިނެޓުގައި ބެންގަލޫރުގެ ގޯލަށް އަމާޒުކޮށް ނިއު އިން ފޮނުވާލަމުން ގެންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށްވީ 30 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ގޯލެއް ޖަހައި ނިއު އަށް ލީޑު ނަގައިދިނުމެވެ. އޭނާ އެ ލަނޑު ޖެހީ ދަގަނޑޭ ތަނަވަސްކޮށްދިން ބޯޅައެއް މެދުވެރިކޮށެވެ. އޭގެ ފަހުން ތިރީސްހަވަނަ މިނެޓުގައި ބެންގަލޫރުގެ ކެޕްޓަން ޗެތުރީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުން އިރު، އޭރިއާ ތެރެއިން ނިއުގެ ގޯލަށް އަމާޒުކޮށްލި ހަމަލާ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފަ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން މިނެޓެއް ތެރޭ ދަގަނޑޭ ވަނީ ނިއުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭނާ އެ ލަނޑު ޖެހީ ބެންގަލޫރުގެ ޑިފެންސް އަށް ހެދުނު ގޯހެއްގެ ފައިދާ ނެގުމަށް ފަހުގަ އެވެ. ނިއު އިން އެ ލަނޑު ވައްދާލުމާ އެކު ބެންގަލޫރުން ނިއުގެ ގޯލަށް ނުރައްކާކުރަން ގިނަ ކުޅުންތެރިން ކުރިއަށް ފޮނުވާލި ނަމަވެސް، ކައުންޓާތަކުގައި ނިއު އިން ވަނީ އިދިކޮޅު ޓީމަށް ނުރައްކާކޮށްފަ އެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...