ޖޫން 23 ގައި ފަށާ އައިއެމްޓީއެމް ފެއާ ޓޫރިޒަމް މިނިސްޓްރީން އެންޑޯޒްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކަށް ހެޔޮ އަގުތަކުގައި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ބައްދަލުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) ފެއާ، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންޑޯޒް ކޮށްފިއެވެ.

މިކަމަށް ޚާއްސަ ކޮށްގެން ބޭއްވި ރަސްމިއްޔާތުގައި އެންޑޯޒްމަންޓް ލެޓަރ ހަވާލުކޮށްދެއްވީ ފަތުރުވެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ.

އައިއެމްޓީއެމް ފެއާއާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް ޕްރައިވެޓް ލިމިޓެޑުގެ ސީއޯއޯ ރާފިއު މުހައްމަދު ވިދާޅުވީ، މި ފެއާ ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކަށް ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ބައްދަލު ކުރުމަށް ޚަރަދުކުޑަ ޕްލެޓްފޯމެއް ޤާއިމުކޮށްދިނުން ކަމަށެވެ.

އެގޮތުން ބޮލަކަށް 250 ޑޮލަރުގެ ރޭޓުން މި ފެއާގައި ބައިވެރިވެވޭއިރު، އެއާޕޯޓުން ފެއާ ބާއްވާ އަދާރަން ހުދުރަންފުށްޓަށް ދިޔުމާއި އަނބުރާ އައުން ހިލޭ ހަމަޖައްސައިދިނުމަށް ރާވާފައިވާ ކަމަށް ރާފިއު ވިދާޅުވިއެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ލިވަބޯޑްސް އަދި ޑައިވް ސެންޓަރުތަކުގެ އިތުރުން ޓްރެވަލް އޭޖެންސީތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ބާއްވާ މި ފެއާގައި ބޭރުގެ 14 ޤައުމަކުން 30 ޓުއަރ އޮޕަރޭޓަރުން ބައިވެރިވާނެ ކަމަށް ރާފިއު ވިދާޅުވިއެވެ.

އައިއެމްޓީއެމް ފެއާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 23 އަދި 24 ވަނަ ދުވަހު އަދާރަން ހުދުރަންފުށީގައެވެ. މި ފެއާގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްކަށް މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެ ތާރީޚަށް ފަހު ޕްރައިވެޓް މީޓިންގްތަކަށް ބުކިންގް ހެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އައިއެމްޓީއެމްއިން މައުލޫމާތު ދެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...