2-5 ގެ ނަތީޖާއަކުން ރޯމާގެ މައްޗަށް ލިވަޕޫލް ކާމިޔާބު ހޯދައިފި

ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލްއާއި އޭއެސް ރޯމާ ބައްދަލުކުރި މެޗު 5-2 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މި މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ވެސް ލިވަޕޫލްއިންނެވެ. މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ 35 ވަނަ މިނެޓުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ މިސްރު ފޯވަޑް، މުހައްމަދު ސަލާހުއެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް މެޗުގެ 45 ވަނަ މިނެޓުގައި ލިވަޕޫލްގެ ލީޑު އިތުރަށް ފުޅާކޮށްދިން ލަނޑު ވެސް ކާމިޔާބުކޮށްދިނީ ސަލާހުއެވެ. މި ދެ ލަނޑަކީ ވެސް ބްރެޒިލްގެ ފޯވާޑް ރޮބަރޓް ފިރްމީނޯ ދިން ޕާސްތަކަކުން ސަލާހު ކާމިޔާބުކުރި ލަނޑުތަކެކެވެ.

ލިވަޕޫލްއިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނ މެޗުގެ 56 ވަނަ މިނެޓުގައި ސަލާހު ފަހިކޮށްދިން ފުރުސަތަކުން ސަޑިއޯ މާނޭއެވެ. އަދި 61 ވަނަ މިނެޓުގައި ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރޮބަރޓޯ ފިރްމީނޯއެވެ. މި ލަނޑަކީވެސް ސަލާހު ފަހިކޮށްދިން ފުރުސަތަކުން ފިރްމީނޯ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 68 ވަނަ މިނެޓުގައި މިލްނަރ ފަހިކޮށްދިން ފުރުސަތަކުން ލިވަޕޫލްގެ ފަސްވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ވެސް ފިރްމީނޯއެވެ.

ރޯމާގެ ދެލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. އެއީ 81 ވަނަ މިނެޓުގައި ޒެކޯ ކާމިޔާބުކޮށްދިން ލަނޑަކާއި 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕެރޮއްޓީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސެމީ ފައިނަލްގެ ދެވަނަ ލެގުގެ މެޗު ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހަށެވެ. ރޯމާ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ކުއާޓަރ ފައިނަލްގައި ބާސެލޯނާ ބަލި ކުރުމަށްފަހުގައެވެ.

ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާ އަތުން 4-1 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ރޯމާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެން ރޯމާ ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.

ލިވަޕޫލް ސެމީއަށް ދަތުރުކޮށްފައިވަނީ ކުއާޓަރ ފައިނަލްގައި 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލި ކުރުމަށްފަހުގައެވެ. ސެމީ ފައިނަލްގައި އަނެއް ކޮޅުން ކުރިމަތިލަނީ ބެޔާން މިއުނިކްއާއި ރެއާލް މެޑްރިޑްއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...