މާޗް މަހު މަސް އެކްސްޕޯޓް ކުރި މިންވަރު 49 އިންސައްތަ އިތުރުވެއްޖެ

އަހަރުން އަހަރަށް ބަލާއިރު ހުސްވި މާޗް މަހު ރާއްޖޭން މަސް އެކްސްޕޯޓްކުރި މިންވަރު 49 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ އަހަރުގެ މާޗް މަހު 165.6 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ މާޗް މަހު އެ އަދަދު 246.1 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މަސް އެކްސްޕޯޓް ކުރާ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މަސް އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑަށެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާޗް މަހު އެކްސްޕޯޓްކުރި މަހުގެ ތެރެއިން 35 އިންސައްތަ އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑަށެވެ. މަސް އެކްސްޕޯޓް ކުރި އިތުރު ޤައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތާއި އެމެރިކާގެ އިތުރުން ފަރަންސޭސިވިލާތް ހިމެނެއެވެ.

އަހަރުން އަހަރަށް ބަލާއިރު މާޗް މަހު މަސް އެކްސްޕޯޓް ކުރި މިންވަރު އިތުރުވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗް މަހު 173.4 މިލިއަން ރުފިޔާގެ އަމްދަނީއެއް ކަސްޓަމްސްއިން ބަލައިގެންފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި 278 މިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަހަރުން އަހަރަށް ބަލާއިރު މިއީ 60 އިންސައްތަ އިތުރު އަދަދެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...