ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް އެދި ވިޔަފާރިވެރިންގެ ޖަމިއްޔާއިން މޯލްޑިވްސް ޕޮލިސް ސާރވިއަށް މައްސަލަ ހުށަހަޅައިފިއެވެ.

 ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ ފަރާތްތައް ގިނަ ވެފައިވާއިރު، އެ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ރަސްމީކޮށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްއަށް މައްސަލަ ހުށައަޅާފައެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ރާއްޖޭގައި ތިބިގެންނާއި ރާއްޖޭއިން ބޭރުގައި ތިބެގެންވެސް ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި މިކަމުގެ އަސަރު ފަތުރުވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ އިގްތިސާދަށް ކުރަމުން ދާކަމަށް އާސިފް ވިދާޅުވިއެވެ.

މިފަދަ އަމަލުތައް ކުށްވެރި ކުރައްވާ އާސިފް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދުގެ ދުވެލި ހުއްޓުވުމަށްޓަކައި، ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ ޓްވީޓުތައް ކުރާ މީހުންގެ މައްސަލަވެސް ފުލުހުންނަށް ހުށަހަޅަން ތައްޔާރަށް ހުންނެވި ކަމަށެވެ. 

އާސިފް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ ބޮއިކޮޓް ކުރުމަށް ބަޔަކު މީހުން ގޮވާލުމުން ގެއްލިގެންދާނެ އިންވެސްޓްމަންޓްތައް އަންދާޒާވެސް ނުކުރެވޭ ކަމަށެވެ. މީގެއިތުރުން އާސިފް ވިދާޅުވީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިފަދަ މައްސަލައެއް ހުށަހަޅަން ޖެހުނީ ރިޔާސީ އިންތިހާބް ކުރިޔަށް އޮތުމާއެކު މިފަދަ އަމަލުތައް އިތުރުވެގެން ދާނެތީ ކަމަށެވެ. 

އާސިފް އިތުރަށް ވިދާޅުވީ، ރާއްޖޭން ބޭރުގައި ހުރި ނަމަވެސް، ފަތުރުވެރިކަން ބޮއިކޮޓް ކުރަން މަސައްކަތް ކުރާނަމަ، އެފަދަ ފަރާތްތަކާއިމެދުގައި ފިޔަވަޅު އެޅޭނެ ކަމަށެވެ. އެގޮތުން ފަރަންސޭސްވިލާތާއި އިނގިރޭސިވިލާތުގައި ހުއްޓަސް ރާއްޖޭގެ ރައްޔިތަކައް ވާ ނަމަ، އެ ފަރާތްތަކާއި މެދު ފުލުހުންނަށް ފިޔަވަޅު އެޅޭނެ ކަމަށް އާސިފް ވިދާޅުވިއެވެ. އާސިފް ވަނީ ބޭރުގެ ގައުމުތަކުގައި ފިލާ ތިއްބަވައިގެން، އެކި ވާހަކަ ދައްކާ ފަރާތްތަކުގެ ވާހަކަތައް ޤަބޫލް ނުކުރުމަށް ގޮވާލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...