ކުޅިވަރުގެ މައިދާނުގައި ގޮއިދޫ ވަރެއް ނެތް!

ކުޑަ އާބާދީއެއް ނަމަވެސް، ގޮއިދޫގެ ރައްޔިތުން އަންނަނީ ކުޅިވަރުގެ މައިދާނުގައި ރަންވަނަތަކެއް ހާސިލް ކުރަމުނެވެ. އެ ރަށުގެ ކޮންމެ ދިމަލާކުންވެސް ފެންނަނީ ކުޅިވަރުގެ ރޫހުއެވެ. ކުޅިވަރޭ ބުނުމުން މިހާރު ދުލު ކުރިއަށް ބާ އަތޮޅު ގޮއިދޫ ނައިސް ނުދާނެއެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިއަދު ބާ އަތޮޅު ގޮއިދޫ ވިދާލާފައި ވަނީ ތަފާތު ހުނަރުވެރި ކުޅިވަރު ކުޅޭ ޒުވާނުންތަކެއް އުފަން ކުރުވި ރަށެއްގެ ގޮތުގައި. ކައިޓް ސާފިން ފަދަ ފާހަގަކޮށްލެވޭ މޫދު ކުޅިވަރު ތަކުން ފެށިގެން ރާއްޖޭގައި ޒަމާނުއްސުރެ ކުޅެމުން އަންނަ ކުޅިވަރު ތަކުންވެސް ގޮއިދޫ އަށް ނިސްބަތްވާ ނޫކަށި ފުރައިގެ ރަންވަނަތައް އުފުލަމުނެވެ.

އެޒުވާނުންގެ ހުނަރުވެރިކަމުގެ ވާހަކަވެސް ދައްކާލުން މުހިއްމުއެވެ. ގާތްގަނޑަކަށް 798 މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގެ ޒުވާނުން ވަޒީފާއަށް ވަގުތު ދިނުމަށްފަހު، ހުސްވަގުތުތަކުގައި ވޮލީ ބޯޅަ، ބާސްކެޓް ބޯޅަ، ހޭންޑް ބޯޅަ ފަދަ ކުޅިވަރު ތަކުގައި މަސްއޫލްވެގެން އުޅޭ މަންޒަރު ފެނިގެން ދިޔައެވެ. ކުޑަ ހަސަން މާހިރު ނުވަތަ މަޝްހޫރު ނަމުން ނަމަ ހަންޓޭ ގެ ނަންވެސް ގުޅިފައިވަނީ ގޮއިދޫއަށެވެ. ހަންޓޭ ފަދަ ކައިޓް ސާފިން ކުރަމުން ދާ ހުނަރުވެރި ޒުވާން އަންހެނުންވެސް އެ ރަށުގައި މިއަދު އެބަ ތިބިއެވެ.

ގޮއިދޫގައި އުޅޭ ކުޑަ އަންހެން ކުދިންވެސް އަންނަނީ ކައިޓް ސާފިން ދަސްކުރަމުނެވެ. އެގޮތުން ޒަހާ އާއި ރަފްހާ އަކީ ހަސަން މާހިރު ފަދަ ކައިޓް ސާފާއަކަށް ވުމަށް މަސައްކަތް ކުރަމުން. ގޮއިދޫ ސްކޫލް އިން އިންޓާ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި ވިދިވިދިގެން މޮޅެތި ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާއިރު، މި ކަމުގެ ފަހަތުގައި ޒަހާވެސް ވެއެވެ. 

މީގެއިތުރުން ޒަހާ ފަދައިން އެ ރަށުގެ ރަފްހާވެސް އަންނަނީ ގިނަ ކާމިޔާބީތަކެއް ހާސިލް ކުރަމުން، ވޮލީ އަށް ޝައުގުވެރިކަން ހުންނަ ރަފްހާ ވަނީ 4 އަހަރު އިންޓާ ސްކޫލް ވޮލީ މުބާރާތުގައި ބައިވެރިވެގެން 2 އަހަރު އެންމެ މޮޅު ހަ ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ. 

ވޮލީ އާއި ކައިޓް ސާފިން އަކުން ގޮއިދޫގެ ވާހަކަ އަދި ނިންމާލެވޭކަށް ނެތެވެ. ސްކޭޓް ކުރުމަކީވެސް ގޮއިދޫގެ ތުއްތު ކުދިންގެ މެދުގައި ވަރަށް ފޯރި ހުންނަ ކުޅިވަރެކެވެ. އެގޮތުން އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން، ދަތި ހާލުގައި ގޮއިދޫގެ ކުދިން ސްކޭޓް ކޮށްފައިވާއިރު، އޮލިމްޕިކް ކޮމިޓީއިން ވަނީ އެ ރަށުގައި ސްކޭޓް ކުރަން ޝައުގުވެރިވާ ކުދިންނަށްޓަކައި ސްކޭޓް ރޭމްޕްއެއް އެޅުމަށްޓަކައި އެމަސައްކަތުގެ ބިންގާ އަޅާފައެވެ

ކުޅިވަރުގެ މައިދާނުގައި ގޮއިދޫއިން ހާސިލް ކުރަމުން އަންނަ ކާމިޔާބީތަކާއި ގުޅޭގޮތުން އެރަށުގެ ކައުންސިލް ރައީސް މުހައްމަދު އާމިރު ވިދާޅުވީ، އެ ރަށުގެ ކާމިޔާބީތަކުގެ ފަަހަތުގައި ވަނީ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންގެ ބައިވެރިވުން ކަމަށެވެ. އެގޮތުން ތަފާތު ކުޅިވަރު މުބާރާތްތަކުގައި ކުދިން ބައިވެރިވުމަށް ބެލެނިވެރިން ފޮނުވާ ކަމީ އެކަމުގެ އަލިގަދަ ހެއްކެ ކަމަށް އާމިރު ފާހަގަކުރެއްވިއެވެ. 

ޤައުމީ ފެންވަރުގައިވެސް ބާ އަތޮޅު ދަރިވަރުންނާއި ޒުވާނުން އަންނަނީ ވިދާލަމުނެވެ. އެ ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ޤައުމީ ޓީމްތައްވެސް ވަނީ ތަމްސީލްކޮށްއެވެފަ. އެގޮތުން ފާހަގަކޮށްލެވޭ ނަންނަމުގެ ތެރޭގައި ބެޑްމިންޓަން ކުޅުމާއި ކޯޗިންގެ ދާއިރާއިން ކާމިޔާބިތަކެއް ހާސިލްކޮށްފައިވާ އަލީ ޝަރްމީލްއާއި، ވޮލީ ގެ ޤައުމީ ޓީމުގައި ކުޅުނު އިބްރާހިމް ފަލާހް ހިމެނެއެވެ.


އެގޮތުން 2011 ވަނަ އަހަރު ސައުތް އޭޝިއަން ބީޗް ގޭމްސްގެ ރާއްޖޭގެ ކެޕްޓަންގެ ގޮތުގައި ހަރަކާތްތެރިވި ނޫމާން އަބޫބަކްރްއާއި، އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ސޭއިލުން ރާއްޖޭ ތަމްސީލް ކޮށްފައިވާ އާޒިމް އަކީވެސް ގޮއިދޫ ރައްޔިތުނެވެ.

އަދި ރެޑްބުލް ލޯކަލް ޓުއާގައި 2017 ވަނަ ހަންޓޭއާއި ގޮއިދޫގެ އިތުރު ދެ ޒުވާނުން ބައިވެރިވެފައިވާއިރު، ގޮއިދޫގެ 15 އަހަރުން ދަށުގެ ފަސް ކުދިން ވަނީ މާފުށިން ފެށިގެން ވިލިމާލެއާއި ހަމަޔަށް ބޭއްވި ކައިޓް ސާފް މުބާރާތުގައި ބައިވެރިވެފައެވެ. ގޮއިދޫގެ ވޯޓާ ސްޕޯޓްސް ދާއިރާއިން ހުނަރުތައް ދައްކާލަމުން ދާ ހަސަން ނިޒާމް އަކީ މިއަދު ފްރީ ޑައިވް ކުރުމުގައި މާހިރެކެވެ. 

ގޮއިދޫ އަކީ ހަމަ ޔަޤީނުންވެސް ކުޅިވަރުގެ ލާމަސީލު މިސާލެކެވެ. އެރަށުގެ ޒުވާނުންގެ ކިބައިގައި ހުރި ކުޅިވަރުގެ ރޫޙު ފެނި، މިދާއިރާއިން ރާއްޖެއަށް ކުރިއެރުން ހޯދައިދޭން ބޭނުންވާ ފަރާތްތަކުގެ މޫނުމައްޗަށް ހިނިތުންވުން ގެނުވައިފިކަން ޔަޤީނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...