މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގަނެ ހަތް މީހުން ހައްޔަރުކޮށްފި

ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާ ތަކެތި.

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގަނެ ހަތް މީހުން ހައްޔަރުކޮށްފިއެވެ.


އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ހެޑް އިނިސްޕެކްޓަރ އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދާޅުވީ، ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މާލެ އާއި ރ. އިނގުރައިދޫ އަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށް މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.


މި މައްސަލާގައި މާފަންނު ހެޕީވިލާގެ ބަލައި ފާސް ކުރިއިރު އެ ގެއިން ބައި ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު ފަސް ލައްކަ ރުފިޔާ އަށް އަރާނެ ކަމަށް ރަޖްނީ ވިދާޅުވިއެވެ. ރަޖުނީ އިތުރަށް ވިދާޅުވީ، މި މައްސަލައިގައި މާލެއިން ހައްޔަރުކޮށްފައިވަނީ މާލެއިން މަސްތުވާތަކެތި އިނގުރައިދޫ އަށް ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާއި، އެމީީހުނާއި އެކު މި ކަމުގައި ބައިވެރިވާ މީހުންކަމަށެވެ.


މި މައްސަލައިގައި އިނގުރައިދޫގެ ދެ ގެއެއް ފާސް ކުރިއިރު އެ ތަންތަނުން ވެސް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރާ އާލާތްތައް ފެނުނުކަމަށާއި، އެމައްސަލައިގައި މާލެއިންނާއި އިނގުރައިދޫން ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ރަޖުނީ ވިދާޅުވިއެވެ. އަދި އިނގުރައިދޫއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް މަސައްކަތް ކުރީ އަންހެނެއްކަމަށްވެސް ރަޖުނީ ފާހަގަކުރެއްވިއެވެ. މި އެންމެންނަކީވެސް މަސްތުވާތަކެތި ބޭނުންކުރުމުގަޔާއި، ވިޔަފާރީގައި އުޅޭކަމުގެ ކުށުގެ ރެކޯޑް އޮންނަ މީހުންކަންވެސް ޑްރަގް އިންފޯސްމަންޓް ޑިޕާޓްމެންޓްގެ ވެރިޔާ ވިދާޅުވިއެވެ.


މީގެ އިތުރުން މި މަހުގެ ވިހި ވަނަ ދުވަހުގެރޭ ސޯސަން މަގުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، މަޖީދިއްޔާ ސުކޫލް ކައިރިން ހަތަރު މީހަކު ބަލާ ފާސްކުރިއިރު ބައި ކިލޯގެ މަސްތުވާ ތަކެތި ފެނިފައިވާ ކަމަށާއި ، އެ ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވާކަމަށް ރަޖުނީ ވިދާޅުވި. އަދި އަވަސް މުސްތަޤުބަލެއްގައި މި މައްސަލަތަކުގެ ތަހުގީގު ނިންމާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.


އަދި ގޭގެ ކުއްޔަށް ދިނުމުގަޔާއި ކުދިން ބޭތިއްބުގައި ވަރަށް ބޯޑަށް ސަމާލުވެލެއްވުމަށްވެސް ޑްރަގް އިންފޯސްމަންޓް ޑިޕާޓްމެންޓްގެ ވެރިޔާ ރަޖުނީ ޝުއައިބު ވަނީ އިލްތިމާސްކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...