ކާބުލްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 63 އަށް އަރައިފި

ކާބުލްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 63 އަށް އަރައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު އަފްޣާނިސްތާނުގެ ކާބުލްގެ ވޯޓާސް ރަޖިސްޓްރޭޝަން ސެންޓަރުގައި މީހަކު ހަށި ގޮއްވާލައިގެން ދިން މި ހަމަލާގައި އެވަގުތު 57 މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ހެލްތު އޮފިޝަލުން ވަނީ ބޭރުގެ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

އޮފިޝަލުން ބުނެފައިވާގޮތުގައި އިތުރު ހަ މީހަކު ވަނީ ފަރުވާ ދެމުންދަނިކޮށް މަރުވެފައެވެ. އަފްޣާނިސްތާނުގެ ޕަބްލިކް ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވާހިދު މަޖްރޯއާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނީ މިހަމާލާގައި މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިންނާއި 21 އަންހެނުން ހިމެނޭ ކަމަށެވެ. މި ހަމަލާގެ ސަބަބުން ގިނަ ފަރާތްތަކަކަށް ސީރިއަސް އަނިޔާތައް ލިބިފައިވާތީ، މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ހަމަލާ ދީފައިވަނީ އެ ރަޖިސްޓްރޭޝަން ސެންޓަރުގައި ވޯޓުލުމަށް ވޯޓަރސް އައިޑީ ހޯދުމަށް އެތައް ބަޔަކު އެ ސަރަޙައްދަށް ޖަމާވެފައި ވަނި ކޮށެވެ. އެ ސެންޓަރުގެ ދޮރު ކުރިމަތީގައި މީހަކު ހުރެގެން ދިން މި ހަމަލާއަކީ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތުން ދީފައިވާ ހަމަލާއެއް ކަމަށް އެ ޖަމާޢަތުން ވަނީ އެއްބަސްވެފައެވެ.

މި ހަމަލާ އައިއެސް ޖަމާއަތުން ދީފައިވަނީ ކާބުލްގެ ޝީޢީންގެ ބައެއް އުޅޭ ސަރަޙައްދެއް ކަމަށްވާ ދަޝަތް އެ ބާޝީ ސަރަޙައްދަށް އަމާޒުކޮށެވެ.


މި ހާދިސާއާއި ގުޅިގެން އަފްޣާނިސްތާނުގެ ސަރުކާރުން ވަނީ އެ ޤައުމުގެ މަޖިލީހާއި ކައުންސިލްގެ އިންތިޚާބު މި އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...