އެފްއޭއެމްގެ މިނީ ޓާފް ދަނޑު ހުޅުވައިފި

އޭޝިއަން ފުޓްބޯލް ކޮންފަޑަރޭޝަން (އޭއެފްސީ) ގެ ރައީސް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީގެ އިސްނެންގެވުމުގެ މަތިން މާލޭގައި އެޅި ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފި އެވެ.


އެފްއޭއެމްގެ ދެ ނަންބަރު ޓާފް ދަނޑު އޮންނަ ސަރަހައްދުގެ ދެކުނުގައި އެޅި މިނީ ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ އިގްތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދުއެވެ.

ޓާފް ދަނޑު ހުޅުވުމަށް ފަހު ވާހަކަ ދައްކަވަމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން އާންމުންނަށް ބޭނުން ކުރަން އެ ދަނޑު ދޫކުރާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމް އިން ދަނޑު ބޭނުން ކުރާނީ ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 08:00 ގެ ނިޔަލަށް ކަމަށެވެ. އަދި ބާކީ ވަގުތުތަކަށް އާންމުންނަށް ދަނޑު ދޫކޮށްދޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ އެ ދަނޑު ބޭނުންކުރާނީ ޒުވާން ކުޅުންތެރިން އުފެއްދުމަށް އެފްއޭއެމުން ފަށާފައިވާ ޓުވާޑްސް ފިއުޗަރ ޕްރޮގްރާމް ހިންގުމަށް ކަމަށެވެ. އަދި ގްރާސް ރޫޓް ޕްރޮގްރާމް ހިންގުމަށް އެކަޑެމީތަކަށް ވެސް އެ ދަނޑު ބޭނުން ކުރެވޭނެ ކަމަށް ބައްސާމް ވަނީ ކުރިން ވިދާޅުވެފަ އެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...