ދެކުނު އޭޝިއާ ޖޫނިއަރ ޓީޓީ މުބާރާތުން ރާއްޖެ ހަތް މެޑަލް ހޯދައިފި

ދިވެހިރާއްޖޭގައި ބޭއްވި ސަރަހައްދީ ފެންވަރުގެ ފުރަތަމަ ޓޭބަލް ޓެނިސް މުބާރާތް ކަމަށްވާ ސައުތު އޭޝިއާ ޖޫނިއަރ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މި ހިނގާ އެޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން 22 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށް ދިޔަ އެ މުބާރާތް ނިންމާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ މަހާ ރެހެންދީ މެޑަމް ފާތިމަތު އިބްރާހީމް އެވެ.

އެކަމަނާއާއި އެކު މުބާރާތް ނިންމާލުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާއި ދިވެހިރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރު އަލީ އުމަރުގެ އިތުރުން ކުޅިވަރުގައި ފާހަގަކޮށްލެއްވޭ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.

ޖޫނިއާ ޓީޓީ މުބާރާތުގެ ފައިނަލް މެޗުތައް ކުރިއަށް ދިޔަ އިރު، އެ މުބާރާތުގައި ސަރަހައްދީ ގަދަ ބާރު އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނުގެ ކުޅުންތެރިން ވާދަކުރި އެވެ.

ސައުތު އޭޝިއާ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަ ފިރިހެން ކުޅުންތެރިންނާއި ފަސް އަންހެން ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ. އަދި މުބާރާތުގެ ޓީމް އިވެންޓު ކެޓަގަރީން ރާއްޖެ ދެ މެޑަލެއް ހޯދި އިރު ސިންގަލްސް އިވެންޓުން ރާއްޖެ ވަނީ ހަތަރު މެޑަލެއް ހޯދާފަ އެވެ. އެއީ ހަ ލޯ މެޑަލާއި އެއް ރިހި މެޑަލްއެވެ.

ރާއްޖެއަށް ރިހި މެޑަލެއް ހޯދައިދިނީ އަންހެން ހޯޕްސް ކެޓަގަރީ އިން ފާތިމަތު ދީމާ އަލީ އެވެ. ނަމަވެސް، މުބާރާތުގެ ހުރިހާ ޓީމް އިވެންޓެއްގެ އިތުރުން އިންޑިވިޖުއަލް އިވެންޓުތަކުގެ ޗެމްޕިއަންކަން ހޯދައި މުޅި މުބާރާތުގެ ވެސް އެންމެ މޮޅު ގައުމަކަށް ހޮވުނީ އިންޑިއާ އެވެ.

ރާއްޖޭގައި އޭޝިއާ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕެއް ބާއްވައި ރާއްޖޭގެ ކުޅުންތެރިން ހަތް މެޑަލެއް ހޯދި އިރު، މީގެ ކުރިން ވެސް ރާއްޖެއިން ވަނީ މި މުބާރާތުގައި ވާދަކޮށް ކާމިޔާބީތަކެއް ހޯދާފަ އެވެ.

އެގޮތުން މިދިޔަ އަހަރު އިންޑިއާގައި ބޭއްވި މުބާރާތުގައި ރާއްޖެއިން ތިން ލޯ މެޑަލް ހޯދި އިރު، 2016 ވަނަ އަހަރު ޕާކިސްތާންގެ ކަރާޗީގައި ބޭއްވި މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވަނީ ދެ ރިހި މެޑަލް ހޯދާފަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...