ޕީއެފްއޭގެ މޮޅު ކުޅުންތެރިއާގެ އެވޯޑް މުހައްމަދު ސަލާހަށް

އިނގިރޭސިވިލާތުގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ދޭ އަހަރުގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ލިވަޕޫލްގެ މިސްރު ފޮވާޑް މުހައްމަދު ސަލާހަށް ދީފި އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިއާ އަށް އެ އެވޯޑް ދީފައިވަނީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރައިނާ، ލެރޯއީ ސާނޭ، ޑޭވިޑް ސިލްވާ، ޓޮޓެންހަމްގެ ހެރީ ކޭން އަދި މެންޗެސްޓާ ޔުނައިޓެޑްގެ ޑޭވިޑް ޑެހޭއާ އާއި ވާދަކޮށް، ލީގުގެ ކުޅުންތެރިން ދިން ވޯޓަށް ރިއާޔަތްކޮށް ސަލާހަށް ކުރި ލިބުމުންނެވެ.

ސަލާހަށް އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުން އިރު، އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ މެންޗެސްޓާ ސިޓީގެ ސާނޭ އެވެ. ސަލާހު ބުނީ ކުޅުންތެރިން ދިން ވޯޓުން އެ މަގާމް ލިބުމުން އުފާކުރާ ކަމަށާއި އެކަމާ ފަޚުރުވެރިވާ ކަމަށެވެ.

ސަލާހު ބުނީ ލިވަޕޫލަށް ބަދަލުވުމުގެ ކުރިން ޗެލްސީގައި އޭނާ ހޭދަކުރި ދުވަސްވަރުގައި އޭނާގެ ހުނަރު ދައްކާލުމަށް ފުރުސަތު ނުލިބުނު ކަމަށާއި، އޭނާ ބޭނުންވީ އެނބުރި އައިސް އޭނާގެ ހުނަރު ދައްކާލުމަށް ކަމަށެވެ. ސަލާހު ވަނީ ލިވަޕޫލަށް ކުޅެދިން 33 މެޗުގައި 31 ލަނޑު ޖަހައި ގޯލްޑަން ބޫޓުގެ ރޭހުގައި ވެސް ކުރިހޯދާފަ އެވެ. އަދި ހޮނިހިރު ދުވަހު ލީގުގައި ވެސްޓް ބްރޮމް ކޮޅަށް ވައްދާލި ލަނޑާ އެކު ސަލާހް ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ، ލުއިސް ސުއާރޭޒް އަދި އެލަން ޝިއަރާ އާއެކު ސީޒަނެއްގައި 38 ލަނޑު ޖެހިކަމުގެ ރެކޯޑް ފޮތަށް އަރާފަ އެވެ.

އިޓަލީވިލާތުގެ ރޯމާއަށް ކުޅުމަށްފަހު ސަލާހު ލިވަޕޫލްއާއި ގުޅުނީ ނިމިދިޔަ ސީޒަނުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ގައި 34 މިލިއަން ޕައުންޑުގެ އަގަކަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...