އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާ ގޮއިދޫގައި ވަރަށް ކާމިޔާބްކަމާއި އެކު ބާއްވައިފި!

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާ ފޮޓޯ: އިމޭޖޭސް އެމްވީ

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާ ގޮއިދޫގައި ވަރަށް ކާމިޔާބުކަމާއި އެކު ބާއްވައިފިއެވެ. މިއީ މާލެއިން ބޭރުން ރަށެއްގައި އޮލިމްޕިކް ކޮމިޓީއިން ބޭއްވި ފުރަތަމަ އަހަރީ އާއްމު ޖަލްސާގައެވެ. އޮލިމްޕިކް ކޮމިޓީއިން ކޮންމެ އަަހަރަކު ބާއްވާ އެ ކޮމިޓީގެ އެނުއަލް ޖެނެރަލް އެސެމްބްލީވަނީ ވަރަށް ބޮޑަށް ތަފާތު ކޮށްލާފައެވެ.

އެގޮތުން އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާ މި އަހަރު ކުލަގަދަކޮށް ބާއްވާފައިވަނީ ބާ އަތޮޅު ގޮއިދޫގައި. ގޮއިދޫގެ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެކު އޮލިމްޕިކް ކޮމިޓީއިން ބޭއްވި އަހަރީ އާއްމު ޖަލްސާ ވަރަށް ކާމިޔާބްކަމާއި އެކު ކުރިޔަށް ދިޔަ ކަން އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރަމުން ދާ އިސްވެރިންނާއި އެކު، މާލެއިން ބޭރުގައި ހުރިހާ ކަމެއްވެސް ތަފާތު ކޮށް ބޭއްވުމާއި ގުޅޭގޮތުން ޝަވީދު ވިދާޅުވީ، މި އަހަރުގެ އަމާޒަކަށްވީ ރާއްޖޭގެ ރަށްތަކަށް ވެސް ހުރި ފުރުސަތުތައް ބަލައި، އެ ރަށްތަކުން ކުޅިވަރުގެ ދާއިރާއަށް ކޮށްދެއްވާ ކަންކަމުގެ އަގުވަޒަން ކުރުން ކަމަށެވެ.

އެގޮތުން ޝަވީދު ވިދާޅުވީ މިއަހަރުގެ އަހަރީ އާއްމު ޖަލްސާ ގޮއިދޫގައި ބާއްވަން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުންވެސް ނިންމާފައިވާކަމަށެވެ. އަދި ގޮއިދޫއިން ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ކޮށްދެއްވާފައިވާ ޙިދުމަތްތަކަކީ އެކަމުގެ އަގުވަޒަން ކުރުން ހައްޤު ކަމެއް ކަމަށް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޝަވީދު ވިދާޅުވިއެވެ.


އޮލިމްޕިކް ކޮމިޓީގެ ފަރާތުން އެ ކޮމިޓީގެ ރައީސް ޝަވީދް ގޮއިދޫ އަށް ހާއްސަ އެވޯޑްއެއް ހަވާލް ކުރައްވަނީ ފޮޓޯ: އިމޭޖޭސް އެމްވީ

ރާއްޖޭގައި މިހާރު އާއްމުކޮށް ކުޅެމުންދާ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުން ބައިވެރިވި، މި އަހަރު އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާގައި ފެނިގެން ދިޔައީ އޮލިމްޕިކް ކޮމިޓީގެ ކުލަތަކުން އެސޯސިއޭޝަންތަކުގެ ވެރިން ޓީޝާޓް ތުރުކުރައްވާއިގެން ތިބި މަންޒަރުއެވެ. އަހަރީ އާއްމު ޖަލްސާގެ ތެރެއިން މުހިންމު ކަންތައްތަކެއް ވަނީ ފާސްކޮށްފައެވެ.

އެގޮތުން އޮލިމްޕިކް ކޮމިޓީއިން ކުރިއަށް އޮތް އަހަރަށް ލަފާ ކުރާ ބަޖެޓާއި، ބަޖެޓު ޚަރަދު ކުރާނެ ގޮތް ހިމެނޭ. އެގޮތުން އެޖެންޑާގައި ހިމަނާފައިވާ ހުރިހާ ކަމަކަށްވެސް އެސޯސިއޭޝަންތަކުން ވަނީ އިއްތިފާގްވެފައެވެ. މި ބައްދަލުވުމުގެ ތެރެއިން ނެޝިނަލް ރީހެބިލިޓޭޝަން ސެންޓަރު ޤާއިމް ކުރުމާއި ގުޅޭގޮތުންވެސް އޮލިމްޕިކް ކޮމިޓީއިން ވަނީ މަޢުލޫމާތު ދީފައެވެ.

އޮލިމްޕިކް ކޮމިޓީގެ އަހަރީ ޖަލްސާގައި އެ ކޮމިޓީގެ މި އަހަރުގެ ބަޖެޓް ފާސްކުރިއިރު މި އަހަރު ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 48.8 މިލިއަން ރުފިޔާއެވެ. އަދި އޮލިމްޕިކް ކޮމިޓީގެ ޚަރަދުތަކުގެ ގޮތުގައި ޖަހާފައިވަނީ 46.1 މިލިއަން ރުފިޔާއެވެ.

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާގައި ވޯޓް ލަމުން ދަނަކޮށް ފޮޓޯ: އިމޭޖޭސް އެމްވީ

ޝަރަފްވެރި މެހެމާނެއްގެ ގޮތުން އަހަރީ އާއްމު ޖަލްސާގައި ބައިވެރިވަޑައިގެންނެވި ޑރ. ޒާހިރު ހުސައިން ވިދާޅުވީ، ދިވެހި ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ރާއްޖެއަށް ކޮންމެ ކުޅިވަރަކުންވެސް ރަން މެޑަލްއާއި ރިހި މެޑަލް ނެގޭނެ ކަމަށް.

ޑރ. ޒާހިރު ވަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މޫދު ކުޅިވަރުތައް އިތުރު ކުރުމަށް ގޮވާލާފައެވެ. ޑރ. ޒާހިރު ވިދާޅުވީ ރާއްޖޭގެ ވެށްޓާއި ގުޅުން ހުރި ކުޅިވަރުތައް ގެންނަން ޖެހޭ ކަމަށެވެ. ކުޅިވަރަކީ ޒުވާނުންގެ ތަރުބިއްޔަތުގެ ފާލަންކަން ފާހަގަކުރައްވާ ޑރ. ޒާހިރު ވިދާޅުވީ ސްކޫލް ދައުރުގައި ހިންގާ ކުޅިވަރު ޕްރޮގްރާމްތައް އިތުރަށް ޙަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

އޮލިމްޕިކް ކޮމިޓީގެ ޖަލްސާގެ ތެރެއިން ޑރ. ޒާހިރު ފޮޓޯ: އިމޭޖޭސް އެމްވީ

މި ޖަލްސާގެ ތެރެއިން އެކި އެކި ފަރާތްތަކަށް އެވޯޑް ހަވާލްކޮށްފައިވާއިރު، ގޮއިދޫ އަށް ވަނީ ހާއްސަ އެވޯޑެއް އޮލިމްޕިކް ކޮމިޓީގެ ފަރާތުން އަރުވާފައި. މީގެއިތުރުން ގޮއިދޫ ސްކޫލަށް އެކި ކުޅިވަރު އެސޯސިއޭޝަންތަކުން އަގުހުރި ހަދިޔާ ދެއްވާފައިވެއެވެ.


އަދި އަހަރީ އާއްމު ޖަލްސާގައި 2020 ވަނަ އަހަރު ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސްއަށް ތައްޔާރުވަމުންދާ އެތުލީޓުންނަށް ސްކޯލާޝިޕްވެސް ވަނީ ހަވާލުކޮށްފައެވެ. އެއީ ދުވުންތެރިޔާ މުހައްމަދު ނާއިލްއާއި ދެ ފެތުންތެރިން ކަމަށްވާ މުބާލް އައްޒާމް އަދި އައިޝަތު ސާޖިނާއަށެވެ.

އެގޮތުން ދެއްވާފައިވާ ހަދިޔާތަކުގެ ތެރޭގައި ބިލިއާޑް އެޝޯޝިއޭޝަންގެ ފަރާތުން ބިލިއާޑް ބޯޑަކާއި، ކެރަމް އެސޯސިއޭޝަންގެ ފަރާތުން ކެރަމްބޯޑާއި، ކްރިކެޓް އެސޯސިއޭޝަންގެ ފަރާތުން ކްރިކެޓް ބެޓް، ފުޓުބޯޅަ އެސޯސިއޭޝަންގެ ފަރާތުން ފުޓްބޯޅައާއި، ޓެނީސް އެސޯސިއޭޝަންގެ ފަރާތުން ޓެނިސް ރެކެޓާއި އިތުރު ތަފާތު ހަދިޔާތައް އެކި އެސޯސިއޭޝަންތަކުގެ ފަރާތުން ވަނީ ހަވާލުކޮށްފައެވެ. 

ކުޅިވަރު އެޝޯޝިއޭޝަންތަކުގެ ފަރާތުން ސްކޫލް ދަރިވަރުންނަށް ހަދިޔާ ހަވާލްކުރަނިކޮށް ފޮޓޯ: އިމޭޖޭސް އެމްވީ

އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ ގޮއިދޫގައި ސްކޭޓް ޕާކެއް އެޅުމަށް ބިންގާ އަޅާފައެވެ. އެގޮތުން ގޮއިދޫގެ ބަނދަރު މަތީގައި ބޭއްވި ކުލަގަދަ ހަފްލާގައި އޮލިމްޕިކް ކޮމިޓީގެ ހުރިހާ މެމްބަރުންނާއި، ސްޕޯޓްސް ކޮމިޝަނާރ އަލީ އުމަރުގެ އިތުރުން ގޮއިދޫގެ އިސްވެރިން ވަނީ ބިންގާ އަޅާފައެވެ. މި ކަމާއި ގުޅިގެން އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު މަރްޒޫގް ވިދާޅުވީ، މިދަފަ ސްކޭޓް ޕާކެއް ޤާއިމްކޮށްދޭން ނިންމީ، ގޮއިދޫގެ ތުއްތުކުދިންގެ މެދުގައި ސްކޭޓް ކުރުމަށް އޮންނަ ލޯތްބާއި ޝައުޤެއްގެ ސަބަބުން ކަމަށާއި ވަރަށް އަވަހަށް ސްކޭޓް ޕާކްގެ މަސައްކަތް ނިމޭނެ ކަމަށެވެ.

އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ ގޮއިދޫގައި ސްކޭޓް ޕާކެއް އެޅުމަށް ބިންގާ އަޅަނީ ފޮޓޯ: އިމޭޖޭސް އެމްވީ

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...