މާލޭގެ މަގުތައް ހަޑިކުރުމަށް މަސައްކަތް ކުރާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނަން- އާމިރު

މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރ އާމިރު ވާހަކަ ދައްކަވަނީ: ފޮޓޯ ޗެނަލް13

މާލޭގެ މަގުތަށް ސާފުކުރުމަށް ވެމްކޯއިން ކުރާ މަސައްކަތަތަކަށް ހުރަސްއަޅާ، މާލޭގެ މަގުތައް ހަޑިކުރުމަށް މަސައްކަތް ކުރާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް އެންވައިރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވެއްޖެއެވެ.

ވެމްކޯއިން ރަސްމީކޮށް މާލެ އަދި ވިލިމާލޭގެ އާންމުން އެއްވެ އުޅޭ ސަރަހައްދުތަކާއި މައިޒާން ފަދަ ތަންތަން ސާފު ކުރުމުގެ މަސައްކަތާ ގުޅޭގޮތުން މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވައިރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވީ ވެމްކޯއިން ރަސްމީކޮށް މާލެ އަދި ވިލިމާލޭގެ އާންމުން އެއްވެ އުޅޭ ސަރަހައްދުތައް ސާފުކުރަން ފަށާނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.


އަދި މާލެއާ ވިލިމާލެ ސާފުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެންވައިރުމެންޓް މިނިސްޓްރީން އިސްނަގައިގެން ހިންގި ހަރަކާތަކީ އެންމެހާ ރައްޔިތުންނަށްވެސް ފައިދާ އަކަށް ހިންގި ހަރަކާތެއް ކަމަށް ވާއިރު، ވެމްކޯއިން އެ ހަރަކާތް ކުރިއަށްގެންދާކަން އެނގުމުން ބައެއް ފަރާތްތަކުން އުދަނގޫ ކުރުމުގެ ގޮތުން މަގުތަކަށް ކުނި އެއްކޮށްފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި މިފަދަ އަމަލުތަށް ކުރާނަމަ ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށާ، ސަރުކާރުން ކުނި މެނޭޖްކުރުމަށް ފައްޓަވާފައިވާ މި މަސައްކަތަށް ޢާމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުން ވާކަމަށް އާމިރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ހައުސް ހޯލްޑް ކަލެކްޝަންގެ ހެޑް މުހައްމަދު ޝާން ވިދާޅުވީ ވެމްކޯއިން މާލެއާ ވިލިމާލެ ސާފުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހިންގި ހަރަކާތް ކުރިއަށްގެންދިޔައީ މާލެ 10 ޒޯން އަކަށް ބަހާލައިގެން ކަމަށާ، 3 ގަޑި އިރުގެ ތެރޭގައި 70 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު ކަމަށެވެ. އަދި މި މަސައްކަތުގައި ކުރިއަށްދާއިރު، އަޒުމަކީ މާލެއާ ވިލިމާލޭގެ މަގުތަށް ސާފުތާހިތުތަނެއްގެ ގޮތުގައި ދެމެހެއްޓުން ކަމަށެވެ.

'މާ ސާފު މާލެ' މި ޝިޔާރުގެ ދަށުން ވެމްކޯއިން މާލެއާ ވިލިމާލޭގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި މި ހަރަކާތުގައި 120 މުއައްސަސާއަކުން ހަތަރު ހާހަށް ވުރެން ގިނަ ފަރާތްތައް އަމަލީ ގޮތުން ބައިވެރިވެފައި ވާކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ. އަދި މި ހަރަކާތަށް ޢާމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން ވެމްކޯއިން ފާހަގަކުރެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...