އަނިޔާއަކީ އިޝްގެއް ކަމަށް ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވަރަށް ފުރިހަމަ އަޣްލަބިއްޔަތާއެކު، ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް މއ. ކާމިނީގޭ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އިންތިޚާބު ކުރައްވާފައެވެ. ބަޔަކު ގަބޫލުކުރަން ބޭނުން ނުވިޔަސް މިއީ ރާއްޖޭގެ ރައްޔިތުންގެ ނިންމުމެވެ. ޑިމޮކްރަސީގެ ރީތި އުސޫލުތައް ގަބޫލު ކުރުމުގެ ބަދަލުގައި ހުޅަނގުގެ ޔަހޫދީންގެ އުސޫލުތައް ގަބޫލުކުރާ ބަޔަކަށް މި ނިންމުން ބަލައިގަންނާކަށް އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. ރައީސް ޔާމީންގެ ވެރިކަމަށް އެންމެ އަހަރެއްވެސް ނުވަނީސް ވެރިކަން ވައްޓާލުމަށް ބަޔަކު މީހުން މަސައްކަތް ފެށިއެވެ. 

ގާނޫނު އަސާސީގެ ހިމާޔަތުގައި ކަމަށް ބުނެ ސިޔާސީ ގޮތުން ފެއިލްވެފައިވާ ބަޔަކު މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅު އެއްވުންތައް ބާއްވާ ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ފެށި އިރު، އެކަމުގެ އެންމެ އަޑީގައި ތިބީ ހުޅަނގުގެ ޔަހޫދީންކަން ފާހަގަކޮށްލެވެއެވެ. ފައިސާއާއި އެހެނިހެން އެހީތައް ވެދީގެން ގާނޫނީ ސަރުކާރު ވައްޓާލުމަށް ދިވެހިންގެ ތެރެއިން ބައެއްގެ ބޮލަށް ސަވާރުވެގެން އުޅޭ ސަބަބު ރައްޔިތުންނަށް އޮޅިފައި ނުވާނެކަން ޔަގީނެވެ. ނަމަވެސް ވަކި ވަރަކަށް ވުރެ ބޮޑަށް ވެރިކަމަށް ދަހިވެތިވެއްޖެ މީހާ އަމިއްލަ ގައުމު ގުރުބާންކޮށްފައި ވިޔަސް ވެރިކަން ފޭރިގަތުމަށް މަސައްކަތް ކޮށްފައިވާކަމީ މާޒީގައި ދިވެހިން ދެކެފައިވާ ހަގީގަތެއްކަން ފާހަގަކޮށްލަންޖެހެއެވެ. 

ނަމަވެސް އަޅުވެތިކަމުގެ ހިތި ރަހަވެސް ދެކެފައިވާ ބަޔަކު ހިމެނޭ ގޮތައް ކުރިއަށް ގެންދާ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ގައުމާއި ރައްޔިތުންނަށް ލިބިދާނެ އެއްވެސް ދެރައަކާ މެދު ވިސްނާލުމެއްނެތިއެވެ. ސަރުކާރާ ދެކޮޅު ފަރާތްތަކުން ތަފާތު ނަންނަމުގައި އެއްވުންތައް ބޭއްވި އިރު، މިއިން ކޮންމެ ފަހަރަކުވެސް މުގުލުގައި ހުންނެވީ އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދުއެވެ. ނަޝީދު ވިދާޅުވާ ގޮތުގައި ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ބޭނުންފުޅުވަނީ ފަސް އަހަރުގެ ދައުރު ފުރިހަމަ ނުކުރެވި އޮތުމުން ދައުރުގެ ބާކީ ދެއަހަރު އަލުން ވެރިކަން ކުރައްވާ ދައުރު ފުރިހަމަ ކުރެއްވުމަށެވެ. ނަމަވެސް ގާނޫނު އަސާސީގައި އެގޮތައް ތަންނުދޭ އިރު، ގައިދީއަކަށް ވެރިކަމަށް ކުރިމަތިލެވޭނެ އެއްވެސް ގާނޫނެއް ނެތެވެ. 

އަދި ގާސިމް އިބްރާހީމް ވިދާޅުވާ ގޮތުގައި އޭނާ ވެރިކަމަށް ވަޑައިގަތުމަށް ބޭނުން ވަނީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައި ދިނުމަށެވެ. ނަމަވެސް ހަގީގަތަކީ ރައްޔިތުންނަށް 191 މިލިއަން ޑޮލަރުން ދަރާފައިވާ މީހަކު ރައްޔިތުންނަށް ހެޔޮ ނޭދޭނެ ކަމާ، އޭގެ ފަހަތުގައި އަމިއްލަ އެދުން އިސްކޮށްފައިވުން ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. މީގެއިތުރުން ތިރީސް އަހަރު ގައުމުގައި ވެރިކަން ކުރެއްވި ރައީސް މައުމޫން ވެސް ގެންދަވަނީ ވެރިކަމަށް ވަޑައިގަތުމުގެ ފޮނި ހުވަފެންތަކެއް ދެކެވަޑައިގަންނަވަމުންނެވެ. 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވަނީ ރައީސް މައުމޫނަށް ނޫނެކޭ ބުނެފައެވެ. ނަމަވެސް އަދިވެސް މަރު ދުވަހަަށް ވެރިކަން ކުރެއްވުމުގެ ވިސްނުންފުޅު ހުންނެވުމާއެކު 80 އަހަރުން މަތީގެ ބޭފުޅުންނަށް ވެސް ވެރިކަމަށް ކުރިމަތިލެވޭނެ ކަމަށް ވިދާޅުވެ ރައީސް މައުމޫން ވެސް ވެރިކަމާ ކޯޅެމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ. 

އިދިކޮޅުގައި ހައްތަހާވެސް ވެރިންނެވެ. ވެރިކަން ބޭނުން ނުވާ ހަމަ އެންމެ ބޭފުޅަކު ވެސް ނެތެވެ. ނަމަވެސް މިއިން ކޮންމެ ބޭފުޅަކީ ވެސް ކުށްވެރިން ކަމަށް ވުމާއެކު އެއްވެސް ބޭފުޅަކަށް ވެރިކަމަށް ވަޑައިގަތުމަށް ގާނޫނު އަސާސީ ތަނެއް ނުދެއެވެ. އެހެންކަމުން އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ގާނޫނާ ޚިލާފަށް މަގުމަތިން ވެރިކަން ވައްޓާލުމަށެވެ. ނަމަވެސް މިއަދު ވަލިއްޔުލް އަމްރުގެ މަގާމުގައި ހުންނެވި ރައީސް ޔާމީނަކީ އެއަށްވުރެ ހިތްވަރު ގަދަ ކެތްތެރި އަދި ހިކުމަތްތެރި ބޭފުޅެއްކަމަށް ވުމާއެކު އިދިކޮޅު ފަރާތްތަކުން ހަތަރު އަހަރު ދުވަހު ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. 

މިއަދާ ހަމައަށް އާއިރު ތަފާތު ނަންނަމުގައި ސަރުކާރު ވައްޓާލުމަށް މުޒާހަރާތައް ކޮށްފައިވާ އިރު، ތަފާތު ރޭވުންތައް ރާވާފައިވެއެވެ. ނަމަވެސް މިހާތަނަށް ރޭވި ކޮންމެ ރޭވުމެއް އަތަށް ގޮވާފައިވާ އިރު، ކޮންމެ މުޒާހަރާއެއްވެސް ނިމިގެން ދިޔައީ ތޮޅިޔަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލައިގެން ވެރިކަން ހޯދުމަށް އެކި ފަހަރު މަތިން މަސައްކަތްކޮށް، އެންމެ ފަހުން އެކަމުގައި އުޅުނު މީހުން ކުޑަގޮޅިއަށް ދާންޖެހުނުކަން މިއީ ވެސް މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ދެކެފައިވާ މަންޒަރެކެވެ. މިހާތަނަށް ބޮޑު މުޒާހަރާގެ ނަމުގައި އެކާވީސް މުޒާހަރާ ކޮށްފައިވާއިރު، އެންމެ ފުރަތަމަ ސަރުކާރު ވައްޓާލުމަށް ނުކުތީ ގާނޫނު އަސާސީގެ ދިފާޢު ކުރުމުިގެ ނަމުގައެވެ. 

އަދި އޭގެ ފަހުން ބޮޑު ބުރާސްފައްޝައި، ކަޅު ހުކުރާއި، ބޮޑު ހުކުރާއި، އެއްބުރުގެ އިތުރުން ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް، އަދި އިންސާފުގެ ދަތުރުގެ ނަމުގައި ވެސް މުޒާހަރާތައް ބޭއްވިއެވެ. އަދި އޭގެ އިތުރުން މިންޖުވާން، އިންސާފުގެ ދަތުރު، ކޮބާ ކޮބާ މަގޭ ވޯޓްގެ އިތުރުން ޒުވާނުންގެ ބޮޑު އެއްވުމެއް ވެސް ބޭއްވިއެވެ. އަދި ގައުމު ވިއްކުމާ ދެކޮޅު ގެ ނަމުގައި މުޒާހަރާއެއް ކުރި އިރު، އަނިޔާވެރިކަމާ ދެކޮޅު، 27 ފެބްރުއަރީ، އަނިޔާވެރިކަން ނިންމަން، އިންސާފު މަގަށް އަދި އިންތިޚާބު އަވަސްކުރުމަށް ގޮވާލާ އެއްވުން ބޭއްވި އިރު، ހުކުމް ތަންފީޒުކުރުމަށް ގޮވާލުމާއި، ހުއްޓުވާ ދޭތިން ފަހެތީގެ ނަމުގައި މުޒާހަރާކޮށް، އަދި ސިޔާސީ ހައްޔަރީން ދޫކޮށްލާ މުޒާހަރާއާއި، މޭޑޭ ގެ ބޮޑު މުޒާހަރާއާއި، ވައްޓާލާ މުޒާހަރާގެ އިތުރުން ބޮޑު ސޯޅަ މުޒާހަރާ ވެސް ބޭއްވިއެވެ. ވީ ހަމަ އެއްވެސް ކަމެއް ނެތެވެ. ގޮވީ ހަމަ އަތަށެވެ. ކޮންމެ މުޒާހަރާއެއްވެސް ނިމިގެން ދިޔައީ ގާނޫނާ ޚިލާފްވި އެތައް ބަޔަކު ހައްޔަރު ވެގެންނެވެ. 

އެކި ފަހަރު މަތިން ވެރިކަން ވައްޓާލަން މުޒާހަރާތައް ކުރި އިރު، ރައީސް ޔާމީން އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައި ވެއެވެ. މިއިން ކޮންމެ ފަހަރަކު ވެސް އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންނެވިއެވެ. އިޚުލާސްތެރި ވެރިޔަކަށް ނަސްރު ދެއްވާނެކަން ޔަގީނެވެ.
މީގެއިތުރުން ތަފާތު ނަންނަމުގައި މުޒާހަރާތައްކޮށްފައިވާ އިރު، މީގެކުރިން ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި ވެސް ވެރިކަން ވައްޓާލަން އަތޮޅުތަކުން ރަތް ހާލާ ކާޅު ގެނެސް ކަންވެރިން ލައްވާ ސިހުރު ހާހޫރަ ހެދި އިރު ދިރޭ ތަކެތި ކަތިލާ ކަނޑަށް ލޭއަޅައި، ކޮންމެ ހުކުރު ދުވަހަކު މާލޭގެ މަގުތަކުގައި ކިޔެވެލި ކިޔަވާ ދުން އަޅަމުން ހިނގި ކަން ވެސް ފާހަގަކޮށްލެވެއެވެ. ނަމަވެސް އެފަހަރުވެސް އިދިކޮޅު އެމްޑީޕީން ކުރި މަސައްކަތުގައި އެބައި މީހުންނަށް އަލިމަގެއް ނުފެނުނެވެ. އެންމެ ފަހުން ބޭއްވި ބޮޑު ސޯޅަ ތޮޅިއަށް ދިއުމުން ވެރިކަން ވައްޓާލަން އާ އުކުޅެއް ބޭނުން ކުރާ ވާހަކަ ދާދިފަހުން މިވަނީ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރ މުހައްމަދު އަބްދުﷲ ހާމަކުރައްވާފައެވެ. އެއީ ބަތްޕެން ބޮއިގެން ސަރުކާރު ވައްޓާލާ ވާހަކައެވެ. 

މި ހިނގާ އޭޕްރީލް މަހުގެ ހަވަނަ ދުވަހުގެ ރޭ އިހަވަންދޫގައި ބޭއްވި އިދިކޮޅު ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު އަބްދުﷲ ވިދާޅުވީ ސަރުކާރު އޮތީ ހެލިހެލި ކަމަށާއި، ބަތްޕެން ބުއިމުން ދަތެއް ވެއްޓޭހާ ފަސޭހައިން ސަރުކާރު ވެއްޓޭނެ ކަމަށެވެ. ރައްޔިތުން ގުނބޯ ހައްދައިގެން މާލޭގައި ބޭއްވި އެއްވުންތަކުން ކުރި އެރުން ނުލިބުމުން އަތޮޅުތަކުގައި ތިބި ރައްޔިތުންގެ ވިސްނުމާ ފިކުރާ ކުޅެން މަސައްކަތް ކުރި ކަމުގައި ވިޔަސް ސިޔާސީ ގޮތުން އެއްވެސް އުރަތްޕެއް ނެތް މީހަކު ދައްކާ ވާހަކަތަކަށް ރައްޔިތުން މިއަދަކު ނުހެއްލޭނެއެވެ. ދެ އިރު ދެދަޅައަށް ބޮނޑިބަތް ކައިގެން މަގުމަތީގައި ދުވެގެން ނުވެއްޓުނު ސަރުކާރެއް ބަތްޕެން ބޮއިގެން ވެއްޓޭނެ ކަމަށް ގަބޫލުކުރާނީ މުހައްމަދު އަބްދުﷲ ކަހަލަ މޮޔައެއްކަން ޔަގީނެވެ. 

އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ސަރުކާރު ވައްޓާލެވެން އޮތް ކަމަށް ވިދާޅުވެ ރައްޔިތުންގެ ގާތުގައި ފޮނި ބައިސާ ކަނޑަމުން ދިޔައިރު، މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތައް ބޭނުންވާ ގޮތައް އެއްވެސް ކަމެއް ނިންމުމުގެ ބާރު އެފަރާތްތަކުގައި ނެތްކަން މުހައްމަދު އަބްދުﷲއަށް ނޭނގުނަސް ރައްޔިތުންނަށް އެކަން ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެއެވެ. އަދި މަޖިލީހުގައި ބޮޑު ގޮނޑިއަށް ވެޑުވިގެން ފިނި ކޮޓަރީގައި ތިބެ ވެރިކަން ވައްޓާލެވޭ އިރު، ރޭގަނޑު ލޮލުފިޔަ ނުޖަހާ ތިބެ، ރެއާ ދުވާލު މަގުތަކަށް ނުކުމެ ރަތްދަކަ އަވީގައި ހަނާވާން ތިބެންވީ އެއްވެސް ސަބަބެއް ނެތެވެ.

ފިލްމީ ދާއިރާގައި މުހައްމަދު އަބްދުﷲ އެކްޓް ކުރަން އުޅުއްވި ދުވަސްވަރު ބަޔަކު މީހުން ހެވިފައި އަތްޖަހަން ތިއްބަސް، ސިޔާސީ ދާއިރާގައި މުހައްމަދު އަބްދުﷲ އަކީ ތަސައްރަފު ފުދިގެން ސިޔާސީ ކަންކަމަށް އާޖުފާޖު ވިދާޅުވާ ބޭފުޅެއް ނޫނެވެ. ބަޔަކު މީހުން ތެޅިތެޅި ހުޅުނބު ދިޔައިރުވެސް ރައީސް ޔާމީން އިސްތިއުފާ ނުދެއްވީ އެމަނިކުފާނު ކުރެއްވި ހުވަޔާއި، ހިތްވަރާ ސާބިތުކަމާ އެކު ދެމިހުންނެވީތީއެވެ.

އަދި އެތެރެއާއި ބޭރުގެ ފިއްތުންތަކާ އެކު ވެސް އެމަނިކުފާނު ގެންދަވަނީ ގައުމާ ރައްޔިތުންގެ ހައްގުގައި ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. އެހެންކަމުން ބަތްޕެން ބޮއިގެން ވައި ލައްވާލުމުން ނަޝީދު އިސްތިއުފާދެއްވާފައި ވަޑައިގެން ގޮތައް ރައީސް ޔާމީން އިސްތިއުފާ އެއް ނުދެއްވާނެއެވެ. ނަމަވެސް ވެރިކަމަށް ފެންބޮވައިގެންފައިވާ ބަޔަކު ރައްޔިތުން ގުނބޯ ހެއްދުމުގެ ބޭނުމުގައި ކޮސް ގޮވާނެ ކަމަށް ކޮންމެ ރައްޔިތަކު ވެސް ގަބޫލު ކުރާނެކަން ޔަގީނެވެ.

ލައްކަ މުޒާހަރާތައް ވެސް ކޮށްފިއެވެ. އެންމެ ފަހުން މުޒާހަރާތަކަށް ނުކުންނާނެ ބަޔަކު ނުވުމުން މުޒާހަރާގައި ހައްޔަރުވާ ކޮންމެ މީހެއްގެ އާއިލާއަށް މަހަކު ފަސް ހާސް ރުފިޔާ ދޭ ގޮތައް އުޖޫރައެއް ކަނޑައަޅައިގެން މީހުން ނެރެ ސަރުކާރު ވައްޓާލަން ކުރި މަސައްކަތް ވެސް ދިޔައީ ހަމަ ފަނު ފުލުންނެވެ. މޮޔަ ހައްލައިގެން މަދު ބަޔަކު ނެރެގެން ކުރި މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުން ހައްޔަރުކުރި މީހުން ކުޑަގޮޅީގައި ތިބި އިރު ހައްޔަރަށް ދާ މީހުންނަށް އެމްޑީޕީން ކަނޑައެޅި ފަސް ހާސް ރުފިޔާ ހޯދަން ދިއުމުން އެފައިސާ ނުދީގެން އަނެއްކާވެސް އެބައި މީހުން ޕާޓީގެ އިސްވެރިންގެ ގޭ ދޮށުގައި މުޒާހަރާކުރި މަންޒަރު ވެސް ފެނިގެން ދިޔައެވެ. އަދި ސަރުކާރު މިރޭ ވެއްޓޭނެ ކަމަށް ބުނެ މަހަކަށް ވުރެ ގިނަ ރޭ ވަންދެން ބަޔަކު މީހުން މަގުތަކަށް ނެރެ ވެރިން ފިލާ ތިބެގެން ދާދި ފަހުން ވަނީ މުޒާހަރާތަކެއް ކޮށްފައެވެ. އެފަހަރުވެސް ދިޔައީ ހަމަ ޗޮކުންނެވެ. މީގެއިތުރުން ފާއިތުވެ ދިޔަ ބާރަ އަހަރު ދުވަހުގެ ތެރޭގައި އިދިކޮޅު އެމްޑީޕީއަށް އެންމެ ކަމު ނުދާ މުއައްސަސާ ތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ ޝަރުއީ ކޯޓުތައް ހިމެނެއެވެ. ނަމަވެސް ކުއްލި އަކަށް ކޯޓުތައް ރަގަޅުވެ ފަނޑިޔާރުން ހުދު ކާފޫރަށްވެ، ހުދު ޖަންގިޔާގެ ކުލަ ރީނދޫ ކުލައިން ބަޔަކަށް ފެނުން ދުވަސްވެސް ރައްޔިތުންނަށް ފެނިގެން ހިނގައްޖެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. 

ވެރިކަން ވައްޓާލަން ކުރި ހުރިހާ މަސައްކަތެއް ފަނު ފުލުން ގޮސް އެންމެ ފަހުން ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ވެރިކަން ވައްޓާލުމުގެ މަސައްކަތް ވެސް އިދިކޮޅު ފަރާތްތަކުންކޮށްފައިވާ ކަމަށް ދިވެހި ރާއްޖޭގެ ތަހުގީގީ އިދާރާތަކުން މިވަނީ ތުހުމަތުކޮށްފައެވެ. ޖަލުގައި ދިގު މުއްދަތަކަށް ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީންތަކެއް އެއްވެސް ޝަރުތަކާ ނުލާ މިނިވަން ކުރުމަށް އަމުރު ނެރެދެއްވުމުން، އެންމެ ބޮޑަށް ބުއްދި ފިލާ ދިޔައީ ގައުމުން ބޭރުގައި އަރުވާލެވިގެން ތިބި ގައިދީންކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން އެއް ދުވަސްވަރެއްގައި ކޯޓުތައް ކުރިމަތީ ބޮލުގައި އަޅައިގެން އުޅުނު ހުދު ޖަންގިޔާ އެކި ކުލަކުލައިން މިއަދު ފެންނަން ނުޖެހޭ އެއްވެސް ސަބަބެއް ނެތެވެ.


ސްޕްރީމް ކޯޓުގެ އަމުރާ އެކު ވަގުތުން މާލެ އެރުމަށް ތައްޔާރަށް ހުންނެވިކަން އިއުލާން ކުރެއްވި ގައިދީން ވެސް ހިމެނެއެވެ. ވެރިކަން ބޭނުންވެ އެކަމަށް ކެތްމަދުވެފައި ތިބި ބަޔަކު ކުރީ ސަފަށް ނެރެގެން އިސްތިއުފާދެއްވި ރައީސް ނަޝީދު ރޭވި ހުރިހާ ރޭވުމެއް ފަނުފުލުން ދިޔައިރު، އެއީ ވެރިކަން ބަދަލު ކުރުމަށް އެންމެ ފަހުން ބޭނުންކުރަން އޮތް ހަތިޔާރު ކަމަށް ބަޔަކަށް ޔަގީން ކުރެވިގެން ދިޔަ ނަމަވެސް އެކަން ވެސް ދިޔައީ ހަމަ ޗޮކުންނެވެ. ވެރިކަން ބަދަލު ކުރުމަށް ކުރި ހުރިހާ ކަމެއް އަތަށް ގޮވައި، މުޒާހަރާތަކުން ކުރިއެރުން ނުލިބުމުން، ނަޝީދުގެ މިސްރާބު ބަދަލުކޮށްލީ އެހެން ދިމާލަކަށެވެ. 

މަސައްކަތުގައި ދުވަސްތައް ހޭދަކޮށްލުމަށް ފަހު، އަރާމުކޮށްލުމަށް ކުރު ޗުއްޓީއެއް ނަގައިގެން ރާއްޖެއަންނަ ފަތުރުވެރިންވެސް ނަޝީދަށް ވެރިކަން ހޯދައި ދިނުމަށްޓަކާ މާލޭގައި މުޒާހަރާކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަނީ ނަޝީދަށް ވެރިކަން ހޯދައިދެން މަސައްކަތް ކުރަން ކަމުގައި ދެކެވަޑައިގަންނަވާނަމަ އެއީ ވަރަށް ބޮޑު ކުށް ހީއެކެވެ. މޮޔަފުޅު ވިޔަސް މިއީ ދެން ބޮޑުވަރެވެ. މީގެއިތުރުން ސިޔާސީ އިދިކޮޅު ފަރާތްތައް ލައްވާ ބޮޑެތި ކުށްތައް ކުރުވައި، ވެރިކަން ބަދަލުކޮށްދީފި ނަމަ ބައިފަޅިއެއް ދޭނެ ކަަމުގެ ޔަގީންކަން ދީގެން ގައުމުގައި ހުރިހާ ފިތުނައަކާ ހަމަނުޖެހުމެއް އުފެއްދުމުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވީ އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދުއެވެ. އަދި ޖަލު ހުކުމުން ފިއްލެވުވުމަށްޓަކާ އަމިއްލަ ފުޅަށް އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުންނެވި ނަޝީދަކީ ހުޅަނގުގެ ދޮންމީހުންގެ ފައިދާއަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.


ސިޔާސީ ބޭފުޅެއްގެ އިތުރުން ގައުމުގެ އެއްވެސް ރައްޔިތަކަށް ހެޔޮ އެދިގެން މަސައްކަތް ކުރައްވާ ބޭފުޅެއް ނޫންކަން ޢާންމު ރައްޔިތުންނަށް ގަބޫލު ކުރެވުނަސް ސިޔާސީ ބައެއް ބޭފުޅުންނަށް އެކަން ގަބޫލު ކުރަން ދަތިވަނީ ވެރިކަމަށް ފެންބޮވައިގެންފައިވާލެއް ބޮޑުކަމުންނެވެ. ކޮންމެ މުޒާހަރާއަކަށް ފަހު ގާނޫނާ ޚިލާފް އަމަލުތައް ހިންގުމުގެ ސަބަބުން އާއިލާ ދޫކޮށް ޖަލުގެ ތޭރިތަކުގެ ތެރެއަށް ވަންނަން ޖެހޭ މީހުން ވެސް މަދެއް ނޫނެވެ. 

ނަޝީދުގެ މިއަވާގައި ޖެހުނު ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން ހިމެނިވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ. ގިނަ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި ރައީސް މައުމޫން މިއަދު ޖަލުގެ ގޮޅީގައި އިންނަވައިގެން ޖެހިވަޑައިގަތުމުގެ އެންމެ ބޮޑު ސަބަބަކަށް ވީ ނަޝީދުގެ ބަހަށް ހެއްލިވަޑައިގަތުމެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ނަޝީދުގެ އުމުރުން 23 އަހަރުން ފެށިގެން ހަޔާތް ވޭތުކުރެއްވީ ޖަލުގެ ތޭރިތަކުގެ ދަށުގައެވެ. ވެރިކަމާ ދެކޮޅަށް ބަސް ބުނުމާއި، ސަރުކާރަށް ފާޑު ވިދާޅުވި މައްސަލައިގައި ނަޝީދު ވަނީ އެކި ފަހަރު މަތިން ޖަލުގައި ދުވަސްތައް ހޭދަކުރައްވާފައެވެ. އެހެންކަމުން މިއަދު ރައީސް ނަޝީދު ރައީސް މައުމޫންގެ ކިބައިން ބަދަލެއް ހިފީ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. ނަޝީދުގެ މައްޗަށް އިއްވި ތޭރަ އަހަރުގެ ޖަލު ހުކުމާއެކު ބޭސް ފަރުވާއަށް ކަމަށްް ވިދާޅުވެ އިނގިރޭސި ވިލާތަށް ވަޑައިގެން ކުށްކުރުވުމަށް ބާރު ދެމުންދާއިރު، ފަހުން ވެދާނެ ގޮތަކާ މެދު ތިރީސް އަހަރު ވެރިކަން ކުރެއްވި ބޭފުޅަކަށް ވިސްނިވަޑައި ނުގެންކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. 

ކޮންމެ އަނިޔާއަކީ އިޝްގެއް ކަމަށް ދުށުމަށް ނަޝީދު ގޮވާލެއްވި އިރު، ރައީސް މައުމޫންގެ ވެރިކަމުގައި އެކި ފަހަރު މަތިން ނަޝީދަށް ދިން އަނިޔާތައް މައުމޫން ހަނދުމަފުޅު ނެތަސް އަނިޔާވެރިކަން ތަހައްމަލު ކުރި ނަޝީދުގެ ހިތުގައި އެހަނދާންތައް އަދިވެސް އެބަހުއްޓެވެ. އެހެންކަމުން މަކަރުވެރި ރޭވުންތެރި ނަޝީދު، ތޭރަ އަހަރުގެ ޖަލު ހުކުމުން މިންޖުވުމަށްޓަކާ ރާއްޖެއިން ފިލައިގެން ދަމުން ދަމާލި ގުއި ރޯނުގައި ފަހަރަކު މީހަކު ޖެހި، އެންމެ ފަހުން ރައީސް މައުމޫން ވެސް ގުއި ރޯނުގައި ޖެހި މުސްކުޅިވީ ދުވަހު ޖަލުގެ ކުޑަ ގޮޅީގައި މިވަނީ އިންނަން ޖެހިވަޑައިގެންފައެވެ. ރައީސް ނަޝީދުގެ ހަޔާތުގައި ޖެހުނު ލައްގަނޑު މިއަދު ނަޝީދު ވަނީ މައުމޫން މުސްކުޅި ވީ ދުވަހު އެއަނިޔާތައް ތަހައްމަލް ކުރަން މަޖުބޫރު ކުރުވާފައެވެ. އެހެންކަމުން އަނިޔާ ދިނުމަށް ފަހު ކޮންމެ އަނިޔާއަކީ އިޝްގެއް ކަމަށް ދެކިގެން ތިބުމަށް ނަޝީދު ގޮވާލެއްވި ނަމަވެސް އަށްޑިހައިގެ އަހަރުތައް ގުނަމުންދާ ބޭފުޅަކަށް އޮންނާނީ ކޮން އިޝްގެއްތޯއެވެ. މިއީ ރައީސް ނަޝީދު ރައީސް މައުމޫނަށް ކުރެއްވި މަލާމާތެކެވެ. 

މައުމޫންގެ އިތުރުން ނަޝީދުގެ ވެރިކަމާ ދެކޮޅަށް ނުކުތް ގިނަ ބޭފުޅުން މިއަދު ވަނީ ނަޝީދުގެ މަކަރުވެރި ދަލުގައި ޖެހި ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހިފައެވެ. ނަމަވެސް ނަޝީދުގެ އަދާވާތްތެރިންގެ ކިބައިން ބަދަލު ހިފުމަށްފަހު، ނަޝީދު މިއަދު ހުންނެވީ ޒުވާން ދުވަސްވަރު ހަޔާތުން ބައެއްގައި މަޖާކުރަމުން ދިޔަ ދޮން މީހުންގެ ގާތަށް ގޮސް އެބައި މީހުންގެ ހިމާޔަތް ވެސް ހޯދައިގެންނެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް މިއީ ޢިބްރަތަކަށް ވާނެކަން ކަށަވަރެވެ. ވެރިކަން ވައްޓާލުމަށް މުޒާހަރާތައް ވެސް ކޮށްފިއެވެ. އެންމެ ފަހުން ނަޝީދުގެ މަގުސަދު ހާސިލުވުުމުން އަނިޔާއަކީ އިޝްގަކަށް ހަދައިގެން ތިބުމަށް ގޮވާލެއްވި އިރު، އަނެއް ކޮޅުން އުމުރުގެ ފަހު ދުވަސްތައް ގުނަމުންދާ ރައީސް މައުމޫން ޖަލުގައި ހުންނަވައިގެން އިންސާނީ އެހީތެރިކަމަށް ދަނީ އެދިވަޑައިގަންނަވަމުންނެވެ. އެގޮތުން އިންސާނިއްޔަތަށްޓަކާ ޖަލު ބަންދުން ގޭބަންދަށް ބަދަލުކޮށްދިނުމަށް ރައީސް މައުމޫން މިހާރު މިވަނީ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ރައީސް މައުމޫންގެ އަސަރު ގަދަ މި ގޮވާލުމާ އެކު އެންމެ ބޮޑަށް އުފާކުރައްވާނެ އެއް ބޭފުޅަކަށް ރައީސް ނަޝީދު ވެގެންދާނެކަން ޔަގީނެވެ. ނަޝީދުގެ ވެރިކަމާ ދެކޮޅަށް ނުކުތް ގިނަ ބޭފުޅުންގެ ވިސްނުމާ ފިކުރާ ކުޅެލުމަށް ފަހު އަތުން ފައިން ގޯސް ހައްދުވާ އެންމެ ފަހުން ޖަލަށް ފޮނުވާލުމަށް ފަހު، މިއަދު ނަޝީދު ގެންދަވަނީ ވެރިކަމާ ތޮޅެން ބޭރުގެ ބޮޑެތި ބާރުތަކުގެ އެހީތެރިކަންކަން ވެސް ހޯދަމުންނެވެ. ވެރިކަމާ ކޯޅެމުން ދިޔަ ހުރިހާ އެންމެން ޖަލަށް ދިއުމުން ނަޝީދުގެ ސިކުނޑިއަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދިޔަކަހަލައެވެ. ސަބަބަކީ ވެރިކަމާ ކޯޅެން ތިބި އެންމެން ޖަލަށް ދިއުމެވެ. ސިޔާސީ މައިދާނުގައި ނަޝީދަށް ހަމަނޭވާއެއް ލެވުނީ ނަޝީދުގެ ވެރިކަމާ ދެކޮޅަށް ނުކުތް މީހުންތައް ޖަލަށް ފޮނުވާލެވުމުންނެވެ. އޭގެ ފަހުން ނަޝީދަށް ވެރިކަން ހޯދައިދެން ދުނިޔޭގެ ބާރު ގަދަ ބޮޑެތި ގައުމުތަކުން ރާއްޖޭގެ ކަންކަމަށް ވަރުގަދައަށް ވަނުމަށް ނަޝީދު މިވަނީ ގޮވާލައްވާފައެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ނަޝީދު ގެންދަވަނީ ރާއްޖޭގެ ކަންކަމަށް ބޭރުގެ ފަރާތްތަކުން ވަނުމަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖެ އައުމަށް ގޮވާލައްވާފައިވެއެވެ. މިއީ ނަޝީދާ މެދު ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ހިތްހަމަ ނުޖެހުނު ސަބަބެއް ވެސްމެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
 1. މަރިޔަމް 21 އޭޕްރީލް 2018 - 01:45

  އިޝްގުގައި ޖެހެން ނަޝީދު އާދެބަލަ ޖަލުގައި އޮންނަން. ރައީސް މައުމޫން މުސްކުޅިވީ ދުވަހު ބަލާބަލަ ދިން އަނިޔާ. ބަދަލު ހިފީތިޔަ.

 2. ހެހެ 21 އޭޕްރީލް 2018 - 01:41

  ކޮންމެ އަނިޔާއަކީ އިޝްގަކަށް ވާނީ ޖަލުގައި އަބަދު އޮންނަ މީހަކަށް. ދެން ނަޝީދު ކީއްވެބާ އިސްގުގައި ޖެހެން ޖަލުގައި އޮންނަން ނައިސް ފިލައިގެން އުޅެނީ. ދައްކާ ނުލަފާ ވާހަކަ.

 3. މުހައްމަދު 21 އޭޕްރީލް 2018 - 01:40

  ހަމަ އަސްލުވެސް ތިޔަ އެންމެން ނަޝީދުގެ ގުއި ރޯނުގައި ޖެހިގެން ތިޔަތިބީ. އޭނާގެ ބޯ ބޮޑުކަމުން ތިޔަ އެންމެން ވެރިކަމަށް އަތުވެދާނެތީ ދިން ކެހިތިޔަ ލިބުނީ. ނަޝީދުގެ ވެރިކަން ބަދަލުކުރަން ނުކުތް އެންމެން ތިޔަ ތިބީ ޖާހިލު މީހާގެ އަވާގައި ޖެހިގެން ގޮސް ހަފުސްވެފައި. މި އާޓިކަލްގައި އެވަނީ އެކަން ވަރަށް ރަގަޅަށް ބުނެދީފައި. ހަމަ ހަގީގަތް އެއަީ

 4. ފާތުމަ 21 އޭޕްރީލް 2018 - 00:04

  ތިޔައީ ހަމަ ހަގީގަތް. ވަރަށް ބޮޑު ތެދެއް

ގުޅުން ހުރި
Loading...