ކުލަބު މޯލްޑިވުސް ކަޕްގެ ޗެމްޕިއަންކަން ކުލަބު ޓީސީއެލް ހޯދައިފި

ކުލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަން ޓީސީއެލްއިން އުފާ ފާޅުކުރަނީ - ފޮޓޯ- ސަން މީޑިއާ

ކުލަބު މޯލްޑިވްސް ކަޕް 2018 ގެ ޗެމެޕިއަންކަން ކްލަބު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ކްލަބު ޓީސީއެލް)އިން ހޯދައިފިއެވެ.

ކުލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ޓީސީއެލްއިން ހޯދީ ބުރާސްފަތި ދުވަހުގެރޭ މާފަންނު މިނި ޓާރފްގައި ކުޅުން ފައިނަލް މެޗްގައި މޯލްޑިވިއަންގެ މައްޗަށް 4-1 ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ޓީސީއެލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ހާފުގައި ޓީސީއެލްގެ ލިޔާހުވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. މޯލްޑިވިއަންގެ ފާރާތުން ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރިއިރު އެ ޓީމުގެ ކުޅުންތެރިން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މެޗްގައި މޮޅު ކުޅުމެއް ދެއްކި ޓީސީއެލެްގެ ގޯލް ކީޕާރ އިސްމާޢީލް ފާތިހުއެވެ. ފާތިހު ވަނީ މެޗްގައި މުހިންމު ސޭވްތަކެއް ކޮށްފައެވެ.


ދެވަނަ ހާފުގައި ޓީސީއެލްގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރިއްފަތު(ރިއްޕެ)އެވެ. ތިން ލަނޑުގެ ލީޑު ސެލެބްރޭޓް ކޮށް ޓީމު ހަމަ ނުޖެހެނީސް މޯލްޑިވިއަންގެ ހުސައިން އަފްޒަލް ވަނީ ގޯލެއްޖަހާ ޓީމަށް ހިތްވަރެއް ހޯދަ ދީފައެވެ. ޓީސީއެލްގެ ހަތަރުވަނަ ގޯލް އަދި މެޗެގް ފަހު ގޯލް ކާމިޔާބުކޮށް ލިޔާހު އޭނާގެ ހެޓްރިކް ކާމިޔާބު ކުރީ މެޗް ނިމެން ކުޑަތަންވެފައި ވަނިކޮށެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީސީއެލްގެ ލިޔާހުއެވެ.


މުބާރާތުގެ ފެއަރ ޕްލޭޓީމަކަށް އެމްޓީސީސީ ހޮވުނު އިރު މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔަކަށް ހޮވިފައިވަނީ އުރީދޫގެ މުހައްމަދު ފާސިރެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ދިރާގުގެ ނާއިފް ޝަފީގު ހޮވުނު އިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ޓީސީއެލްގެ ކޯޗް އަހްމަދު އިރުފާންއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޓީސީއެލްގެ މުޙައްމަދު ލިޔާހުއާއި، އެ ޓީމުގެ މުޙައްމަދު ރިއްފަތާއި(ރިއްޕެ)، އެ ޓިމުގެ ގޯލް ކީޕަރ އިސްމާއިލް ފާތިހުގެ(ތާޑޭ) އިތުރުން މޯލްޑިވިއަންގެ ޢަބްދުﷲ ޝައްފާން (ޝަކާ) އާއި ޙުސައިން އަފްޒަލްއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ޓީސީއެލްގެ ލިޔާހުއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ލިޔާހުއެވެ. ކުޅިވަރުގެ ރޫހާއި އެއްގޮތަށް އެންމެ ފުރިހަމަ ސަޕޯޓެއް ކުރި ޓީމަކަށް ހޮވުނީ މުބާރާތުގައި އާދަޔާ ޚިލާފު ސަޕޯޓެއް ދެއްކި ޓީސީއެލްގެ ސަޕޯޓަރުންނެވެ. 


މި މުބރާތުގެ އަންހެން ޑިވިޝަނުގައި ޕޮލިހުންގެ މައްޗަށް ކުރިހޯދާ ޗެމްޕިއަންކަން ހޯދާފައިވަނީ މޯލްޑިވް ޕޯސްޓް ލިމިޓެޑުންނެވެ. މިއީ ކުލަބް މޯލްޑިވްސް ކަޕް މެދު ކެނޑުމެއް ނެތި ބޭއްވި ތޭރަވަނަ ފަހަރެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...