ރޯދަ މަހާ ދިމާކޮށް އެމްއައިބީގެ ޕީއޯއެސް ނެޓްވަރކް އިތުރަށް ފުޅާކުރަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް. ފޮޓޯ: ސަން އޮންލައިން

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޕީއޯއެސް ނެޓްވަރކް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ޗެނަލް 13 އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްއައިބީގެ މާކެޓިންގް އޮފިސަރ އަހުސަން ޖަމީލް ވިދާޅުވީ މިއަހަރުގެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެ ބޭންކުގެ ޕީއޯއެސް ނެޓްވަރކް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މާލެއާއި ރަށްތަކުގެ ގިނަ އަދަދެއްގެ ފިހާރަތަކުގައި އެމްއައިބީގެ ޕީއޯއެސް ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އަހުސަން ވިދާޅުވިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޕީއޯއެސް ސިސްޓަމްތައް މިހާރު ވެސް ރާއްޖޭގެ މަޝްހޫރު އަދި ބޮޑެތި ފިހާރަތަކުގައި ދަނީ އޮޕަރޭޓް ކުރަމުންނެވެ. އެ ތަންތަނުގެ ތެރޭގައި އެސްޓީއޯ، ޝޮޕް އެންޑް ސޭވް، އެސްޓަރސް، ލެމަންގްރާސް، ލިންޗްޕިން އަދި ވީބީ މާޓުގެ އިތުރުން ސޯސަން މާޓް ހިމެނެއެވެ. މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ.

މި ޕްރޮމޯޝަންގެ ތެރޭގައި އެމްއައިބީ މެދުވެރިކޮށް ކޮންޒިއުމަރ ފައިނޭންސް ގުޑްސް އިންސްޓޯލްމަންޓަށް ނެގޭ މުއްދަތު 18 މަސް ދުވަހުން ތިން އަހަރަށް ވަނީ އިތުރުކޮށްފައެވެ. އަދި މީގެ ކުރިން އެމްއައިބީ މެދުވެރިކޮށް 100،000 ރުފިޔާއާއި ހަމައަށް އިންސްޓޯލްމަންޓަށް މުދާ ނެގޭއިރު، މި ޕްރޮމޯޝަންގެ ދަށުން 250،000 ރުފިޔާއާއި ހަމައަށް މުދާ ނެގޭނެ ކަމަށް އެމްއަިބީއިން މައުލޫމާތު ދެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...