އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ވެސް ކުނި މެނޭޖް ކުރުމުގެ މަސައްކަތް ފެށުން: މިނިސްޓަރ ޠާރިޤު

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޗެނަލް13

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ބޭސިކް ވޭސްޓް މެނޭޖްމެންޓް ފެސިލީޓީ ޤާއިމްކޮށް ކުނި މެނޭޖު ކުރުމުގެ ޚިދުމަތް ފެށުން ކަމަށް ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިޤު މިހެން ވިދާޅުވީ، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ކުރަމުން ދާ މަސައްކަތުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށާއި، ވެމްކޯގެ މާކެޓިންގ ޕާޓުނަރަކަށް ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމް އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ކުނި މެނޭޖް ކުރުމަށް މި ސަރުކާރުގެ ހަތަރު އަހަރާއި ބައިން ކުރަމުން ދާ މަސައްކަތަކީ ފާހަގަކޮށްލެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން މި ސަރުކާރު އައުމުެ ކުރިން ހިނގާދިޔަ އެއްވެސް ވެރިކަމެއްގައި ރާއްޖޭގައި ކުނި މެނޭޖް ކުރުމުގެ ޕްލޭނެއް ވެސް ހަދާފައިނުވާކަން މިނިސްޓަރ ޠާރިޤު ފާހަގަކުރެއްވިއެވެ. ނަމަވެސް މި ސަރުކާރުން ސާފު ރާއްޖޭގެ ނަމުގައި ހިނގަން ފެށި ކެމްޕެއިނަށް ބޮޑެތި ޚަރަދުތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސާފު ރާއްޖޭގެ ކެމްޕެއިނަށް ރައީސް ޔާމީނު ވެސް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދެއްވާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ވެސް ބޭސިކް ވޭސްޓް މެނޭޖްމެންޓް ފެސިލީޓީ ޤާއިމު ކުރުމަކީ މި ސަރުކާރުގެ މިހާރު އަމާޒުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސާފު ރާއްޖޭ އަކަށް ރާއްޖެ ހެދޭނީ ފަރުދީ ޒިންމާވެސް ވަރަށް ފުރިހަމައަށް އަދާކޮށްގެންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ޕީއެސްއެމް އަބަދު ވެސް މަސައްކަތް ކުރަނީ ރައްޔިތުން ހޭލުންތެރިކޮށް ސަރުކާރާއި ގުޅިގެން މި މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ސަރުކާރުން ހިންގާ މިފަދަ ކޮންމެ ކަމެއްގައި ދައުލަތުގެ މީޑިއާ އަަބަދުވެސް ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނޭކަމަށް ޚަލީލް ވިދާޅުވިއެވެ.

ގޭބިސީތަކުން ކުނި ނަގަން ދާ މުވައްޒަފުންގެ ޔުނިފޯމް - ފޮޓޯ: ޗެނަލް13

މި ރަސްމިއްޔާތުގައި ވެމްކޯގެ މުވައްޒަފުންގެ އާ ޔުނީފޯމް ވެސް ވަނީ ދައްކާލާފައެވެ. އެގޮތުން ގޭބިސީން ކުނި ނަގާ މުވައްޒަފުންނަށް ވަކި ޚާއްސަ ޔުނީފޯމަކާއި، މުވައްޒަފުންގެ ސުޕަވައިޒަރުންނަށް ޚާއްސަ ޔުނިފޯމެއް ވަނީ ތައާރަފު ކޮށްފައެވެ.

ސްޕަވައިޒަރުންނަށް ޚާއްސަ ޔުނިފޯމް - ފޮޓޯ: ޗެނަލް13

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...