ޕްރީސްކޫލު ދަރިވަރުންނަށް ޚާއްސަކޮށްގެން ބާއްވާ ވާހަކަދެއްކުމުގެ ފުރަތަމަ މުބާރާތް މިއަދު ފަށައިފި

މިނިސްޓަރ ޒެނީޝާ، އަދި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވި ދަރިވަރުންނާއެކު

ޕްރީސްކޫލު ދަރިވަރުންނަށް ޚާއްސަކޮށްގެން ބާއްވާ ވާހަކަދެއްކުމުގެ ފުރަތަމަ މުބާރާތް މިއަދު ފަށައިފިއެވެ.


ތުއްތުކުދިންގެ ވާހަކަދެއްކުމުގެ މަހާސަމާ 2018 މިނަމުގައި ފެށި މި މުބާރާތް ޝަރަފްވެރި ކޮށްދެއްވާފައިވަނީ ޖެންޑަރ މިނިސްޓަރ އަމިނަތު ޒެނީޝާ ޝަހީދު ޒަކީ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓަރ ވިދާޅުވީ ދިވެހިބަހާއި ސަގާފަތް ދިރުވުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޚާއްސަ ސަމާލުކަމެއް ދެއްވާކަމެއް ކަމަށާއި، އަދި މިކަމަށް ޚާއްސަ ކޮށް ސަރުކާރުން ގިނަ މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރން މިނިސްޓަރ ވަނީ ދިވެހި ބަހަށް ދަރިވަރުން ލޯބިކުރުވުމާއި ،ޝައުގުވެރިކަން އުފެއްދުމަށް ދިވެހި ބަހުގެ އެކެޑަމީން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. އަދި ތުއްތުކުދިންނަކީ ގައުމުގެ މުސްތަގްބަލަށްވާއިރު، މިފަދަ މުބާރާތްތަކަކީ އެކުދިންގެ ކިބައިގައި ބަހުގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް ވަރަށް މުހިއްމު ފުރުސަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، މިއީ މިފަދަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަމަށެވެ. އަދި މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުންނާއި ދައުލަތުގެ އިސްވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލެއްވުމެއް ލިބިގެން ދިޔަކަން އަޝްރަފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަޝްރަފް ވިދާޅުވީ މިއަދުގެ ކުޑަކުދިން އެކަކު އަނެކަކާ ދިވެހި ބަހުން ވާހަކަދައްކާތަން ފެނިގެންނުދާކަމަށާއި، މިއީ ވަރަށް ހިތާމަވެެރި މަންޒަރެއްކަމަށެވެ. އަދި މިމުބާރާތް މެދުވެރިކޮށް ދިވެހި ދަރިވަރުންނަށް ދިވެހި ބަހުގެ މުހިއްމު ކަމާއި، އެބަހުން ރީތިކޮށް ވާހަކަަދައްކަން ދަސްވެ ދިވެހި ބަހަށް ލޯބިކުރާ ދަރިވަރުންތަކެއް އުފެދިގެންދާނެކަމަށް އުއްމީދުކުރާ ކަމަށެވެ

އަޝްރަފުގެ ވާހަކައިގެ އެންމެ ބޮޑަށް އަލިއަޅުވާލައްވާފައިވަނީ ކުދިންނަށް އެންމެ ކުޑައިރުއްސުރެ ދިވެހި ބަހުން ވާހަކަދަންކަން ފަރިތަކުރުވުމުގެ މައްޗަށެވެ. އެގޮތުން ބެލެނެވެރިންނާއި އެދުރުންވެސް ދަރިވަރުންނާއި ދިވެހި ބަސް އެހެން ބަސްތަކާއި މަސްހުނި ކޮށްގެން ވާހަކަދެއްކުން ހުއްޓާލުމަށް އަޝްރަފުވަނީ އިލްތިމާސް ކުރައްވާފައެވެ

މިއަހަރުގެ ތުއްތުކުދިންގެ ވާހަކަދެއްކުމުގެ މަހާސަމާގައި 8 ސުކޫލަކުން 42 ދަރިވަރުން ބައިވެރިވެފައިވާކަމަށް ދިވެހި ބަހުގެ އެކެޑަމީން މައުލޫމާތުދޭ. އަދި މިއިން ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކު ބޭނުން މައުޟޫއަކަށް ވާހަކަދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކޮންމެ ކުއްޖަކަށްވެސް ވާހަކަދައްކަން ލިބެނީ ތިންމިނެޓެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...