އީސީގެ ރައީސް ކަމުގައި ފުވާދު ހުންނެވުމުން އިދިކޮޅު ފަރާތްތަކަށް މައްސަލައަކަށް ނުވި

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު، ކުރީގެ ރައީސް ނަޝީދާ ވާހަކަ ދައްކަވަނީ

އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާއި، މުސްތަގިއްލު ކަމާ މެދު އިދިކޮޅު ފަރާތްތަކުން މިއަދު ޝައްކު ކުރެވޭނެ އެއްވެސް ޖާގައެއް ނެތެވެ. އިދިކޮޅު ފަރާތްތަކުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތްކަން މާޒީގައި ކަންކަން ހިނގާފައިވާ ގޮތައް ބަލާއިރު ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ.

2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރު ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ވާދަކުރައްވައިގެން އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަނަކީ މިނިވަން އިންސާފުވެރި މުއައްސަސާއެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެކޮމިޝަނަށް ތައުރީފުގެ ބަސްތައް ބުނަމުން ދިޔައެވެ. އޭރު ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު އިބްރާހީމަކީ ވެސް އިންސާފުވެރި ބޭފުޅެއް ކަމަށް އެމްޑީޕީން ނިންމިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރިޔާސީ އިންތިޚާބު ނަޝީދަށް ކާމިޔާބު ވުމާއެކު ކޮމިޝަންގެ ރައީސާއި، ކޮމިޝަނަކީ ގާބިލު އިންސާފުވެރި މުއައްސަސާއަކަށް ވެގެންދިޔައެވެ.

އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ފުވާދު ތައުފީގު ހުންނަވައިގެން 2013 ގެ ރިޔާސީ އިންތިޚާބާއި ކުރިމަތިލި އިރު ވެސް އެކޮމިޝަނަކީ ވަރަށް ބޮޑަށް މިނިވަންވެފައިވާ މުއައްސަސާއެއް ކަމަށް ބަޔަކު ބުނަމުން ދިޔައެވެ. އިދިކޮޅު އެމްޑީޕީން ގަބޫލުކުރި ގޮތުގައި އެއީ އެކޮމިޝަން އެންމެ ބޮޑަށް ސިޔާސީ ނުފޫޒުން އެއްކިބާވެފައި އޮތް ދުވަސްވަރެވެ. ސަބަބެއް ނެތިއެއްނޫނެވެ. ކޮމިޝަންގެ ރައީސް ފުވާދު ތައުފީގުގެ އަނބިކަނބަލުންނަކީ އެމްޑީޕީގެ ބޮޑު މުޒާހަރާތަކުގެ ކުރީ ސަފުގައި ހުންނަ ކަނބަލަކަށް ވެފައި، އުސްފަސްްގަނޑާއި މާލޭގެ މަގުތަކުގައި ހިންގާ ސިޔާސީ ހަރަކާތްތައް ލީޑު ކުރުމުގައި އިސްދައުރެއް ފުވާދުގެ އަންހެނުން އަދާކުރަމުން ދިޔަ ދުވަސްވަރުވެސްމެއެވެ.

އަދި ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން ދިޔައިރު، އަނެއްކޮޅުން ކޮމިޝަންގެ ރައީސް ފުވާދު ގެންދަވަނީ އެމްޑީޕީގެ އިސްވެރިންނާ އެކަހެރި ބައްދަލުވުންތައް ބާއްވަމުންނެވެ. 
އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފުވާދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ކޮމިޝަނަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. ކަން މިހެން ހުރި އިރު، އިންތިޚާބުގެ ދުވަސްވަރު އިދިކޮޅު އެމްޑީޕީން ބާއްވާ ކެމްޕެެއިން ޖަލްސާތަކުގެ ކުރީ ސަފުގައި އިންނަވަނީ ފުވާދުގެ އަނބިކަނބަލުންނެވެ. އެހެން ކަމުން ފުވާދުގެ ނަޒާހަތްތެރިކަން ހުންނާނެ މިންވަރު ވިސްނަވާލައްވާށެވެ. ދުވާލު ކޮމިޝަންގެ މަސައްކަތުގައި އުޅުއްވުމަށް ފަހު ރޭގަނޑު އެމްޑީޕީގެ އިސްވެރިންނާއެކު ފުވާދު ގެންދެވީ ސިއްރު ބައްދަލުވުންތައް ބާއްވައި ސިއްރު ފޯންކޯލްތައް ކުރައްވަމުންނެވެ.

ކަންމިހެން ހުރުމުން ފުވާދުގެ ނަޒާހަތްެތެރިކަމާ މެދު ޕީޕީއެމުގެ ކޯލިޝަނުން ދަނީ ސުވާލު އުފައްދަމުންނެވެ. މިސަބަބުތަކާ ހުރެ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވުނު އިންތިޚާބަކަށް ވެގެން ދިޔައެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓް ލުން ދެފަހަރަށް ބާއްވަންޖެހުނު އިރު، ތިންވަނަ ފަހަރު ވޯޓްލާފައިވަނީ ސުޕްރީމް ކޯޓާ ހަމައަށް މައްސަލަ ގޮސްގެންނެވެ. އޭރު ކޮމިޝަންގެ ރައީސް ފުވާދު ދަނީ ނޭވާ ހޮޅިއަށް އެޅެމުންނެވެ. ނޫސްވެރިންނާ ދެއިރު ދެދަޅައަށް ބައްދަލު ކުރައްވާއިރު، ހެނދުނު ދައްކަވާ ވާހަކަތައް ހަވީރު އެހެން ގޮތަކަށް ބަދަލު ވަމުންދިޔަކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން ރިޔާސީ އިންތިޚާބު ނިމުނު އިރު އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓު ފެއިލްވެ، ފުވާދު ވެސް ވަނީ ވުޖޫދުން ގެއްލިފައެވެ. ރިޔާސީ އިންތިޚާބާ ގުޅިގެން ސްޕްރީމް ކޯޓުންނެރުނު އަމުރުތަކަށް ފުވާދު ވަނީ ތަކުރާރުކޮށް ގޮންޖަހާ ވަހަކަ ދައްކާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ފުވާދު ތައުފީގު ހިންގި ގާނޫނާއި ޚިލާފް އަމަލުތަކާ ގުޅިގެން 9 މާޗް 2014 ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އާއި ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒް، އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައެވެ.

އަދި އެހުކުމާ އެކު ހަމަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. ނަމަވެސް އެޙުކުމް ތަންފީޒު ކުރުން ތިން އަހަރު ދުވަހަށް ފަސްކުރަން ވެސް ސްޕްރީމް ކޯޓުން އެންގިއެވެ. އެދުވަސްވަރު އެމްޑީޕީއަށް ސްޕްރީމް ކޯޓު ވެސް ކަމަކު ނުދެއެވެ. ނަމަވެސް އެމްޑީޕީއަށް ސުޕުރީމް ކޯޓު ހިނދުކޮޅަކަށް ނަމަވެސް ކަމު ދިޔަ ދުވަހެއް ދިޔައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެކޯޓު ކުއްލި އަކަށް ރަގަޅުވެގެން ދިޔަ މަންޒަރު ވެސް ފެނިގެން ދިޔައެވެ.

އަދި އިންތިޚާބުގައި ވޯޓް ލުމުގެ ސުންގަޑި ކުޑަތަންވެފައި ވަނިކޮށް، އިންތިޚާބުގެ ސައްހަކަމާ މެދު ރައްޔިތުން ސުވާލު އުފެއްދުމުން، އެކަމުން ރެކިވަޑައިގަތުމަށްޓަކާ ނޫސްވެރިން އެއްކޮށް، އެންމެ ފަހުން ފުވާދު ދެބޯގެރިވެސް ދުއްވިއެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކާ ނަޝީދު، ފުވާދު ތައުފީގު ގެންގުޅުއްވީ ސިޔާސީ އެންގަނޑެއްގެ ގޮތުގައެވެ.

އެދުވަސްވަރު ފުވާދުގެ ނަޒާހަތްތެރިކަމާ މެދު އެމްޑީޕީން ސުވާލު ނުއުފެއްދި އިރު، މިއަދު އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފުގެ ނަޒާހަތްތެރިކަމާ މެދު އެމްޑީޕީން ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. އެއް ދުވަސްވަރެއްގައި ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ޝަރީފު ހުންނެވުމަކީ މިނިވަން މުއައްސަސާއެއްގެ އިސް މަގާމަކަށް ކުފޫ ހަމަ ނުވާންވީ ސަބަބެއް ނޫނެވެ. އަދި ނަޒާހަތެރިކަމާ މެދު ސުވާލު އުފައްދަންޖެހޭނެ ސަބަބެއްވެސް ނޫނެވެ. ތަފާތަކީ ޕީޕީއެމްގެ ކައުންސިލްގައި ޝަރީފު ނީންނެވުމާއި، އަނބިކަނބަލުން މުޒާހަރާކުރަން މަގުތަކަށް ނުނުކުންނަވާތީއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...