ހައްޔަރުކުރި އެސްއޯ ފުލުހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެސްއޯ ފުލުހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ވަނީ އެމީހުންގެ ބަންދަށް 9 ދުވަސް އިތުރު ކޮށްފައެވެ. ހައްޔަރު ކުރި ކޮންމެ ފުލުހަކަށް ވަކިވަކިން ކުރިޔަށް ގެންދިޔަ ބަންދުގެ މުއްދަތު މަޖިލީހަށް ފަހު އެ ފުލުހުން ވަނީ އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި، އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓަ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޝްވާނާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް ހިމެނެއެވެ.

އެހުރިހާ އެންމެން ވެސް މިހާރު ވަނީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ. ހައްޔަރުކޮއްފައިވާ މީހުންގެ މައްޗަށް ގާނޫނުގައިވާ ވާޖިބެއް އަދާނުކޮށް ދޫކޮށްލުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

އެމީހުން ހައްޔަރު ކޮށްފައިވަނީ، ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމާއި ސަލާމަތީ ބާރުތަކާ ދެކޮޅަށް ނިކުމެ، އަމަން ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގައި ސަލާމަތީ ބާރުތަކާ މެދު އިތުބާރު ގެއްލުވާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...