ރޮހިންޔާގެ އެއްވެސް އާއިލާއެއް އެނބުރި މިޔަންމާއަށް ގޮސްފައެއް ނުވޭ- ބަންގްލަދޭޝް

ރޮހިންޔާ މުސްލިމުންގެ ބަޔަކު އެނބުރި އައިސްފައިވާ ކަމަށް ބުނެ މިޔަންމާގެ ކަމާބެހޭ ފަރާތްތަކުން ހިއްސާ ކުރި ފޮޓޯ.

ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުން އައި ރޮހިންޔާ މުސްލިމުންގެ 5 މެމްބަރުންގެ އާއިލާއެއް އެނބުރި މިޔަންމާއަށް ގޮސްފައިވާ ކަމަށް މިޔަންމާ ސަރުކާރުން ހާމަކުރުމާއެކު، ބަންގްލަދޭޝްއިން އެކަން ދޮގުކޮށްފިއެވެ.

ބަންގްލަދޭޝްގައި 7ލައްކައަށް ވުރެ ގިނަ ރޮހިންޔާ މުސްލިމުން އަންނަނީ ދިރިއުޅެމުންނެވެ. މިޔަންމާ ސަރުކާރުން ބުނީ ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ގެނައުމަށް އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން އެއް އާއިލާ އެނބުރި މިޔަންމާއަށް އައިސްފައިވާ ކަމަށެވެ.

އެހެންނަމަވެސް ބަންގްލަދޭޝްއިން ބުނެފައިވަނީ އެނބުރި ދިޔަކަމަށް ބުނާ އާއިލާ މިޔަންމާ ދޫކޮށް، ބަންގްލަދޭޝްއަށް އެތެރެވެފައި ނުވާ ކަމަށެވެ. އަދި އެމީހުން ތިބީ މިޔަންމާއާއި ބަންގްލަދޭޝް ގުޅޭ ބޯޑަރު ކައިރީގައި ތާށިވެފައި ކަމަށްވެސް ބަންގްލަދޭޝްއިން ވަނީ ހާމަކޮށްފައެވެ.

ބަންގްލަދޭޝްގެ ރެފިއުޖީ ކޮމިޝަނަރ އަބުލް ކަލާމް ވިދާޅުވީ، ރެފިއުޖީންގެ ގޮތުގައި އެޤައުމުގައި ދިރިއުޅެމުން އަންނަ އެއްވެސް ބަޔަކު އެނބުރި މިޔަންމާއަށް ގޮސްފައި ނުވާ ކަމަށެވެ. އަދި މިޔަންމާ ސަރުކާރުން އެބުނާ އާއިލާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށްވެސް އަބުލް ކަލާމް ވަނީ ވިދާޅުވެފައެވެ.

މިޔަންމާގެ ކަމާބެހޭ ފަރާތްތަކުން ހޮނިހިރު ދުވަހު ވަނީ ރޮހިންޔާ މުސްލިމުންގެ އާއިލާއެއް އެނބުރި މިޔަންމާއަށް އައިސްފައިވާ ކަމަށް ބުނެ، އެމީހުން ދިރިއުޅޭ ސަރަހައްދުގެ ފޮޓޯއެއް އާއްމުކޮށްފައެވެ. އަދި އެއާއިލާގެ މެމްބަރުންނަށް ނޭޝަނަލް ވެރިފިކޭޝަން ކާޑުވެސް ލިބިފައިވާ ކަމަށް މިޔަންމާ ސަރުކާރުން ބުނެފައިވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...