އިންޑިޔާގައި އަނެއްކާވެސް އަންހެން ކުއްޖަކު ރޭޕް ކޮށްފި

އިންޑިޔާގެ ގުޖުރާތު ސްޓޭޓްގެ ސޫރަޖް ސިޓީގައި އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

ރޭޕްގެ އެހެން މައްސަލައެއް ފެންމަތިވެފައި މިވަނީ ޖައްމު-ކަޝްމީރުގައި އުމުރުން 8 އަހަރުގެ އާސިފާ ރޭޕް ކުރުމަށްފަހު މަރާލި މައްސަލައިގައި އެކުއްޖާއަށް އިންސާފްވެސް ނުލިބެނީހެވެ. ރިޕޯޓްތައް ބުނާގޮތުގައި ގުޖުރާތުގައި މަރާލާފައި އޮއްވާ ފެނުނު އަންހެން ކުއްޖާގެ އުމުރެއް އަދި ނަމެއްވެސް ފުލުހުންނަކަށް އަދި ނޭނގެއެވެ. އެކުއްޖާގެ އޮޓޯޕްސީ ރިޕޯޓުން އެނގެނީ އެކުއްޖާގެ ޖިންސީ ގުނަވަންތަކަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމެވެ.

އެ އަންހެން ކުއްޖާގެ އުމުރުން ވާނީ 11 ވަރަކަށް އަހަރެވެ. އެ އަންހެން ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ މީގެ 10 ދުވަސް ކުރިންނެވެ. އަދި އެކުއްޖާގެ ގައިގެ 86 ތަނަކަށް އެކިވަރުގެ ޒަހަމްތައް ދީފައިވާ ކަމަށާއި، އެކުއްޖާ މަރާލާފައިވަނީ ކަރުގައި ހިފައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ރޭޕް ކުރުމުގެ މައްސަލަތައް އިންޑިޔާގައި ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ރޭޕްގެ 40،000 ކޭސް އެޤައުމުގައި ކޮންމެ އަހަރަކުވެސް ރިޕޯޓް ކުރެއެވެ. ރޭޕްގެ ކޮންމެ ކޭސްއަކާއި ގުޅިގެން، ކުށްވެރިންނަށް އޮންނަ އަދަބުތަކާއި، އެފަދަ މައްސަލަތަކާއި ގުޅޭ ޤާނޫނުތައް ހަރުދަނާ ކުރުމަށް ގޮވާލާ މުޒާހަރާތައްވެސް ކުރެއެވެ.

އެހެންނަމަވެސް އެފަދަ އެއްވުންތައް ނިމިގެން ދަނީ އެދެވޭ ނަތީޖާއެއް ހާސިލް ކުރެވިފައެއް ނުވެއެވެ. އިންޑިޔާގައި އިތުރު ވަމުން އަންނަ ރޭޕްގެ މައްސަލައަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ޖައްމު ކަޝްމީރުގައި އުމުރުން 8 އަހަރުގެ އާސިފާ ރޭޕް ކުރުމާއި ގުޅިގެންނެވެ.

މި މައްސަލައިގައި އާސިފާއަށް އިންސާފް ހޯދައި ދެވިފައިނުވާއިރު، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށްވެސް ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ އާސިފާގެ މައްސަލައިގައި ޝާމިލްވާ ފަރާތްތައް އިންޑިޔާގެ ސަރުކާރުން ދިފާއު ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...