ނަޝީދުގެ ނަން ރިޔާސީ އިންތިޚާބުގައި ނޯންނާނެ- ޝައިނީ

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ނަން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ލިސްޓުގައި ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރ ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ނަން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ލިސްޓުގައި ނޯންނާނެ ވާހަކަ ތަކުރާރުކޮށް ވިދާޅުވާ ކަމަށެވެ. އަދި ނަޝީދުގެ ނަން ކެންޑިޑޭޓުންގެ ލިސްޓުގައި އޮންނަންޖެހޭ އެއްވެސް ގޮތެއް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އަދި އޭގެ ދަށުން ހެދިފައިވާ ޤާނޫނު ނުވަތަ ޤަވައިދުގައި ނެތް ކަމަށް ޝައިނީ ވަނީ ވިދާޅުވެފައެވެ.

ފިޝަރީޒް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނަކަމަށް އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޓީ އިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީގެ ނިންމުމަށް ރައްދުދީ ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގެ ޤާނޫނުތައް ހުރިގޮތުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތްކަމަށެވެ.


ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ނަޝީދު މައްސަލާގައި ދިވެހި ރާއްޖޭގެ ސްޕްރީމު ކޯޓުން 2016 ވަނަ އަހަރުގެ ޖޫން 27 ގައި އިއްވި ހުކުމް ދިވެހި ސަރުކާރުން ފުރިހަމަ އަށް ބަލައިގެންފައިވާ ކަމަށެވެ. އަދި އެގޮތަށް ޙުކުމް ކޮށްފައިވާއިރު، ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވުމަކީ ޤާނޫނުގެ އިމުގެ ތެރެއިން ކުރެވޭނެ ކަމަކަށް ނުވާތީ އެ ފުރުސަތު ނަޝީދަށް ލިބިގެން ނުވާ ކަމަށް ވަނީ ބުނެފައެވެ. 


އެމްޑީޕީން ވަނީ ކުރީގެ ރައީސް ނަޝީދު އދގެ އިންސާނީ ހައްްޤުތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ބަލައި، ކޮމިޓީން އާންމު ކުރި ނިންމެވުމަށް މަރުހަބާ ކިޔާ ކަމަށް ބުނެފައެވެ. އަދި އެ ނިންމެވުމުގައިވާ ގޮތުގެ މަތީން ޢަމަލުކުރުމަށާއި ނަޝީދުގެ ސިޔާސީ ޙައްޤުތަކަށް ހުރަސް ނޭޅުމަށް އެޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.


ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ހިއުމަންރައިޓްސް ކޮމިޓީން ނިންމި ނިންމުމާއި ގުޅިގެން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއް ކަމަށާއި، އަމިއްލައަށް ކަންކަން ނިންމުމުގެ ޤާބިލްކަން ދިވެހި ދައުލަތަށް ލިބިފައިވާ ކަމަށެވެ. އަދި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންދާ ނަޝީދަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނެ އެއްވެސް ގޮތެއް ޤާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ. 

އދގެ ހިއުމަން ރައިޓްސް ކޮމިޓީއިން ނިންމި ނިންމުން 180 ދުވަހުގެ ތެރޭގައި ތަންފީޒުކުރެވިފައިވާ މިންވަރު ހާމަކޮށް ކޮމިޓީއަށް ޖަވާބުދާރީވުމަށް އެކޮމިޓީން އަންގާފައިވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...