ކޮމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި

އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާ ޖައްރާފް ބޭނުންކޮށްގެން ށ.ކޮމަންޑޫގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

ށ.ކޮމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ފަށާފައިވަނީ އޭޕްރީލްމަހުގެ 5 ވަނަ ދުވަހުގައެވެ. ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ށ. ކޮމަންޑޫ ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު އާރިފް ވިދާޅުވީ، އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ލެވެލް ކުރުމުގެ މަސައްކަތް ކަމަށެވެ. ބިން ހިއްކުމުގެ ކުރިން ކޮމަންޑޫ އަކީ 7 ހެކްޓަރުގެ ރަށެކެވެ.

އެހެންނަމަވެސް 10 ހެކްޓަރުގެ ބިން ހިއްކުމާއެކު ރަށުގެ ބޮޑުމިން 17 ހެކްޓަރަށް ވަނީ އިތުރު ކުރެވިފައެވެ. ކޮމަންޑޫ ކައުންސިލްގެ ނައިބް ރައީސް ވިދާޅުވީ ހިއްކާ ސަރަހައްދު ބޭނުން ކުރަން ހަމަޖައްސާފައިވަނީ ތަފާތު އިޤްތިސާދީ މަސައްކަތްތަކަށް ކަމަށެވެ. އެގޮތުން ގެސްޓް ހައުސް ވިޔަފާރިއާއި، ލޮނުމަހުގެ ވިޔަފާރި ފަދަ ކަންކަމަށް ބިން ދޫކުރުމަށް ހަމަޖެހިފަިއވާއިރު، ހިއްކާ ސަރަހައްދުގައި 50 ފްލެޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް އާރިފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެސަރަހައްދަށް އެރަށުގެ އިންޖީނުގެ ބަދަލުކޮށް، ވޭސްޓްމެނޭޖްމެންޓް ސެންޓަރެއްގެ އިތުރުން ޕާކެއް ޤާއިމް ކުރުމަށް ހަމަޖެހިފައިވާކަން އާރިފް ވަނީ ފާހަގަ ކުރައްވާފައެވެ. ކޮމަންޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް މި އަހަރުގެ ބަޖެޓުގައި 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ހިމަނާފައެވެ. ކޮމަންޑޫގައި އެއްހާސް ދުއިސައްތަ މީހުން އަންނަނީ ދިރިއުޅެމުންނެވެ.

ކޮމަންޑޫ ކައުންސިލްގެ ނައިބް ރައީސް ވިދާޅުވީ، ކޮމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫއުއާއި ގުޅިގެން އެރަށުގެ ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާ ކުރާނެ ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...