އިރާޤުގެ ކުރީގެ ރައީސް ސައްދާމް ހުސެއިން- ހިތްވަރު ގަދަ ބަޠަލެއް

އިރާޤްގައި ވެރިކަން ކުރެއްވި ރައީސް ޞައްދާމް ޙުސައިނަކީ ވެރިކަމުގައި ރައްޔިތުންގެ ޙާލު ވަރަށް ކައިރިން ބައްލަވައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވަމުން ގެންދެވި ބޭފުޅެކެވެ.

އަދި މީގެއިތުރުން ދީނީ ކަންތަކަށްވެސް ވަރަށްބޮޑު އިސްކަމެއް ދެއްވެވި ވެރިއެއްވެސްމެއެވެ. އެގޮތުން އިސްލާމް ދީން ފެތުރުއްވުމުގެ ބޭނުންފުޅުގައި ކީރިތި ޤުރުއާނުގެ ކޮޕީތައް މުސްލިމް ނޫން ޤައުމުތަކަށް ބެހުމަށްވެސް ޚާއްޞަ މަސައްކަތްޕުޅެއް ކުރެއްވެވިއެވެ. އަދި ލެޓިން އެމެރިކާއާއި އޭޝިޔާއާއި އެފްރިކާގެ ޤައުމު ތަކުގައި މިސްކިތްތައް ބިނާކުރުމަށް ސައްދާމް ހުސެއިން ވަނީ އެހީތެރިވެދެއްވާފައެވެ. 
 
ޞައްދާމް މިދުނިޔެއާއި ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ ހަމަ ކުއްލިއަކަށެވެ. އެއީ މީލާދީން 2003 ވަނަ އަހަރުގެ މާރޗް މަހުން 20 ވަނަދުވަހު އެމެރިކާގެ ގުޅިފައިވާ ލަޝްކަރުން އ.ދ ގެ މުއާހަދާ ތަކާއި އެންމެހާ ޤާނޫނުތަކާއި ޚިލާފަށް ޢިރާޤަށް އަރައި ޢިރާޤު ހިފުމާއި ގުޅިގެންނެވެ. އެމެރިކާ މި ހަނގުރާމައަށް ތައްޔާރުވަމުން ދިޔައިރުވެސް ދުނިޔޭގެ އެހެނިހެން ޤައުމުތަކުން ތިބީ ބަލާށެވެ. އެމެރިކާގެ ބޭސްތައް ޢިރާޤުގެ އަވަށްޓެރި ޤައުމުތަކުގައި ހަދާ ޢިރާޤަށް ޙަމަލާތައް ދިނެވެ. އަދި ޞައްދާމް ވެރިކަމުން ވައްޓާލީ އެމެރިކާއާއި ޢިރާޤުގެ ވެސް ގިނަ ރައްޔިތުންގެ ނުރުހުމުގައެވެ. 

ޞައްދާމަކި ކެރިހުންނަވައިގެން އަމިއްލަ ރައްޔިތުންގެ ދިފާޢުގައި އަޑު އުފުއްލެވި ބޭފުޅެކެވެ. އަދި އެންމެ ކުރިއްސުރެ ހުޅަނގުގެ އުޞޫލުތަކާއި ޞައްދާމް ދެކޮޅުހެއްދެވި އަދި ބަހުގެ އެތައް ހަމަލާތަކެއް އިސްލާމުންގެ އެންމެ ބޮޑު ދުޝްމަނުންކަމުގައިވާ އެމެރިކާއާއި އިޒްރޭލާއި ދެކޮޅަށް ދެއްވިއެވެ. ޞައްދާމް އެމެރިކާއާއި އެހާބޮޑަށް ދެކޮޅުވެރިވުމުގެ ސަބަބަކީ އެމެރިކާއިން މުސްލިމުންނާއި ދޭތެރޭ ކަންތައް ކުރާގޮތުންނެވެ.

އެހެންކަމުން އެމެރިކާގެ މަކަރުވެރި ޙީލަތް ޞައްދާމް އަށް ވަރަށް ރަނގަޅަށް އެނގިލެއްވިއެވެ. އެމީހުންގެ އަމާޒަކީ ހުރިހާ ޢަރަބި އަދި އިސްލާމީ ޤައުމުތައް ކަންވެސްދެނެވަޑައިގަތެވެ. އެހެންކަމުން ޢަރަބިންގެ ވެރިންނަށް މިކަން ވިސްނައިދެވޭތޯ ވަރަށް މަސައްކަތްޕުޅު ކުރެއްވިއެވެ.

ޞައްދާމް ޙުސައިން ރަޙުމް ކުޑަގޮތަކަށް ދުނިޔޭގެ އެންމެންގެ ކުރިމަތީގައި އަވަހާރަކޮށްލާފައިވަނީ 2006 ވަނައަހަރުގެ ޑިސެމްބަރު މަހުން 30 ވަނައަށްވީ ދުވަހު ހެނދުނު 6:00 ހާއިރުއެވެ. އެއީ މުސްލިމުންގެ އެއަހަރުގެ އަޟުޙާ ޢީދު ދުވަސްވެސްމެއެވެ.

ޞައްދާމް މި ފަނާވަނިވި ދުނިޔޭގައި ހޭދަކުރެއްވި އެންމެ ފަހު ވަގުތުކޮޅުވެސް ވިދާޅުވީ ޖަލުގައި ހުންނަވައިގެންވެސް ވިދާޅުވި ބަސްފުޅެވެ. އެއީ އެމަނިކުފާނުގެ ޢަޒުމެވެ. ސައްދާމް ކުރެއްވީ ދުއާއެކެވެ. އެއީ "ހުރިހާ އެއްޗަކަށްވުރެ މާތްﷲ ގެ ކުޅަދުންވަންތަކަން ބޮޑެވެ. އަހަރެންގެ ލޮބުވެތި ރައްޔިތުން ސަލާމަތްކަންމަތީ ލައްވާނދޭވެ! ޢިރާޤު މިނިވަންކަންމަތީ ދަމަހައްޓަވާންދޭވެ! އަދި ޣައްދާރުންގެ މައްޗަށް ގަދަވުމުގެ ބާރު މުސްލިމުންނަށް ދެއްވާނދޭވެ!" މި ދުޢާއެވެ.

އަދި އެވަގުތު ޞައްދާމްގެ މޫނުފުޅު މަތިން ފެންނަންހުރީ ޢަޒުމާއި ޢުންމީދުގެ ކުލަވަރުތަކެވެ. ހުރިހާ އުންމީދެއްވެސްވަނީ ޢަރަބީންނާއި ރައްޔިތުންގެ އަތްމަތީގައެވެ. ހިތްވަރުގަދަ މި ބަޠަލު އެންމެފަހުން ދުނިޔޭގައި އުފުއްލެވީ ދުނިޔޭގައިވާ އެންމެ މާތް ފޮތެވެ. މާތްﷲ ގެ ކަލާމްފުޅެވެ. އެންމެފަހު ޢަމަލުފުޅަކީ ނަމާދެވެ. އަދި އެންމެފަހުގެ ބަހަކީ ޝަހާދަތުގެ ދެކަލިމައެވެ. މިފަދަ މާތް ބޭކަލަކަށް އަޅުގަނޑުމެން ބަޠަލެއްގެ މަޤާމް ނުދޭންވީ އެއްވެސް ސަބަބެއްނެތެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ސައްދާމް ހުސެއިން އަކީ އަރަބި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޙްސިއްޔަތެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...