އާސިފާގެ މަރާއި ގުޅިގެން އިންޑިއާގައި އެތައްހާސް ބަޔަކު މުޒާހަރާ ކުރަނީ

އިންޑިއާގެ ކަޝްމީރުގައި އުމުރުން އެންމެ 8 އަހަރުގެ އާސިފާ ބާނޫ ރޭޕް ކުރުމަށްފަހު އަނިޔާވެރި ގޮތަކަށް މަރާލުމާއި ގުޅިގެން އިންޑިއާގެ އެކި ސަރަޙައްދުތަކުގައި އެތައް ބަޔަކު ވަނީ އެ ޖަރީމާ ހިންގި މީހުންނާއި ދެކޮޅަށް އަޑު އުފުލާފައެވެ. އަދި އާސިފާގެ މަރަށް 3 މަސް ވީއިރުވެސް އެމައްސަލައަށް އިންޑިއާގެ މީޑިއާތަކުގައި މާބޮޑު ސަމާލުކަމެއް ނުދިނީ ކީއްވެގެންތޯ އެތައް ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

ކަޝްމީރުގެ އުދަމްޕޫރުގައި އާއިލާއާއެކު ދިރިއުޅެމުން އައި އުމުރުން 8 އަހަރުގެ އާސިފާ ބާނޫ ރަހީނު ކުރުމަށްފަހު، ރޭޕްކޮށް، މަރާލި މައްސަލައިގައި އިންޑިޔާގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް ބަޔަކު ވަނީ އެޖަރީމާ ހިންގި މީހުންނާއި ދެކޮޅަށް އަޑު އުފުލާފައެވެ. އާސިފާ އަކީ ކަޝްމީރުގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ.  މިދިޔަ ޖެނުއަރީ މަހުގައި އާސިފާ ރޭޕް ކުރުމަށްފަހު މަރާލާފައިވަނީ ކަޝްމީރުގައި ދިރިއުޅެމުން އައި އޭނާގެ އާއިލާއަށް ބިރު ދެއްކުމަށްފަހު އެމީހުން އެތަނުން ފޮނުވާލުމަށް ކަމަށް ފުލުހުން ކުރި ތަހްގީގަށް ވަނީ ހާމަވެފައެވެ.

އާސިފާ ރަހީނު ކުރުމަށްފަހު ފައްޅިއެއްގައި އެތައް ދުވަސްތަކެއް ވަންދެން ބައިންދާފައި އިންއިރު، އެ ކުޑަ ކުއްޖާ އެތައް ފަހަރަކު ރޭޕް ކޮށްފައިވެއެވެ. އާސިފާއަށް އެ އަނިޔާ ދިން މީހުންނަކީ އިންޑިއާގެ ހިންދޫ ދީނުގެ ބައެކެވެ. އާސިފާގެ މަރާއި ގުޅިގެން އެކަމުގައި ބައިވެރިވި ހިންދޫއިންނާއި އެއްކޮޅަށް އިންޑިއާގެ ހިންދޫ ދީނުގެ ފަރާތްތަކުން އަޑު އުފުލާފައިވާއިރު، ބައެއް ފަރާތްތަކުން ދަނީ ކޮންމެ ދީނަކަށް ނިސްބަތްވީ ނަމަވެސް އެއްވެސް މީހަކަށް އެފަދަ އަނިޔާއެއް ދެވިގެން ނުވާނެ ކަމަށް ބުނަމުންނެވެ.

ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ ރެކޯޑު އޮންނަ އިންޑިޔާގެ ސަރުކާރުން މިފަދަ މައްސަލަތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ނުދާކަންވެސް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އިންޑިއަން ނޭޝަނަލް ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވަނީ އާސިފާއަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ ކުރި މުޒާހަރާއެއްގައި ބައިވެރިވެވަޑައިގެން ސަރުކާރާއި ދެކޮޅަށް އަޑު އުފުއްލަވާފައެވެ. ރާހުލް ވިދާޅުވީ ރޭޕްގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރު ފެއިލްވެފައިވާ ކަަމަށެވެ.

އަދި ކުޑަކުދިން ރޭޕް ކުރުމުގެ މައްސަލަތައް އިތުރުވަމުން ދިއުމަކީ އެކަމާމެދު ނުހަނު ކަންބޮޑުވެލައްވާ ކަމެއް ކަމަށް ރާހުލް ގާންދީ ވަނީ ވިދާޅުވެފައެވެ. އާސިފާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ 8 މީހެއްގެ ޝަރީއަތް ހޯމަ ދުވަހު ވަނީ ފަށާފައެވެ. އެ އެންމެންވެސް ވަނީ ކުށަށް އިންކާރު ކޮށްފައެވެ. އެމީހުންގެ މައްޗަށް ކުރާ ދައުވާއާއި ގުޅޭ ލިޔެކިޔުންތައް އެމީހުންގެ ޤާނޫނީ ޓީމާއި ހަވާލު ކުރުމަށް ހޯމަ ދުވަހުގެ ޝަރީއަތުގައި ކޯޓުން ވަނީ އަންގާފައެވެ.

ދެން މިމައްސަލައިގެ ޝަރީއަތެއް އޮންނާނީ އޭޕްރީލްމަހުގެ 28 ވަނަ ދުވަހުގައެވެ. އާސިފާގެ ފުރާނަ ނެތް ހަށިގަނޑު ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. އާސިފާ މަރާލާފައިވަނީ ކަރުގައި ހިފައިގެން ކަން ތަހްގީގަށް ވަނީ ހާމަވެފައެވެ.

އަދި މަރުވި ކަން ޔަޤީން ކުރުމަށް އެކުއްޖާގެ ބޮލުގައި 2 ފަހަރު ގަލަކުންވެސް ޖަހާފައިވެއެވެ. ފުލުހުން ބުނީ އާސިފާ ރޭޕް ކުރުމަށްފަހު މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށެވެ. މި ހާދިސާއާއި ގުޅިގެން ހިންދޫ ދީނުގެ މީހުންނާއި މުސްލިމުންނާއި ދެމެދު ހަމަނުޖެހުން އިތުރުވެފައިވާއިރު، އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އާސިފާގެ އާއިލާއަށް ހިމާޔަތް ދިނުމަށް އަންގާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...