ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތް- ސަރުކާރު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު.

ރާއްޖޭގެ ޤާނޫނުތައް ހުރިގޮތުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތްކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިހެން ބުނެފައިވަނީ، އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ކުރީގެ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް އދ. ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީން ނިންމުމާއި ގުޅިގެން އެކަމަށް ރައްދުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ކުރީގެ ނަޝީދު މައްސަލާގައި ދިވެހި ރާއްޖޭގެ ސްޕްރީމު ކޯޓުން 2016 ވަނަ އަހަރުގެ ޖޫން 27 ގައި އިއްވި ހުކުމް ދިވެހި ސަރުކާރުން ފުރިހަމަ އަށް ބަލައިގެންފައިވާ ކަމަށެވެ.

އަދި އެގޮތަށް ޙުކުމް ކޮށްފައިވާއިރު، ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވުމަކީ ޤާނޫނުގެ އިމުގެ ތެރެއިން ކުރެވޭނެ ކަމަކަށް ނުވާތީ އެ ފުރުސަތު ނަޝީދަށް ލިބިގެން ނުވާ ކަމަށް ވަނީ ބުނެފައެވެ. ފޮރިން މިނިސްޓްރީން ބުނީ، ކުރީގެ ރައީސް ނަޝީދު މައްޗަށް ކްރިމިނަލް ކޯޓުގެ ފަޑިޔާރެއް ހައްޔަރު ކުރުމުގެ ދައުވާ ސާބިތުވެފައިވާ ކަމަށެވެ. އަދި ހުދު ނަޝީދުވެސް އެކަމަށް އިއުތިރާފުވެފައިވާ ކަމަށް ސަރުކާރުގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

އަދި ވެރިކަމަށް ވަޑައިގެންފިނަމަ އަދިވެސް އެގޮތަށް އަމަލު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަން ސަރުކާރުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ދިވެހި ސަރުކާރަކީ ޤާނޫނުތަކާއި ޤަވައިދުތަކަށް ފުރިހަމައަށް ބޯލަނބާ ސަރުކާރެއް ކަމަށާއި، ނަޝީދުގެ މައްސަލައިގައި ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިނުވާނެ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.  އަދި ނަޝީދުގެގެ މައްޗަށް އިއްވި ޖަލު ހުކުމުގައި، ސިޔާސީ އެއްވެސް ނުފޫޒެއް ނޯންނާނެކަމުގެ ޔަޤީންކަންވެސް ސަރުކާރުން ވަނީ ދީފައެވެ. 

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލެވޭނެ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ބަޔާންކޮށްފައިވާއިރު، 109 ވަނަ މާއްދާގެ ޅ ގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލާ މީހާ އަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެޙުކުމް ތަންފީޒްކޮށް ނިމުނުތާ ނުވަތަ އެޙުކުމުން ކަނޑައެޅުނު އަދަބް މަޢާފް ކުރެވުނުތާ ތިން އަހަރުވާން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުގެ ބަޔާނުގައި ވަނީ ކުރީގެ ރައީސް ނަޝީދަށް ބޭސް ފަރުވާ ކުރުމަށް ޤައުމުން ބޭރަށް ދިއުމުގެ ހުއްދަ ދީފައިވާކަން ފާހަަގަކޮށްފައެވެ. އަދި ހުއްދަ ދިން މުއްދަތު ހަމަވުމުންވެސް ނަޝީދު އެނބުރި އައިސްފައިނުވާކަމަށް ވަނީ ބުނެފައެވެ. އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީން މިއަދު ބުނެފައިވަނީ، ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އުވާލައި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތައް އަލުން ދިރާސާ ކުރުމަށް ފަހު، ދައުވާކުރަން ޖެހޭ ނަމަ، އަލުން އިންސާފުވެރިކަމާ އެކު އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ކުރުމަށް ގޮވާލާ ކަމަށެވެ.
 
 އަދި އެގުރޫޕުގެ ނިންމުން 180 ދުވަހުގެ ތެރޭގައި ތަންފީޒުކުރެވިފައިވާ މިންވަރު ހާމަކޮށް ކޮމިޓީއަށް ޖަވާބުދާރީވުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޓީ އިން ވަނީ އަންގާފައެވެ. މީގެ އިތުރުން ނަޝީދަށް އިންތިޚާބުތަކުގައި، އޭގެ ތެރޭގައި ރިޔާސީ އިންތިޚާބު ވެސް ހިމެނޭ ގޮތަށް، ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެކަމަށް އދ. އިން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...