ޔުނައިޓެޑް ބަލިވުމާ އެކު ސިޓީ އަށް ޗެމްޕިއަންކަން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ތާވަލުގެ އެންމެ ފުލުގައި އޮތް ވެސްޓް ބްރޮމް އަތުން އެކެއް ސުމެއްގެ ނަތީޖާއިން ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ބަލިވުމުން، މެންޗެސްޓާ ސިޓީ އަށް ލީގުގެ ޗެމްޕިއަންކަން ލިބިއްޖެ އެވެ.

ލީގުގައި ބާކީ ފަސް މެޗު އޮއްވާ ސިޓީ އަށް ޗެމްޕިއަންކަން ލިބުނީ ޔުނައިޓެޑާ ދެމެދު އޮތް ފަރަގު ސޯޅަ ޕޮއިންޓަށް ފުޅާވުމާ ގުޅިގެންނެވެ. ކުރިއަށް ހުރި މެޗުތަކުން ޔުނައިޓެޑް މޮޅުވެ ސިޓީ ބަލިވި ނަމަވެސް، ޔުނައިޓެޑަށް ދެން އެ ޓީމާ އަރާ ހަމައެއް ނުކުރެވޭނެ އެވެ.

މިއީ ފާއިތުވި ފަސް ސީޒަނުގައި ސިޓީ ހޯދި ތިންވަނަ މުބާރާތްކަން ފާހަގަކޮށްލެވެ އެވެ. އަދި މިއީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން އެ ކްލަބް ހޯދި ފުރަތަމަ ލީގު ޗެމްޕިއަންކަމެވެ. ސިޓީގެ ފަރާތުން މުޅި ސީޒަނުގައިވެސް މޮޅު ކުޅުމެއް ފެނިފައިވާ އިރު، މިފަހަރު އެ ޓީމް ބަލިވެފައިވަނީ އެންމެ ދެ މެޗުންކަން ފާހަގަކޮށްލެވެ އެވެ.

ސިޓީ ލީގު ތާވަލުގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމް ވަނީ ޖުމްލަ ނުވަދިހަ ތިން ލަނޑު ޖަހާފައެވެ. ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ލީގު ތާވަލުގެ ޗެމްޕިއަންކަން ހޯދުމާ އެކު، އެ ކާމިޔާބީ ވެގެން ގޮސްފައިވަނީ ކުރިން ބަޔާން މިއުނިކް އަދި ބާސެލޯނާ އަށްވެސް އިރުޝާދު ދިން ގާޑިއޯލާގެ ހަޔާތުގައި އޭނާ ހޯދި ސައުވީސްވަނަ މުބާރާތަށެވެ.

އުމުރުން ސާޅީސް ހަތް އަހަރުގެ ކޯޗު ސްޕޭނާއި ޖަރުމަނުގެ ޗެމްޕިއަންކަންވެސް ހޯދި އިރު، އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާ ވަނީ ދެ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ. ލީގު ހޯދުމުގެ ދަތުރުގައި ސިޓީ އިން ޖެހިޖެހިގެން އަށާރަ މެޗު ކާމިޔާބުކޮށް ޕްރިމިއާ ލީގުގައި ރެކޯޑެއްވެސް ގާއިމްކުރި އިރު، އެ ޓީމް ވަނީ މަދުވެގެން އެއް ފަހަރު ލީގުގެ އެހެނިހެން ކްލަބުތަކުގެ މައްޗަށް މޮޅެއް ހޯދާފަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...