އެޑިއުކޭޝަން މިނިސްޓަރު ލާމު އަތޮޅަށް ކުރެއްވި ޒިޔާރާތް

ދިވެހިރާއްޖޭގެ ވެރިރަށް މާލެއިން ފުރައިގެން ލާމު އަތޮޅަށް އެޑިއުކޭޝަން މިނިސްޓްރީގެ ވަފުދު ފުރާވަޑައިގަތީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގަ އެވެ.

ލާމު އަތޮޅު ކޫއްޑޫ އެއާޕޯޓަށް ވަޑައިގަތް އަރާމުކުރެއްވުމެއް ނެތި މިނިސްޓަރު އައިޝަތު ޝިހާމާއި އެޑިއުކޭޝަން މިނިސްޓްރީގެ ވަފުދު ވަނީ ލ. އަތޮޅު ގަމުގައި ގަތަރު ސަރުކާރުން އަޅައިދެއްވި ހަމަދު އަލް ތާނީ ސްކޫލަށް ޒިޔާރާތްކުރައްވާ އެ ސްކޫލްގެ އިސްބޭބޭފުޅުންނާއި ދަރިވަރުންގެ އިތުރުން ބެލެނިވެރިންނާވެސް ބައްދަލުކުރައްވާ ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ.

ސްކޫލުގައި ހުރި މައްސަލަތަކާއި ކިޔަވައިދިނުމަށް އައި ބަދަލުތަކާއި ގައުމީ އާ މަންހަޖާއި އެޑިއުކޭޝަން މިނިސްޓްރީ އިން އިންތިޒާމްކުރައްވައިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ފެއްޓެވި ހަރަކާތްތަކާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދެއްކެވި އެވެ. ދިގު ދެމިގެން ދިޔަ ބައްދަލުވުމަކަށް ފަހު މިނިސްޓްރީގެ ވަފުދުން އިހައްދޫ ސްކޫލަށް ޒިޔާރާތްކުރެއްވި އިރު، މިނިސްޓްރީގެ ވަފުދުން ވަނީ ލ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ލ. އަތޮޅު މާވަށު ސްކޫލަށްވެސް ޒިޔާރާތްކުރައްވާފަ އެވެ. އަދި އޭގެ ފަހުން މާބައިދޫ ސްކޫލާއި ލ. އަތޮޅު މަދަރުސާގެ އިތުރުން މުންޑޫ ސްކޫލަށްވެސް ޒިޔާރާތްކުރައްވާ، މިއިން ކޮންމެ ސްކޫލެއްގެ ހުރި މައްސަލަތަކާއި އުދާސްތަކާއި ކުރިއެރުންތައް މިނިސްޓަރު އަޑުއެއްސެވީ ވަރުބަލި ކަމެއް ނެތި ކެތްތެރިކަމާ އެކުގަ އެވެ.


ސްކޫލްތަކަށް ޒިޔާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުތަކުގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި ދަސްވާރު ޕްރޮގްރާމާއި ހާއްސަ އެހީ އަށް ބޭނުންވާ ކުދިން ބާކީ ނުކުރުމާއި ގައުމީ މަންހަޖަށް ގެނައި ބަދަލުތަކާ އެކު މުދައްރިސުން އެކަންކަމަށް ހޭނުމާއި ދަރިވަރުންނަށް ކިޔަވައިދޭ ފެންވަރު އިތުރުކުރުމުގެ ގޮތުން މުދައްރިސުން ތަމްރީން ކުރުން ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޒައާމަތުގައި ގެނައި ބަދަލެއް ކަމުގައިވާ، އެއްވެސް ކުއްޖެއް އަދި އެއްވެސް ފަރާތެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ހާއްސަ އެހީ އަށް ބޭނުންވާ ކޮންމެ ދަރިވަރަކަށްވެސް، ރާއްޖޭގެ ކޮންމެ ސްކޫލަކުންވެސް ތައުލީމް ހާސިލްކުރެވޭނެ ނިޒާމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އިރު، 2014 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓަރުގެ މަގާމާ އައިޝަތު ޝިހާމް ހަވާލުވެވަޑައިގެންނެވި އިރު، މުޅި ރާއްޖޭގައިވެސް، އެކަހަލަ ކުދިންނަށް ކިޔައިވައިދެވޭނެ ފެންވަރުގެ މުދައްރިސުން ހުރީ އެންމެ ސޯޅަ ސްކޫލެއްގައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިއަދަށް ބަލާލާ އިރު، އެ އަދަދު ދުވިސައްތަ ބާރަ ސްކޫލަށް ފުޅާވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިއީ، އާދަޔާ ހިލާފު ތަފާސް ހިސާބެއްކަން ފާހަގަކޮށްލަން ޖެހެ އެވެ. އެހެނީ، އެންމެ ތިން އަހަރުގެ ތެރޭގައި، ރާއްޖެގެ ކޮންމެ ސްކޫލެއްގައިވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ މަގު ތަނަވަސްވެފައިވުމަކީ ދުރާލާ ރޭވުންތެރިކަމުގެ ދަށުން މަސައްކަތް ނުކޮށްފި ނަމަ ވުމަށް ވުރުން ނުވުން ކައިރި ކަމެކެވެ. ހަމަ ޔަގީނުންވެސް، ރައީސް ޔާމީންގެ ސިޔާސަތުގެ ދަށުން ފެނިގެން ދިޔަ އިންގިލާބީ ބަދަލެއް ނޫން ކަމަކަށް އެކަން ނުވާ ހުއްޓެވެ.


އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ކިޔަވައިދިނުމުގެ ފެންވަރު އިތުރުކުރުމަށް މިހާރުވެސް ތިންހާހަށްވުރެ ގިނަ މުދައްރިސުން ތަމްރީން ކުރެވިއްޖެ ކަމަށާއި އަދި ކުރިއަށް އޮތް މުސްތަގްބަލުގައިވެސް އެކަން ކުރިއަށް ދާނީ ހުއްޓުމެއް ނެތި ކަމަށެވެ.

މުދައްރިސުންނަށް ނިސްބަތްކޮށް މިނިސްޓަރު ފާހަގަކުރެއްވި އެއް ނުކުތާ އަކީ، ދަރިވަރުންނަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްދެއްވުމަށާއި، ޓީޗަރުން ތަމްރީން ވުމުގައިވެސް، ކިޔަވައިދިނުމާ ގުޅޭ ރޮނގު ރޮނގުން ތަމްރީން ހާސިލްވުމަށް ނިހާޔަތަށް އެދިލައްވާ ކަމަށެވެ.

އެހާ ހިސާބުން، ދިވެހިރާއްޖޭގެ ދަރިވަރުން ތަމްރީން ހާސިލްވާ ފެންވަރު މަތިވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެ އަކީ ތޫނުފިލި ކުދިންތަކެއް އުފަންވާ ގައުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އިރު، އެކަމަށް ހެކި ދެއްކެވީ ސާނަވީ ތައުލީމާއި މަތީ ތައުލީމުގެ އެކިއެކި ބައިނަލްއަގްވާމީ އިމްތިހާނުތަކުން ރާއްޖޭގެ ދަރިވަރުން ނެރެމުންގެންދާ ރަނގަޅު ނަތީޖާތަކެވެ. މިނިސްޓަރު ވިދާޅުވީ، މިހާރު ކިޔަވައިދޭ ފެންވަރު މަތިކުރެވިއްޖެ ނަމަ، އެ އަދަދު އެތައް ގުނައެއް އިތުރު ވެގެން ދާނެ ކަމަށެވެ.


އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، 2014 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވި އަދަދު އުޅުނީ މުޅި ރާއްޖޭގެ ނިސްބަތުން ބަލާއިރު އެންމެ ފަންސާސް އިންސައްތައިގަ ކަމަށާއި، ނަމަވެސް، ކިޔަވައިދިނުމަށް ގެނައި ބަދަލުތަކާ އެކު، މިދިޔަ އަހަރަށް ބަލާލާއިރު، އެ އަދަދު ހަތްދިހަ ހަތް އިންސައްތަ އަށް މަތިވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފަރުކޮއެ ޕްރޮގްރާމްތަކުގެ ތެރެއިން ދަރިވަރުންނަށް ރާއްޖޭގެ ހަގީގީ ރީތިކަން ތަސައްވަރު ކުރެވިއްޖެ ކަމަށާއި، އެކަހަލަ ޕްރޮގްރާމްތަކުގެ ސަބަބުން ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އަދި މޫދަށް ކުނި ނޭޅުމާއި ޒިންމާދަރުކަމާ އެކު ތިމާވެށި ރައްކާތެރިކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް އެކަމަނާ އެކަން ސިފަކުރެއްވި އެވެ. އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް މުސްތަގްބަލުގައި ހުރިހާ ސްކޫލަކަށްވެސް ޓެބްލެޓާއި އިންޓަނެޓް ފޯރުކޮށްދޭނެ ކަމަށާއި، ނަމަވެސް، އެކަން ކުރުމުގެ ކުރިން، އެ ވަސީލަތްތަކަށް ޓީޗަރުން ހާނުވާ ތަމްރީން ކުރަން ޖެހޭނެ ކަމަށެވެ.


މިއިން އެއް ބައްދަލުވުމުގައި، ލާމު އަތޮޅުގައި ދިރިއުޅޭ ރައްޔިތެއް މިނިސްޓަރާ ނިސްބަތްކޮށް ވިދާޅުވީ، އޭނާ ޓީޗަރެއްގެ ގޮތުގައި އަދި މަންމައެއްގެ ގޮތުގައި މަސައްކަތްކުރާތާ އެތަށް އަހަރެއް ވެދާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޒައާމަތުގައި އެޑިއުކޭޝަނުގެ ދާއިރާ ކުރިއެރި ގޮތް ހަމަލޮލުން ފެނުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި އެއީ އުފަލުން ފޮޅޭ ވަރުގެ މަންޒަރެއްގެ ގޮތުގައި އެކަން އޭނާ ދެކޭ ކަމަށެވެ.


ލާމު އަތޮޅަށް ކުރެއްވި ޒިޔާރާތުގައި، އެ އަތޮޅުގެ ހުރިހާ ސްކޫލަކަށް ޒިޔާރާތް ކުރެވިފައި ނުވި ނަމަވެސް، މިނިސްޓަރާއި މިނިސްޓްރީގެ ވަފުދު ވަނީ އެ އަތޮޅުގެ ހުރިހާ ޕްރިންސިޕަލުންނާ އެކު ދިގު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ބައްދަލުވުން ގާތްގަނޑަކަށް ތިން ގަޑިއިރަށް ދިގު ދެމިގެން ދިޔަ އިރު، އެ ބައްދަލުވުމުގައި، ލާމު އަތޮޅުގެ ހުރިހާ ސްކޫލެއްގައި ހުރި މައްސަލަތަކާއި ފެނިގެން ދިޔަ ކުރިއެރުންތައް ވަކިވަކިން މިނިސްޓަރާ ހިއްސާކުރައްވާފައިވެ އެވެ.


އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ފެނިގެން ދިޔައީ، ޓިވެޓް ކޯސް ނިންމި ދަރިވަރުންނަށް އިނާމް ދެއްވައި އެ ހަފްލާގައި، ދަސްވެނިވުނު ކުދިންނަށް މިނިސްޓަރު ހަނދާނީ ލިޔުން ދެއްވި މަންޒަރެވެ.


 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...