ގެމަނަފުށީ ފުޓްސަލްދަނޑުގެ މަސައްކަތް އަންނަ ރަމަޟާން މަހަށް ނިންމާލެވޭނެ: ޖަމީލް އުސްމާން

ގެމަނަފުށީގެ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ

ގެމަނަފުށީ ފުޓްސަލް ދަނޑުގެ މަސައްކަތް އަންނަ ރަމަޟާން މަހަށް ނިންމާލެވޭނެ ކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

ޗެނަލް ތާޓީން އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ ގެމަނަފުށީގައި މިސަރުކާރުން ތަރައްގީގެ އެތައް މަޝްރޫއުތަކެއް މިއަދާ ހަމަޔަށް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ އެރަށުގެ ފުޓްސަލް ދަނޑުގެ މަސައްކަތްކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޖަމީލް އުސްމާން ވިދާޅުވީ އެރަށު ޒުވާނުން އެންމެ ބޮޑަށް މިހާރު ބޭނުންވެފައިވާ ފުޓްސަލްދަނޑުގެ މަސައްކަތް އަންނަ ރަމްޟާން މަހަށް އެއްކޮށް ނިމި ބޭނުންކުރެވޭވަރު ވާނެކަމަށް. ފުޓްސަލް ދަނޑުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ކާރޕެޓް އެޅުމުގެ މަސައްކަތް ކަމަށާއި އެމަސައްކަތުގެ އަށްޑިހަ އިންސައްތަ މިހާރު ނިމިފައިވާކަމަށް ޖަމީލް ވިދާޅުވިއެވެ.

އަދި ކާރޕެޓްގެ މަސައްކަތް ނިމުމުން ދަނޑުގައި ލައިޓް ހަރުކޮށް ދެން ހުރި ކުދި މަސައްކަތްތައް ދެ ހަފްތާއެއްހާ ދުވަސްތެރޭގައި ނިންމާލެވޭނެކަމަށާއި ފުޓްސަލް ދަނޑުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ސަމާނެއްވެސް އެރަށަށް ގެންގޮސްފައިވާކަމަށް ޖަމީލް އުސްމާން ފާހަގަކުރެއްވިއެވެ.

ގެމަނަފުށީގެ ތަރައްޤީއަށް މި ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ޖަމީލް އުސްމާން ވިދާޅުވީ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއްކަަމުގައިވާ ނަރުދަމާ އެޅުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަަމަށެވެ. އެގޮތުން އެމަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށް މިހާރު ކުރިއަށް ދަނީ އެމަސައްކަތް ކުރުމަށް ހުށަހެޅި ފަރާތްތަކުގެ ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ.

އަދި ބިޑް އިވެލުއޭޓްކޮށް ނިމުމުން ވަރަށް އަވަހަށް އެމަސައްކަތް ކުުރުމަށް ބަޔަކާއި ހަވާލުކުރާނެކަމަށާއި މިއަހަރުގެ ތެރޭގައި ނަރުދަމާގެ ބޮޑުބައެއް ނިމޭނެކަމަށް އުއްމީދު ކުރާކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...