އެސްޓީއޯއިން އައިޖީއެމްއެޗްގެ ލެބޯޓްރީއަށް 5 މިލިއަން ރުފިޔާގެ އަގުހުރި މެޝިންތަކެއް ހަދިޔާކޮށްފި

އެސްޓީއޯއިން އައިޖީއެމްއެޗްގެ ލެބޯޓްރީއަށް ހަދިޔާކުރި މެޝިންތައް

އެސްޓީއޯއިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ބްލަޑް ކަލްޗަރ އެންޑް އައިޑެންޓިފިކޭޝަން އޮޓޮމޭޝަން ސިސްޓަމްތަކެއް ހަދިޔާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްޗްގެ ސީނިއަރ ކޮންސަލްޓަންޓް އިން ޕެތޮލޮޖީ ޑރ. މިލްޒާ އަބްދުލް މުހުސިން ވިދާޅުވީ، އެސްޓިއޯއިން ހަދިޔާކުރި މެޝިންތަކުގެ ސަބަބުން އައިޖީއެމްއެޗްގެ މައިކްރޯ ބަޔޮލޮޖީ ސެކްޝަނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ޤައުމީ އެންޓި މައިކްރޯބިއަލް ރިފަރެންސް ލެބޯޓްރީ ހުންނަނީ އައިޖީއެމްއެޗްގައި ކަމަށް ވުމާއެކު، މަހުން މަހަށް ތަފާސް ހިސާބުތައް އާންމުކުރަން ފަސޭހަވާނެ ކަމަށް ވެސް ޑރ. މިލްޒާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މިލްޒާ ވިދާޅުވީ، މި މެޝިންތަކުގެ ސަބަބުން ކުރިއަށްވުރެ އަވަހަށް ލެބޯޓްރީ ރިޕޯޓުތައް ދޫކުރެވޭނެ ކަމަށާއި، ރިޕޯޓުތަކުގައި ހިމަނާ މަޢުލޫމާތުތައް ކުރިއަށްވުރެ ސައްޙަވާނެ ކަމަށެވެ. މިއާއެކު ޑޮކްޓަރުން ބޭނުންވާ މުހިންމު އިތުރު މަޢުލޫމާތުތައް ވެސް ލިބޭނެ ކަމަށް ޑރ. މިލްޒާ ވިދާޅުވިއެވެ.

އެސްޓީއޯގެ ފަރާތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖަރ، އަބްދުﷲ ވިޝާމް ވިދާޅުވީ، ފަސް މިލިއަން ރުފިޔާގެ އަގުހުރި މި މެޝިންތަކުގެ އެންމެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހަމައެއާއެކު މި މެޝިންތައް އޮޕަރޭޓް ކުރަން ބޭނުންވާ އެހެނިހެން ތަކެތި ޤަވާއިދުން، އެއްވެސް މެދުކެނޑުމެއްނެތި އެސްޓީއޯއިން ފޯރުކޮށްދޭނެ ކަމަށް ވެސް ވިޝާމް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ލެބޯޓްރީގައި އާ މެޝިންތަކެއް ޤާއިމުކޮށްފައިވާއިރު، މީގެ ސަބަބުން ދިވެހިރާއްޖެއަކީ އިންޑިއާއަށް ފަހު ސާކް ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން މިފަދަ މެޝިންތަކެއް ބެހެއްޓި ފުރަތަމަ ޤައުމަށް ވެގެންދާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...