ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަކީ ކާކު؟

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އެޤައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގެންފައިވަނީ 2000 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ބައްޝާރުގެ ބައްޕަ ހާފިޒް އަލް އަސަދު އަވަހާރަވުމަށް ފަހުގައެވެ.

2011 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައި ބައްޝާރުގެ ވެރިކަމާއި ދެކޮޅަށް ފެށި މުޒާހަރާތައް ބޮޑު ހަނގުރާމައަކަށް ބަދަލުވެގެން ދިޔައިރުވެސް ބައްޝާރު އިސްތިއުފާ ދެއްވާފައެއް ނުވެއެވެ.
 
ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. ބައްޝާރަކީ އެމަނިކުފާނުގެ ބައްޕަ ހާފިޒް އަލް އަސަދު އަދި އަނީސާގެ ދެވަނަ ދަރިކަލުންނެވެ. ބައްޝާރުގެ ބައްޕައަށް ސީރިޔާގެ ވެރިކަން ލިބިވަޑައިގަތުމުގެ ކުރިން އެޤައުމުގެ އަސްކަރިއްޔާގައި ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި ވެރިކަމާއި ހަމައަށް ހާފިޒަށް ވަޑައިގެންނެވުނީ އަސްކަރިއްޔާގައި މަސައްކަތް ކުރެއްވިއިރު ލިބިވަޑައިގެންނެވި ބާރާއި ނުފޫޒުގެ ތެރެއިންނެވެ. ސީރިޔާގެ އޭރުގެ ސަރުކާރާއި ދެކޮޅަށް ބަޣާވަތް ކުރެއްވީވެސް ބައްޝާރުގެ ބައްޕަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައްޝާރު ތައުލީމް ހާސިލް ކުރައްވާފައިވަނީ ސީރިޔާގެ ދިމިޝްގުގައި ހުންނަ އަރަބް-ފްރެންޗް އަލް ހުރިޔާ ސްކޫލުންނެވެ. އެ ސްކޫލުން ތައުލީމް ހާސިލް ކުރައްވާ، އަރަބި އަދި ފްރާންސް ބަހުން ފަރިތަކަމާއެކު ވާހަކަ ދައްކަވަން ބައްޝާރު ވަނީ ދަސް ކުރައްވާފައެވެ. 1992 ވަނަ އަހަރުގެ ތެރޭގައި މެޑިކަލްގެ ދާއިރާއިން ތައުލީމް ހާސިލް ކުރެއްވުމަށް ބައްޝާރު ލަންޑަންއަށް ވަޑައިގެންނެވިއިރު، ސިޔާސީ ދާއިރާއަށް އެއްވެސް ވަރަކަށް ޝައުގުވެރިކަން އުފެދިފައެއް ނުވެއެވެ.

ތައުލީމް ހާސިލް ކުރައްވަން އުޅުއްވަނިކޮށް އައްސަދަށް އެނބުރި ސީރިޔާއަށް ވަޑައިގަންނަވަން ޖެހުނީ ބޭބެ ބަސިލް އައްސަދު ކާރު އެކްސިޑެންޓެއްގައި އަވަހާރަވުމާއި ގުޅިގެންނެވެ. ކާރު އެކްސިޑެންޓުގައި ބަސިލް އަވަހާރަވިއިރު، އޭނާ ދިޔައީ ބައްޕަ ހާފިޒަށް ފަހުގައި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ތައްޔާރުވަމުންނެވެ. އެހެންނަމަވެސް ބަސިލް އަވަހާރަވުމާއެކު 29 އަހަރުގެ ބައްޝާރަށް ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތެވެ.
 
2000 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ބައްޝާރުގެ ބައްޕަ އަވަހާރަވުމާއެކު ސީރިޔާގެ މަޖިލީހުން ވަނީ ވެރިކަމަށް ކުރިމަތިލެވޭނެ އެންމެ ހަގު އުމުރަކީ 34 އަހަރު ކަމަށް ކަނޑައަޅާފައެވެ. މިއީ ބައްޝާރަށް ރައީސްކަން ހޯދައިދިނުމަށް ޕާލިމެންޓުން ނިންމި ނިންމުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. 97 ޕަސެންޓް ވޯޓު ލިބިވަޑައިގެން ބައްޝާރު ވެރިކަމަށް ވަޑައިގެންނެވިއިރު، އިޤްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން މުހިއްމު ބަދަލުތަކެއް ގެންނަވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.
 
އެހެންނަމަވެސް ބައްޝާރުގެ ވެރިކަމުގައި އިޤްތިސާދީ ގޮތުން އަދި ސިޔާސީ ގޮތުންވެސް އެޤައުމަށް ހެޔޮ ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. 2007 ވަނަ އަހަރުގައި ބައްޝާރު 97 ޕަސެންޓް ވޯޓާއެކު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތްއިރު، އެފަހަރު ބޭއްވި އިންތިޚާބުގައި ވާދަ ކުރުމުގެ އެއްވެސް ފުރުސަތެއް އިދިކޮޅު ކެންޑިޑޭޓުންނަށް ލިބިފައެއް ނުވެއެވެ. 2007 ވަނަ އަހަރުގެ އިންތިޚާބުގައި ވޯޓުލާ މީހުން ކައިރީގައި އަހާފައިވަނީ ބައްޝާރު ވެރިކަމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯއެވެ.

ސީރިޔާގެ ރައީސް ބައްޝާރުގެ ވެރިކަން ޚުދުމުހުތާރު ވެރިކަމަކަށް ބަދަލުވެގެން ދިއުމުގެ ނަތީޖާއަކަށްވީ ބައްޝާރުގެ ސަރުކާރާއި ދެކޮޅަށް އެތައް ހާސް ބަޔަކު ޝުއޫރު ފާޅުކުރުންނެވެ. ބައްޝާރުގެ ސަރުކާރުން ވަނީ 2007 އަދި 2011 ވަނަ އަހަރުގައި ފޭސްބުކް ފަދަ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައްވެސް ބްލޮކް ކޮށްފައެވެ. އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ބައްޝާރާ އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅު ފަރާތްތަކާއި މެދު އަނިޔާވެރިކޮށް އަމަލު ކުރައްވަމުންދާ ކަމަށް ރިޕޯޓްކޮށްފައެވެ.

އެގޮތުން ބައެއް ސިޔާސީ ފަރާތްތައް ގެއްލިފައިވާއިރު، ބައެއް މީހުން މަރާލުމާއި ޖަލަށް ލުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނެފައިވެއެވެ. ހިއުމަންރައިޓްސް ވޮޗްއިން ބުނީ 2009 ވަނަ އަހަރު ސީރިޔާގައި އިންސާނީ ހައްޤުތަކުގެ ހާލަތު ހުރީ ދުނިޔޭގެ ހުރިހާ ޤައުމަކަށްވުރެ ދަށް ހާލަތެއްގައި ކަމަށެވެ.
 
2011 ވަނަ އަހަރު ސީރިޔާގައި އެޤައުމުގެ ސަރުކާރާއި ދެކޮޅަށް އެތައް ހާސް ބަޔަކު އަޑު އުފުލަން ފެށުމާއެކު ބައްޝާރު އިސްތިއުފާ ދޭން ޖެހޭ ކަމަށް އެތައް ޤައުމަކުން ބުނަން ފެށިއެވެ. އެހެންމަވެސް ބައްޝާރު ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައެވެ.

މި ހަމަނުޖެހުންތައް ބޮޑު ދާޚިލީ ހަނގުރާމައަކަށް ބަދަލުވެފައިވާ ކަމަށް އދ. އިން ހާމަކުރީ 2012 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ސީރިޔާގެ ދާހިލީ ހަނގުރާމައަށް 7 އަހަރުވެފައިވާއިރު، އެހަނގުރާމައިގައި 4 ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 

ވެރިކަން ދިފާއު ކުރުމަށްޓަކައި ސީރިޔާގެ ސަރުކާރުން އެޤައުމުގެ އާއްމު ރައްޔިތުން މަރަމުން އަންނައިރު، ބައްޝާރު ވަނީ އެއީ އެއްވެސް ވަރަކަށް ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. 2011 ވަނަ އަހަރުގެ ޑިސެމްބަރުމަހުގައި ބައްޝާރު ވިދާޅުވެފައިވަނީ ސީރިޔާގެ އާއްމުން މަރަނީ ސީރިޔާ ސިފައިން ކަމަށާއި އެކަމަކީ ރައީސްގެ ބާރު އޮންނަ ކަމެއް ނޫން ކަމަށެވެ.  އަދި އެއްވެސް ޤައުމެއްގެ ސަރުކާރަކުން އެޤައުމުގެ އަމިއްލަ ރައްޔިތުން ނުމަރާނެ ކަމަށް ބައްޝާރު ވިދާޅުވިއެވެ.

ބައްޝާރު މިހެން ވިދާޅުވިނަމަވެސް އެމަނިކުފާނު މަޤާމުން އިސްތިއުފާދެއްވި ނަމަ، ސީރިޔާގެ އެތައް ހާސް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...