ސިއްހީ ދާއިރާއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، މިއަހަރުގެ ސިއްހީ އެވޯޑް ތިން ފަރާތަކަށް

ދ.އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އިސްމާއީލް ޝަރީފް އެވޯޑާ ހަވާލުވަނީ: ފޮޓޯ ޗެނަލް13

ސިއްހީ ދާއިރާއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، މިއަހަރުގެ ސިއްހީ އެވޯޑް ތިން ފަރާތަކަށް ދެއްވައިފިއެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ރަސްމީ ޙަފުލާ ބާއްވާފައިވަނީ އދ. މަހިބަދޫގައެވެ. މި ޙަފުލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި އެންމެ ފާހަގަކޮށްލެވޭ ހަރަކާތެއްގެ ގޮތުގައި ތަފާތު 3 ދާއިރާއަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑު ދިނުން ކުރިއަށް ގެންދެވުނެވެ. އެގޮތުން ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންމެ ރަނގަޅަށް މަސައްކަތް ކޮށްދެއްވާފައިވާ ހޮސްޕިޓަލަކަށް ދޭ އެވޯޑު ލިބިފައިވަނީ ދ. އަތޮޅު ހޮސްޕިޓަލަށެވެ.


މި އެވޯޑުގެ ޙައްޤުވެރި ފަރާތްކަމުގައި ދ. އަތޮޅު ހޮސްޕިޓަލް ހޮވިގެން ގޮސްފައިވަނީ މުޅި އަތޮޅު ތެރޭގައި 2017 ވަނަ އަހަރު އެ ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފައިވާ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގެ ނަތީޖާއެއްގެ ގޮތުން. ޞިއްޙީ ދާއިރާއަށް ފާހަގަކޮށްލެވޭފަދަ ޚިދުމަތެއް ކުރައްވާފައިވާ އަމިއްލަ ފަރާތަކަށް ދޭ އެވޯޑު މިފަހަރު ލިބިފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓަށެވެ. މި އެވޯޑުގެ މަޤުޞަދަކީ މޯލްޑިވިއަން ރެޑް ކްރެސެންޓުން ޤައުމީ ފެންވަރެއްގައި ކުރަމުންގެންދާ އިޖުތިމާޢީ މަސައްކަތްތައް ފާހަގަކޮށް، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅުންހުރި ގިނަގުނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންގެންދާތީ އެކަމަށް ހިތްވަރުދިނުމެވެ. 


ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންމެ ރަނގަޅަށް މަސައްކަތް ކޮށްދެއްވާފައިވާ ހޮސްޕިޓަލަކަށް ދޭ އެވޯޑު އާއި ޞިއްޙީ ދާއިރާއަށް ފާހަގަކޮށްލެވޭފަދަ ޚިދުމަތެއް ކުރައްވާފައިވާ އަމިއްލަ ފަރާތަކަށް ދޭ އެވޯޑު އަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ޙަފުލާގައި މިނިސްޓްރީ އިން ދެމުން އަންނަ 2 އެވޯޑެކެވެ. ތިންވަނަ އެވޯޑެއްގޮތުގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަމާޒުކޮށްގެން އެންމެ ފާހަގަކޮށްލެވޭ ދިރާސާއެއް ކޮށްދެއްވާފައިވާ ފަރާތަށް ދޭ އެވޯޑު ލިބިލައްވާފައިވަނީ ޑރ. ޢާއިޝަތު ޝިފާޒާ އަށެވެ. މި އެވޯޑަކީ 2018 ވަނަ އަހަރު މިނިސްޓްރީއިން އަލަށް ދޭން ފެށި އެވޯޑެއް ކަމުން ޑރ. ޝިފާޒާ ވެގެން ގޮސްފައިވަނީ މި އެވޯޑު ލިބިލެއްވި އެންމެ ފުރަތަމަ ފަރާތަށެވެ.


މީގެއިތުރުން 2014 އިން ފެށިގެން 2018ގެ ނިޔަލަށް ރާއްޖޭގެ ސިއްހީ ދާއިރާ އިން ހާސިލުކޮށްފައިވާ ކުރިއެރުންތަކާއި ސިއްހީ ދާއިރާގެ ކާމިޔާބީތަކުގެ މައްޗަށް އެކުލަވާލާފައިވާ ފޮތެއް ވެސް މިރަސްމިއްޔާތުގައި ވަނީ ނެރެދެއްވާފައެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ރިސާރޗްގެ ފަސް ވަނަ އަދަދު ވެސް ވަނީ ނެރެދެއްވާފައެވެ. އެ ދެ ފޮތް ނެރެދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލޯގޯ ވެސް ޙަފުލާގެ އިވެންޓެއްގެ ގޮތުގައި އިފްތިތާޙުކޮށްފައިވާއިރު، އދ. މަހިބަދޫ ކައުންސިލް އަދި އދ. އަތޮޅު ހޮސްޕިޓަލުން ދުވަހުގެ ޙަރަކާތްތައް ހިންގުމަށް ފޯރުކޮށްދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް ސެޓްފިކެޓް ވަނީ ދެއްވާފައެވެ.


މީގެއިތުރުން ދުވަހުގެ ޝިޢާރާއި ގުޅުވައިގެން ތައްޔާރުކޮށްފައިވާ ކުޑަ ވީޑިއޯއެއް ދައްކާލުމާ، ދުވަހާއި ގުޅޭ މަޢުރަޒެއް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދު މަތޫރު ވަނީ ހުޅުއްވައިދެއްވާފައެވެ. މި މަޢުރަޒުގައި މައިގަނޑު ގޮތެއްގައި ދައްކުވައިދީފައިވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކެވެ.


މި ޙަފުލާގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދު މަތޫރު އާއި އައި.ޖީ.އެމް.އެޗް ގެ ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަން ޑރ. ޢަބްދުލް ޢަޒީޒް ޔޫސުފްގެ އިތުރުން ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމުގެ މަސައްކަތުގައި ޢަމަލީގޮތުންނާއި އެނޫންވެސް ގޮތްގޮތުން ބައިވެރިވެލައްވާ އެހެނިހެން އެކުވެރި ޖަމިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުންވެސް ބައިވެރިވެލެއްވިއެވެ. މިއަހަރަށް ދުނިޔޭގެ ޞިއްޙަތު ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ޞިއްޙަތުގެ ކައުނީ ހިޔާ: ކޮންމެ މީހަކަށް، ކޮންމެ ތާކުން" އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...