ސީރިޔާގައި ދިން ކެމިކަލް ހަމަލާއިން ސަލާމަތްވި މީހެއްގެ ވާހަކަ

2013 ވަނަ އަހަރު ސީރިޔާގެ ގޫތާގައި އެގައުމުގެ ސަރުކާރުން ވަނީ ކެމިކަލް ހަމަލާއެއް ދީފައެވެ. މިއަދު ލުބްނާންގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން އަންނަ މީހުންގެ ތެރެއިން ބައެއް މީހުންނަކީ އެ ނުރައްކާތެރި ހަމަލާއިން ސަލާމަތްވީ މީހުންނެވެ. އެމީހުން އެދުވަސް ސިފަކުރަނީ ބިރުވެރި، އަދި ނާމާން ދުވަހެއްގެ ގޮތުގައެވެ.

ބީބީސީއަށް މައުލޫމާތު ދިން މީހަކު ބުނީ އެފަދަ ބިރުވެރިކަމެއް ދުވަހަކުވެސް ކުރިމަތިވެފައި ނުވާ ކަމަށެވެ. އަދި 2013 ވަނަ އަހަރު ސީރިޔާ ސަރުކާރުން ދިން ކެމިކަލް ހަމަލާގައި އާއިލާގެ 23 މީހުން މަރުވިއިރު، އޭގެ ތެރެއިން 11 މީހުން ފިޔަވާ ދެން ހިމެނެނީ ހުސް ކުޑަކުދިން ކަމަށް އޭނާ ވަނީ ކިޔައިދީފައެވެ. 


"އެއީ 2013 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 21 ވަނަ ދުވަސް. އަހަރުމެން ތިބީ ގޭގައި. އޭރު ގަޑިން ދަންވަރު ދެގަޑި ބައިވެއްޖެ. އަހަރުމެންނަށް ބާރު ގަދަ އެއްޗެއް ގޮވާ އަޑު އިވުނު. އަހަރުމެން ހީކުރީ އެއީ އާދައިގެ މަތިން ގޮއްވާ ބޮންތަކުގެ އަޑު ކަމަށް. ދެން އަހަރުމެން މަތީ ފަންގިފިލާއިން ތިިރިއަށް ފޭބީ ރައްކާތެރިކަން ހޯދަން. ދެން އެކަމަކު އަހަރުމެންނަށް އިވުނީ މީހުން ހަޅޭލަވާ އަޑު. އެންމެންވެސް ގޮވަމުން ދިޔައީ އެއީ ކެމިކަލް ހަމަލާއެއް ކަމަށް. އެންމެންވެސް ގޮވަމުން ދިޔައީ ސަލާމަތްކަން ހޯދުމަށް. އެހެންވެ، އަހަރެން އަހަރެންގެ އަންހެނުންނާއި ދަރިން ގޮވައިގެން ފިލަން ދުއްވައިގަތިން. އަހަރުމެންނަށް ދެވުނީ ގާތްގަނޑަކަށް 400 މީޓަރު ދުރަށް. އޭރު ފިލަން ދުވާ މީހުން ގިނަ ކަމުން މަގުތައް އޮތީ ފުރިފަ. ހީވަނީ ޤިޔާމަތް ދުވަސް އައިސްގެން އުޅޭހެން. އަހަރެންނަށް އެދުވަސް ސިފަވީ އެގޮތަށް. ވަށައިގެން އޮތީ ބިރުވެރިކަމާއި ނާމާންކަން.. އިރުކޮޅެއް ފަހުން އަހަރެން އެނބުރި ދިޔައީ އާއިލާ މީހުން ތިބި ގެއަށް. ގޮސް ދޮރު ހުޅުވާލިއިރު، ގިނަ މީހުން އޮަތީ ގޭގެ ތަޅުން މައްޗަށް ވެއްޓިފަ. ބައެއް މީހުން ވާގި ނެތިފައި އޮތްއިރު، ބައެއް މީހުންގެ އަނގައިން ފޮނަ އަންނަމުން ދިޔަ. އެއީ ވަރަށް ހިތްދަތި މަންޒަރެއް. އެހާދިސާއަށް ފަހު އަހަރެމެންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެދިގެން ދިޔަ. ފުރާނައިގެ އެއްވެސް އަގެއް ނެތް ފަދަ. އަހަރެމެން ހީކުރީ އެހަމަލާއަށް ފަހު، ބައިނަލްއަޤްވާމީ ދުނިޔެއިން ސީރިޔާގެ ހަނގުރާމަ ހުއްޓުވަން ކޮންމެވެސް ކަމެއް ކުރާނެ ކަމަށް. އެހެންނަމަވެސް ރައީސް ބައްޝާރަށް އެއްވެސް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް ހީއެއް ނުކުރަން. އަހަރުމެން ބޭނުމެއް ނޫން އިތުރު ވައިގެ ހަމަލާތަކެއް. އަހަރުމެން ބޭނުންވަނީ މި ހަނގުރާމަ ނިމެން. އަހަރުމެން ބޭނުންވަނީ އިތުރު ބަޔަކު މަރު ނުވަނީސް މި ސަރުކާރުގެ އަނިޔާވެރިކަމުން މިންޖުވާން. "


މިއީ 2013 ވަނަ އަހަރު ޣޫތާގައި ދިން ކެމިކަލް ހަމަލާއިން ސަލާމަތްވި އާއިލާއެއްގެ ވާހަކައެވެ. އަދި މިއީ 7 އަހަރުވެފައިވާ ސީރިޔާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް އައުމަށް އެދި ގޮވަމުން އަންނަ އެތައްހާސް ރައްޔިތުންނެއްގެ އާދޭސްވެސްމެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...