ގަމުގެ ކުނީގެ މައްސަލަ، ކައުންސިލްގެ ބޮޑު އިހުމާލެއް

ހައްދުންމަތީ ގަމަކީ ރާއްޖޭގެ އެންމެ ބޮޑު ރަށެވެ. ލާމު އަތޮޅުގެ އެންމެ އާބާދީ ބޮޑު އަދި ކައުންސިލްގައި 05 މެންބަރުން މަސައްކަތްކުރާ ހަމައެކަނި ރަށަކީވެސް ގަމެވެ. ތިން އަވަށުގައި މީހުން ދިރިއުޅޭއިރު، ގަން ޚާއްސަ ވެގެންވަނީ އަތޮޅުގެ ހުރިހާ ރަށަކުންވެސް ގިނަ ޚިދުމަތްތަކެއް ލިބުމަށް ކައިރި ރަށްރަށުގެ މީހުން އަރާފައިބާ ރަށެއްގެ ގޮތުގައެވެ. ގަމުގެ ރައްޔިތުންނަކީ މެހެމާނުންނަށް މަރުހަބާ ކިޔަން ދަންނަ އެކުވެރި ރައްޔިތުން ތަކެއް ދިރިއުޅޭ ރަށެކެވެ. ރާއްޖޭގައި މިވަގުތު އޮތް އެންމެ ރީތި އަދި އެންމެ ބޮޑު މަގު ގަމުގައި އޮތްއިރު ގަން ރީޖަނަލް ހޮސްޕިޓަލަކީ ތ އަދި ލާމު އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތްދިނުމަށް ޚާއްސަކުރެވިފައިވާ ހޮސްޕިޓަލެކެވެ. ރަށުގެ ޗާލުކަމާއި ހިތްގައިމު ކަމުގެ އިތުރުން ފަތުވެރިންގެ މަންޒިލަކަށް ގަން ވެގެން ގޮސްފައިވާއިރު، ގިނަ ގެސްޓްހައުސްތަކެއް ގަމުގައި ވަނީ ހުޅުވާފައެވެ.

 ގަމުގެ ރައްޔިތުން މިއަދު އެންމެ ބޮޑަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޮތީ އެ ރަށުގެ ކުނީގެ މައްސަލައެވެ. ކުނީގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން މާ ގިނަ މަސައްކަތްތަކެއް ނުކުރާކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނެއެވެ. ގަމުގެ އަވަށު ތެރެއަށް ނަޒަރު ހިންގާލާއިރު ފެންނަނީ ހިތްދަތި އަދި ކަންބޮޑު ވާން ޖެހޭ ފަދަ މަންޒަރެކެވެ. ރަށުގެ މީހުން ދިރިއުޅޭ ގޭގެއާ ވަރަށް ކައިރިން ކައުންސިލުން ކުނިގޮނޑު ހަދާ އެ ސަރަޙައްދުގައި ކުނި އަންދަމުން ދާކަމީ ކަންބޮޑުވާން ޖެހޭކަމެކެވެ.


އެ ސަރަހައްދުގައި ކުނީގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ހުރިހާ ބާވަތެއް އެއްތަނެއްގައި ބަހައްޓައިގެން އަންދަމުން ދާކަން ފާހަގަކޮށްލެވެއެވެ. މިކަމަކީ ސިއްޙަތަށްވެސް ވަރަށް ގެއްލުން ހުރި ކަމެކެވެ. ދަޅު، ފުޅި، ދަގަނޑު، ނެޕީ، ބެޓަރި ފަދަ ހުރިހާ އެއްެޗެއް އެއްތަނެއްގައި ބަހައްޓައިގެން އެންދުމަކީ ވަރަށް ބޮޑު ގޯހެއްކަމަށް ސިއްޙީ މާހިރުން އަބަދުވެސް ބުނެއެވެ. އަދި އެފަދަ ގޮތަކަށް ކުނި އެންދުމަކީ މިޒަމާނުގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެރަށު ރައްޔިތުން ބުނެއެވެ. ކުނި މެހި ތަކާއި، ފަނި ފަކުސާތައް އުފެދި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު އަބަދުވެސް ގަމުގައި އޮންނަނީ މި ސަބަބުތަކަށްޓަކައެވެ.


ގަމުގެ ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި ގަމުގެ ކުނި މެނޭޖްކުރުމަށް ހަވާލުކޮށްފައި ވަނީ ގަން ޑިވެލޮޕްމެންޓް ސޮސައިޓީއާއެވެ. މިއީ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ގެ ހިއްސާއެއް އޮންނަ ޖަމިއްޔާއެއްކަމަށްވެސް މައުލޫމާތުލިބެއެވެ. މިގޮތުން 2015 ވަނަ އަހަރު މި މަސައްކަތް އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާކަމަށާއި، އޭގެ ފަހުން މިއަދާއި ހަމައަށް އެއްވެސް ކުރިއެރުމެއް މިކަމުން ނުލިބި ކުނި ގޮނޑު މަޑުމަޑުން ރަށުގެ ގެތަކާއި ދިމާއަށް އެއްގަމަށް އަރަމުންދާތަން ފެންނަކަމަށްވެސް ގަމު ރައްޔިތުން ބުނެއެވެ. 


ގަމު ރައްޔިތަކު ޗެނަލް ތާޓީންއަށް މައުލޫމާތު ދެމުން ބުނީ، ގަމު ކައުންސިލުން ކުނި މެނޭޖް ކުރުމުގައި ފެއިލްވެފައިވާ ކަމަށެވެ. އަދި ކުނި ގޮނޑާއި އަތިރިމަތި ސާފުކުރުމަށް އަމިއްލައަށް އިސްނަގައިގެން ކުރި ކަންކަމުގައިވެސް ކައުންސިލްގެ އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާކަމަށް އެ ފަރާތުން ފާހަގަކުރިއެެވެ. އަދި ކައުންސިލަރުން ފެންނަނީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމުގެ ބަދަލުގައި އަބަދުވެސް ސަރުކާރަށް ފާޑުކިޔާ ތަން ކަމަށްވެސް އޭނޭ ބުންޏެވެ.

ކަން މިހެން އޮތް އިރު މިއީ ޙަޤީގަތުގައިވެސް މިހާރު ވިސްނަންވެފައިވާ ބޮޑު މައްސަލައެކެވެ. ގަމުގެ ރައްޔިތުންނަށް މި ކުނިގޮނޑުން ސަލާމަތްވާނޭ މަގު ކައުންސިލުން ދައްކަން އެބަޖެހެއެވެ. ދުޅަހެޔޮ ވެއްޓެއް ޤާއިމްކޮށްދޭން އެބަޖެހެއެވެ. ރައްކާތެރިކަމާއި އެކު ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމްކުރަން އެބަ ޖެހެއެވެ. ސަރުކާރާއި ވިއްދާ ބަސް ބުނުމަށްވުރެ ޤާނޫނުން މަތަކޮށްފައިވާ ޒިންމާތައް އަދާ ކުރުން މާ މުހިންމެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...