ސީރިއާގެ ރައްގާގެ 45 އިންސައްތަ އައިއެސްގެ އަތްދަށުން މިނިވަން ކުރެވިއްޖެ: އެމެރިކާ

ސީރިއާގެ އަވަށެއް ކަމަށްވާ ރައްގާގެ 45 އިންސައްތަ އައިއެސްގެ ބާރުގެ ދަށުން މިނިވަން ކުރެވިފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ ރައްގާ އަވަށުގައި ކުރަމުންދާ ހަނގުރާމައިގައި އެމެރިކާ ސިފައިން އައިއެސް ޖަމާއަތުގެ މައްޗަށް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާ ކަމަށާއި، ނަމަވެސް އަދިވެސް އެ ޖަމާއަތުގެ 2،000 ވަރަކަށް ހަނގުރާމަވެރިން އެ އަވަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އައިއެސް ޖަމާއަތުގެ އަތްދަށަށް ރައްގާ ސިޓީ ގޮސްފައިވަނީ 2014 ވަނަ އަހަރުގައެވެ. އެ ޖަމާއަތުގެ އަތްދަށުން ރައްގާ މިނިވަން ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެން ކުރަމުންދާއިރު، ހަމަލާތައް ވަރުގަދަ ކުރަން ފެށީ މިދިޔަ ޖޫން މަހުގައެވެ.
އެގޮތުން ފެށިގެން ދިޔަ ކުރިމަތިލުންތަކުގެ ސަބަބުން ރައްގާ އަވަށުގެ އާންމު ރައްޔިތުން މަރުވި ސީދާ އަދަދު ޔަގީން ނުވި ނަމަވެސް، 20،000 އާއި 50،000 އާ ދެމެދުގެ އަދަދަކަށް އާންމުން މަރުވެފައިވާ ކަމަށް އދ. އިން ލަފާކުރެއެވެ.
އައިއެސްއިން އިއުލާނުކޮށްފައިވާ ޚިލާފަތުގެ ވެރިކަންކުރާ ރަށުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށަކީ ވެސް ރައްގާކަން ފާހަގަކޮށްލެވެއެވެ. ރައްގާގެ 45 އިންސައްތަ އައިއެސްގެ ބާރުގެ ދަށުން މިނިވަންވެފައިވާއިރު، މުޅި ސީރިއާގައި އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގެ 58 އިންސައްތަ ވަނީ މިނިވަންވެފައެވެ.
އަދި ހަމައެއާއެކު އިރާގުގައި އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގެ 78 އިންސައްތަ މިނިވަން ކުރެވިފައިވާ ކަމަށް ވެސް އެމެރިކާއިން ވަނީ ބުނެފައެވެ.
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.