ޔޯގަޓް: މިއީ ވަރަށް ފައިދާ ހުރި އެއްޗެއް

ހަށިގަނޑަށް ފައިދާ ހުރި ބެކްޓީރިއާ ބޭނުންކޮށްގެން އުފައްދާފައިވާ ޔޯގަޓަކީ މީގެ ޤަރުނެއް ކުރިން ފެށިގެންވެސް އިންސާނުން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. މިއީ ހަށިގަނޑަށް އެހާމެ ގިނަ ފައިދާތަކެއްވެސް ލިއްބައިދޭ އުފެއްދުމެއްކަން ފާހަގަކޮށްލެވެއެވެ. އާދަކޮށް ޔޯގަޓް ބޭނުންކުރާނަމަ، ސިއްހީ ގޮތުން އެތައް ފައިދާތަކެއް ލިބޭނެއެވެ. ޔޯގަޓުން ލިބޭ ފައިދާތަކުގެ ތެރޭގައި ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދިނުމާއި، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން ހިމެނެއެވެ.

ޔޯގަޓް އުފައްދަނީ ކިހިނެއް؟

ޔޯގަޓް އުފައްދަނީ ކިރުގައި ހުންނަ ބެކްޓީރިއާއިންނެވެ. މި ބެކްޓީރިއާއަށް ކިޔާ ނަމަކީ "ޔޯގަޓް ކަލްޗަރސް"އެވެ. މިހާރު އުފައްދާ ޔޯގަޓުތަކުގައި ހަކުރާއި އެކި ކަހަލަ ފްލޭވާތައް ބޭނުންކޮށްފައި ހުރެއެވެ. މިފަދަ ޔޯގަޓުން ހަށިގަނޑަށް އެކަށީގެންވާ ފައިދާއެއް ނުލިބޭނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ޔޯގަޓުގެ ހަޤީޤީ ފައިދާ ލިބޭނީ ޕްލެއިން ޔޯގަޓް ބޭނުންކުރާނަމައެވެ. ޕްލެއިން ޔޯގަޓްގައި ހަކުރާއި އެހެނިހެން އިންގްރެޑިއެންޓްސްއެއް ނުހިމެނޭނެއެވެ. ހުރިހާ ވައްތަރެއްގެ ކިރަކުންވެސް ޔޯގަޓް ހެދިދާނެއެވެ. ސްކިމް މިލްކު ބޭނުންކޮށްގެން ހަދާ ޔޯގަޓްގައި އެއްވެސް ވަރަކަށް ފެޓެއް ނުހުންނާނެއެވެ. އަދި ހޯލް މިލްކު ބޭނުންކޮށްގެން ހަދާ ޔޯގަޓްގައި ފެޓްގެ ބައި އެކުލެވިގެންވެއެވެ.

ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާއެއް އެކުލެވޭ

ހަށިގަނޑަށް ބޭނުންވާނެ ކޮންމެ ނިއުޓްރިއެންޓެއް ޔޯގަޓްގައި ހުރެއޭ ބުނެވިދާނެއެވެ. މިއީ އެހާވެސް ފައިދާ ކުރުވަނިވި ޑެއިރީ ޕްރޮޑަކްޓެކެވެ. ކެލްސިއަމް، ވިޓަމިން ޑީ، ވިޓަމިން ބީގެ ވައްތަރުތައް، ފޮސްފޮރަސް، މެގްނީޒިއަމް، ޕޮޓޭސިއަމް، އަދި ރިބޮފްލޭވިން އަކީ ޔޯގަޓްގައި ހިމެނޭ މުހިއްމު މާއްދާތަކެވެ.


ގިނަ އަދަދަކަށް ޕްރޮޓީންވެސް އެކުލެވޭ

ޔޯގަޓްގައި ވަރަށް ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވެއެވެ. އެންމެ 7 އައުންސްގެ ޔޯގަޓްގައި 12 ގްރާމް ޕްރޮޓީން އެކުލެވިގެންވެއެވެ. ޕްރޮޓީން އަކީ ހަޖަމް ކުރުމުގެ ނިޒާމް ދުޅަހެޔޮ ކޮށްދޭ މާއްދާއެކެވެ. ލިބެންވާ މިންވަރަށް ހަށިގަނޑަށް ޕްރޮޓީން ލިބޭނަމަ، ޤަވައިދުން ކެއުމަށްވެސް މަގުފަހިކޮށްދެއެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުން

ޔޯގަޓަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ އެއްޗެކެވެ. ޔޯގަޓްގައި އެކުލެވިގެންވާ ޕްރޯބަޔޯޓިކްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކޮށްދޭއިރު، މިއީ ބަލިތަކުން ސަލާމަތްކޮށްދޭނެ ކަމެކެވެ. ޕްރޯބަޔޯޓިކްގެ އިތުރުން ޔޯގަޓްގައި ހިމެނޭ ވިޓަމިން ޑީ އަކީވެސް ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭނެ ވިޓަމިންއެކެވެ.


ކޮންމެ މީހަކަށް ޔޯގަޓަކީ ރަނގަޅު އެއްޗަކަށް ނުވެދާނެ

ޔޯގަޓަކީ ފައިދާ ހުރި އެއްޗެއް ނަމަވެސް މާ ގިނައިން ބޭނުން ކޮށްފިނަމަ، ގެއްލުންވެސް ލިބިދާނެ އެއްޗެއްކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ. އެގޮތުން ކިރަށް އެލާޖިކްވާ މީހުންނަށް ޔޯގަޓަކީ ކެއުން އެދެވިގެންވާ އެއްޗެއް ނޫނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...