ބީއެމްއެލްއަށް މިދިޔަ އަހަރުވެސް 1 ބިލިއަން ރުފިޔާގެ ފައިދާއެއް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށް އެ ބޭންކުން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފިއެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެކެއް ޕޮއިންޓް ސުމެއް ތިނެއް އަށެއް ބިލިއަން ރުފިޔާ ބީއެމްއެލްއަށް ލިބިފައިވެއެވެ. 2017 ވަނަ އަހަރަކީ އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ބީއެމްއެލްއަށް ޖެހިޖެހިގެން ލިބުނު ދެވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ. 2016 ވަނަ އަހަރު ވެސް، ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް އެކެއް ޕޮއިންޓް ސުމެއް ދޭއް ތިނެއް ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ބޭންކުގެ މާލީ ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު އެކެއް ޕޮއިންޓް ހަތަރެއް އެކެއް ހައެއް ބިލިއަން ރުފިޔާގެ ސާފު ފައިދާ އަކީ އެއް މިންގަނޑަކުން އަޅާބަލާއިރު 2016 ވަނަ އަހަރު އެ ބޭންކަށް ލިބުނު ފައިދާއާ އަޅާބަލާއިރު، ވިހި ޕަސެންޓްގެ އިތުރުވުމެކެވެ.  މި ފައިދާއާ އެކު ބޭންކުން ބުނީ ހިއްސާއަކަށް ބާވީސް ރުފިޔާގެ މަގުން ސަތޭކަ އަށާރަ މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

މިއީ ވެސް ދިހަ ޕަސެންޓްގެ އިތުރުވުމެކެވެ. ބޭންކުން ވަނީ މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި މީރާއަށް ތިންސަތޭކަ ހަތްދިހަ އަށް މިލިއަން ރުފިޔާ ވެސް ދައްކައިފައެވެ. މިދިޔަ އަހަރު ބޭންކްގެ ހަރަދުތައް އިތުރުވެ މާޖިން ދަށްވި ނަމަވެސް، މިދިޔަ އަހަރު ވެސް ބޭންކަށް ރަނގަޅު ފައިދާއެއް ހޯދުނީ ދޫކުރެވުނު ލޯނުގެ މިންވަރާއި ވިޔަފާރިކުރެވުނު މިންވަރު ރަނގަޅުވުމުގެ ސަބަބުންނެވެ.

ބީއެމްއެލް އިން ބުނީ އުފެއްދުންތެރި ނޫން ލޯންގެ ނިސްބަތް، ހަތަރެއް ޕޮއިންޓް އެކެއް އިންސައްތައަށް ކުޑަކުރެވިފައިވާ ކަމަށެވެ.  މިދިޔަ އަހަރު ފެށުނު އިރު އެ އަދަދު ހުރީ ހަތް އިންސައްތައިގައެވެ. އަދި މީގެ ތިން އަހަރުކުރިން އެ އަދަދު ހުރީ ވިހި އިންސައްތައިގައެވެ.

ބޭންކްގެ މިދިޔަ އަހަރުގެ ކާމިޔާބީއާ ގުޅޭ ގޮތުން، އެ ބޭންކުން ނެރުނު ބަޔާނުގައި އެ ބޭންކްގެ ސީއީއޯ އެންޑްރޫ ވިދާޅުވީ، ބޭންކުގެ މާލީ ހާލަތު ހަރުދަނާވުމަކީ ދިވެހި މުޖުތަމައަށް އޭގެ ނުހަނު ބޮޑު ފައިދާއެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމައުގެ ފައިދާއަށް އިތުރު އިންވެސްޓްމަންޓްމަންޓްތަކެއް ކުރިއަށް ގެންދިޔުމަށް ބީއެމްއެލްއަށް މަގުތައް ފަހިވެފައިވާ ކަމަށްވެސް ބީއެމްއެލްގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްގެ ސީއީއޯ އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު ބޭންކުގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު އިތުބާރެއްލިބިފައިވާ ކަމަށެވެ. އަދި މި ނަތީޖާތަކުން ދައްކުވައިދެނީ މާލީ ގޮތުން ހަރުދަނާ ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން ބޭންކުންކުރަމުންދާ އިންވެސްޓްމަންޓްތައް ކަމަށް ހީލީ ފާހަގަ ކުރެއްވިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...