ކައިވެނި ކުރާނީ އެންމެ އެކަށީގެންވާ ވަގުތުގައި: ދީޕިކާ

ދީޕިކާ ޕަދުކޯން އަދި ރަންވީރް ސިންހްގެ ކައިވެނީގެ ވާހަކަ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދެމުން އަންނަ މީޑިއާތަކުގައި އަންނަނީ ދެކެވެމުންނެވެ.

އެގޮތުން ބައެއް މީޑިއާތަކުގައި ރަންވީރްއާއި ދީޕިކާ ކައިވެނި ކުރާނެ ތާރީހަކާއި، ކައިވެނި ކުރާނެ މަންޒިލްގެ ވާހަކަތައް ދެކެވެމުން އަންނައިރު، މިފަދަ އެއްވެސް މައުލޫމާތެއް ރަންވީރް އަދި ދީޕިކާގެ ފަރާތުން ލިބިފައިނުވެއެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރަންވީރް އަދި ދިޕިކާ ކައިވެނި ކުރާނީ މިއަހަރުގެ ފަހުކޮޅުގައެވެ.

އަދި އެދެތަރިންގެ ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ ސްވިޒަލޭންޑްގައި ކަމަށްވެސް ބައެއް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. ކައިވެންޏާއި ބެހޭގޮތުން މީޑިއާއަކުން ސުވާލު ކުރުމުން އުމުރުން 32 އަހަރުގެ ދީޕިކާ ބުނީ ކައިވެންޏަކީ އޭނާގެ ހަޔާތުގެ ބައެއް ކަމަށާއި އެކަން ކުރަން ބޭނުންވާ ކަމަށެވެ.

"ކޮންމެ ކަމަކަށްވެސް އޮންނާނެ ރަނގަޅު ވަގުތެއް. އަހަރެންގެ ކައިވެންޏަށް ރަނގަޅު ވަގުތު ޖެހުމުން އެކަން ކުރާނަން" ކައިވެންޏާއި ބެހޭގޮތުން ސުވާލު ކުރުމުން ދީޕިކާ ބުނީ މިހެންނެވެ. ދީޕިކާގެ އިތުރުން ރަންވީރްވެސް ވަނީ ކައިވެންޏާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

"އަހަރެން ކައިވެނި ކުރަން އުޅޭނަމަ، އަހަރެން އެކަން އިއުލާން ކުރާނީވެސް. އެންމެންނަށް އިވޭވަރަށް!" ރަންވީރް ބުނީ މިހެންނެވެ. އެހެންކަމުން މިދުވަސްކޮޅު ދީޕިކާއާއި ރަންވީރްގެ ކައިވެންޏާއި ގުޅޭގޮތުން ދެކެވެމުން އަންނަ ވާހަކަތައް ތެދުކުރެވޭކަށް ނެތެވެ.

ރާމްލީލާ، ބާޖީ ރާއޯ މަސްތާނީ އަދި ޕަދްމާވަތުގައި އެކުގައި މަސައްކަތްކޮށްފައިވާ ދީޕިކާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2013 ވަނަ އަހަރުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...