އޭޓީއެމް 2018 ގައި މެދުއިރުމަތީގެ ބޮޑު މީޑިއާތައް މެދުވެރިކޮށް ރާއްޖެ ޕްރޮމޯޓް ކުރާނެ: ހާރިސް

މިއަހަރުގެ އެރޭބިއަން ޓްރެވަލް މާކެޓުގައި މެދުއިރުމަތީގެ އެންމެ ބޮޑު މީޑިއާތައް މެދުވެރިކޮށް ރާއްޖެ ޕްރޮމޯޓް ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.

މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައި ކުރިއަށްދާ އެރޭބިއަން ޓްރެވަލް މާކެޓުގައި ރާއްޖެ ތަމްސީލު ކުރުމަށް 67 ކުންފުންޏަކުން 124 އަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވާނެއެވެ. ރާއްޖޭގެ ވަފުދުގައި އެމްއެމްޕީއާރުސީއާއެކު ފަތުރުވެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެ ފެއާގައި ބައިވެރިވާ ދިވެހި ކުންފުނިތަކަށް އަމާޒުކޮށްގެން ވެލާނާގޭގައި ބޭއްވި ޕްރީ މީޓިންގް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރ ހާރިސް މުހައްމަދު ވިދާޅުވީ، މިއަހަރުގެ ފެއާގައި ރާއްޖޭގެ ސްޓޭންޑް ޕްރޮމޯޓްކޮށް އިސްތިހާރު ކުރުމަށްޓަކައި މެދުއިރުމަތީގެ އެންމެ ބޮޑެތި މީޑިއާތަކާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ ފެއާގައި ބައިވެރިވާ ދިވެހި ކުންފުނިތަކުގެ އަމިއްލަ އުފެއްދުންތައް އިސްތިހާރު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ހާރިސް ވިދާޅުވިއެވެ.

މިއަހަރުގެ އެރޭބިއަން ޓްރެވަލް މާކެޓުގައި ރާއްޖެ ޕްރޮމޯޓް ކުރާ ސްޓޭންޑުގައި ޖުމްލަ 68 ކައުންޓަރު ހުންނާނެއެވެ. އަދި ޕްރައިވެޓް މީޓިންގްތައް ބޭއްވުމަށް 32 މޭޒާއި 5 ފްލޯޓިންގް ޓޭބަލް ހުންނާނެ ކަމަށް ވެސް އެމްއެމްޕިއާރުސީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އެ ފެއާ އޮންނަ ކޮންމެ ދުވަހަކު ވެސް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް ރާއްޖޭގެ ސްޓޭންޑުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑިއާ ކެމްޕެއިންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވީއާރު ޓެކްނޮލޮޖީ މެދުވެރިކޮށް ރާއްޖޭގެ ރީތިކަން ދައްކުވައިދިނުމަށް ވެސް އެމްއެމްޕީއާރުސީން ވަނީ ރާވާފައެވެ.

ހަމައެއާއެކު ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހި އަކުރުތަކުން އެ ފަރާތްތައް ބޭނުންވާ އެއްޗެއް ލިޔުމުގެ ފުރުސަތާއި ދިވެހި ކެއުންތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެމްއެމްޕިއާރުސީން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...