މުޅި ރާއްޖެއަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް 8 ވަނަ އުރީދޫ މަސް ރޭސް އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ބަހާލައިގެން ކުރިއަށްދާ ގޮތަށް އުރީދޫގެ އަށްވަނަ މަސްރޭސް އިފްތިތާހުކޮށްފިއެވެ.

މިއަހަރުގެ އުރީދޫ މަސްރޭސް އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރުގެ ނައިބު އަދި ރާއްޖޭގެ ކުރީގެ ފުޓުބޯޅަ ކުޅުންތެެރިޔާ ޝާހް އިސްމާއިލްއެވެ.

މިކަމާ ގުޅޭގޮތުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް ހުސައިން ނިޔާޒު ވިދާޅުވީ، މަސްވެރިކަން ކުރިއެރުވުމަކީ އެކުންފުނިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމަށެވެ.

މިއަހަރުގެ އުރީދު މަސް ރޭހާއި ބެހޭގޮތުން ނިޔާޒު ވިދާޅުވީ، މިއަހަރުގެ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ރިސޯޓުތަކާއި ކުންފުނިތައް އަދި މިނިސްޓްރީތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކުގެ މަސް ރޭހާ މިއަހަރުގެ މަސް ރޭހުގައި އެންމެ ބޮޑު އެއް ތަފާތަކީ، މިއަހަރުގެ މަސް ރޭހުގައި އުތުރާއި މެދުރާއްޖެތެރޭގެ އިތުރުން ދެކުނުގައި ކޮލިފައިން ރައުންޑްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާތީ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

މީގެ ކުރީ އަހަރުތަކުގައި އުރީދޫ މަސް ރޭސް ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި މާލެ ސަރަޙައްދުގައެވެ. މިއަހަރުގެ މުބާރާތުގައި ކޮލިފައިން ބުރުތަކެއް ހިމެނޭއިރު، ކޮންމެ ކޮލިފައިން ބުރަކުން އެއްވަނަ އަދި ދެވަނައަށް ހޮވޭ ފަރާތްތަކަށް ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮލިފައިން ބުރުތަކުގެ ތެރެއިން ރިސޯޓުތަކުގެ ބުރުތައް ކޮންމެ ސަރަޙައްދަކަށް ވަކިން ކުރިއަށްގެންދާއިރު، 8 ޓީމަކަށް ބައިވެރިވެވޭ ގޮތަށް ކުންފުނިތަކާއި މިނިސްޓްރީތަކުގެ ކޮލިފައިން ބުރުތައް ކުރިއަށް ގެންދާނީ މާފުށީގައެވެ. ކޮލިފައިން ބުރަށްފަހު ސެމީ ފައިނަލާއި ފައިނަލް ހިމެނޭ ގޮތަށް ފަހު ބުރު މާލޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މިއަހަރުގެ މަސް ރޭސް ކުރިއަށްދާނީ މި ހިނގާ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...