ފާއިތުވި 4 އަހަރު ޢާންމު ރައްޔިތުންގެ ބޭނުންތަކަށް ދައުރުވާ ފައިސާ ޤައުމުގައި އިތުރުވެއްޖެ: ތައުފީޤް

ޗެނަލް ތާރޓީންގެ ނިއުސްޓޯކް ޕްރޮގްރާމްގައި އާދަމް ތައުފީޤް ވާހަކަ ދައްކަވަނީ: ފޮޓޯ ޗެނަލް13

ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ޖީޑީޕީއަށް ބޮލަކަށް ޖެހޭ ނިސްބަތް އިތުރުވެފައިވުމުން ޢާންމު ރައްޔިތުންގެ ބޭނުންތަކަށް ދައުރުވާ ފައިސާ ޤައުމުގައި އިތުރުވެފައިވާ މިންވަރު އެނގިގެންދާ ކަމަށް އިކޮނިމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ ރައްޔިތުން މިހާރު ގުނަމުން މިދަނީ އިޤްތިސާދީ ގޮތުން ވަރަށް ދުޅަހެޔޮ ދުވަސްތަކެއް ކަމަށެވެ. އަދި ޤައުމުގައި ހުރި މައްސަލަތައް ހައްލު ކުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ޤައުމުގެ އިޤްތިސާދު ހަރުދަނާ ކުރުމަށާއި، ޢާންމު ރައްޔިތުންގެ މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާކަމަށް ތައުފީޤް ވިދާޅުވިއެވެ.

އެގޮތުން މިސަރުކާރު އައި އިރު ޖީޑީޕީއަށް ބޮލަކަށް ޖެހޭ ނިސްބަތް 6،000 ޑޮލަރަށް ޖެހިފައިވާ ކަމަށާއި، 2017 ވަނަ އަހަރުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ބޮލަކަށް 9،000 ޑޮލަރު ޖެހޭ ކަމަށް ތައުފީގް ވިދާޅުވިއެވެ. އަދި މިކަމުން ދައްކުވައިދެނީ ޤައުމުގެ އިޤްތިޞާދު ކުރިއަރައި ގޮސްފައިވާ މިންވަރާއި ޢާންމު ރައްޔިތުންގެ ބޭނުންތަކަށް ދައުރުވާ ފައިސާ ޤައުމުގައި އިތުރުވެފައިވާ މިންވަރު ކަމަށް ތައުފީޤް ވިދާޅުވިއެވެ.

ރާއްޖޭގެ އުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ތައުފީޤް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު، ރާއްޖެ އުމްރާނީ ގޮތުން ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ.

އެގޮތުން މިހާރު އެ މަސައްކަތްތައް ފަށައިގެން މިހާރު ކުރިއަށްދާ ކަމަށާއި ތަރައްޤީގެ މަސައްކަތުގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި އެވްރެޖްކޮށް 2 މަޝްރޫއު ކުރިއަށްދާ ކަމަށް ތައުފީޤް ވިދާޅުވިއެވެ. އަދި މާލެ ސަރަޙައްދުގައި ވެސް ބޮޑެތި މަޝަރޫޢުތަކެއް މިހާރު ނިމިފައިވާއިރު، ކުރިއަށް އޮތް ތަނުގައި ގްރޭޓަރ މާލެ ސަރަޙައްދަށް އުމްރާނީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނަ މަންޒަރު ފެންނާނެ ކަމަށް ތައުފީޤް ވިދާޅުވިއެވެ.


"މީގެ ކުރީގައި އައި ސަރުކާރަކުން ރައްޔިތުންނަށް އުންމީދެއް ދެމުން ދިޔައީ ޤައުމު ހިންގޭނީ ދެ ލެޕްޓޮޕާ ރިސޯޓެއް އޮވެގެން ކަމަށް. ނަމަވެސް އެ ސަރުކާރު ނިމިގެން ދިޔައީ ޤައުމުގެ މަސައްކަތްތައް މެނޭޖް ނުކުރެވުމާއެކު، ތަފާތު ގޮންޖެހުންތައް ޤައުމަށް ކުރިމަތި ކުރުމަށްފަހު." ތައުފީޤް ވިދާޅުވިއެވެ. އެއާ ޚިލާފަށް މިސަރުކާރު ކުރިއަރަމުން މިދަނީ ޤައުމުގެ ކޮންމެ ރައްޔިތަކަށް ތަރައްޤީގެ ފޮނި ރަހަ ދައްކަމުން ކަމަށް ވެސް ތައުފީޤް ވިދާޅުވިއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...