މިޔަންމާ ސިފައިންގެ 7 މީހުންނަށް 10 އަހަރުގެ ޖަލު ޙުކުމެއް

މިޔަންމާގެ ރޮހިންޔާ ދަރިކޮޅަށް ނިސްބަތްވާ މީހުން މެރިކަމުގެ ތުހުމަތުގައި މިޔަންމާ ސިފައިންގެ ތެރެއިން 7 މީހުން ދިހަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް ހިންގި ޖަރީމާތަކުގައި ރޮހިންޔާ މުސްލިމުންގެ ތެރެއިން ބަޔަކު މަރާލި ކަމަށް މިޔަންމާ ސަރުކާރުން އިއުތިރާފްވެފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިޔަންމާގެ ސިފައިންގެ ތެރެއިން 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހުންނަކީ ސެޕްޓެމްބަރުމަހުގައި ހިންގި އަސްކަރީ އޮޕަރޭޝަނުގައި ރޮހިންޔާ މުސްލިމުން މެރުމުގައި ޝާމިލްވެފައިވާ މީހުން ކަމަށެވެ. ރަކީން ސްޓޭޓްގައި މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ލާ އިންސާނީ ޖަރީމާތަކާއި ގުޅިގެން 7 ލައްކައަށްވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ. 

ރަކީން ސްޓޭޓްގައި ހިނގަމުން އައި ކަންކަން ދުނިޔެއަށް ފޮރުވަން މިޔަންމާ ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔައިރު، އެ ޖަރީމާތައް ދުނިޔެއަަށް ހާމަ ކުރުމަށް މަސައްކަތް ކުރި ރޮއިޓާސްގެ ދެ ނޫސްވެރިންގެ މައްޗަށް މިޔަންމާ ސަރުކާރުން ވަނީ ދައުވާ އުފުލާފައެވެ.

އެއީ ދައުލަތުގެ ސިއްރުތައް ހާމަކުރަން މަސައްކަތް ކުރި ކަމުގެ ދައުވާއެވެ. އެދެ ނޫސްވެރިންގެ ޝަރީއަތް ފަށައިގެން ކުރިއަށްދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރޮހިންޔާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގި ޖަރީމާތަކަކީ، ނަސްލެއް ނައްތާލުމުގެ ގޮތުން ހިންގި އަމަލުތަކެއް ކަމަށް އދއިން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...