ފަލަސްތީނުގެ ރައްޔިތުންގެ އާދޭސް: އަހަރުމެންގެ ބިމުން ފައިބާ

ލޭންޑް ޑޭގެ މުޒާހަރާގެ ތެރެއިން: މުޒާހަރާގެ ބައިވެރިން އިޒްރޭލްގެ ޔަހޫދީންނަށް ގޮވާލަމުން ދިޔައީ އެމީހުންގެ ބިމުން ފޭބުމަށް.

އިޒްރޭލްގެ ޔަހޫދީން ފަލަސްތީނުގެ ބިންތައް ހިސާރު ކުރި ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުން އަންނަނީ އެމީހުންގެ ބިމުން ފޭބުމަށް އިޒްރޭލްގެ ޔަހޫދިންނަށް ގޮވާލަމުންނެވެ.

އެގޮތުން 1976 ވަނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު އަރަބި ލީޑަރުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އަޑު އުފުލުމަށް ނިންމާ، ކޮންމެ އަހަރެއްގެ މާޗްމަހުގެ 30 ވަނަ ދުވަސް "ބިމުގެ ދުވަހުގެ ގޮތުގައި ފާހަގަކޮށް، އެދުވަހު މުޒާހަރާ ކުރަން ނިންމާފައެވެ. މިއަހަރުގެ ލޭންޑް ޑޭ މުޒާހަރާއިން ހަނދާން އާކޮށްދެނީ މާޒީގައި ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ފެނިގެންދިޔަ ހިތްވަރާއި ކެރުމެވެ. 

"ގްރޭޓް މާޗް އޮފް ރިޓާން" ނުވަތަ ލޭންޑް ޑޭގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުން ކޮންމެ އަހަރެއްގެ މާޗްމަހުގެ 30 ވަނަ ދުވަހު، ގާޒާ ބޯޑަރު ސަރަޙައްދުގައި މުޒާހަރާ ކުރަމުން އަންނަނީ އެމީހުންގެ ގެއްލިފައިވާ ހައްޤުތައް ހޯދުމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމާއެކު، ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ މިނިވަންކަމާއި، ހަމަހަމަ ކަމުގެ ހައްޤު ގެއްލިފައިވުމަކީ މިއަދު ފަލަސްތީނުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ. އެމީހުންގެ އާދޭހަކީ އިޒްރޭލްގެ ޔަހޫދީން އެމީހުންގެ ބިމުން ފޭބުމެވެ. އެހެން އަހަރުތަކޭވެސް އެއްގޮތަށް، މިއަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ މުޒާހަރާތަކުގައިވެސް ފަލަސްތީނުގެ ރައްޔިތުން ގޮވާލަމުން އަންނަނީ މިދެންނެވި ހައްޤުތައް ހޯދުމަށެވެ. އަންނަން އޮތް ޖީލުތަކަށް މިނިވަން ފަލަސްތީނެއް ހޯދައިދިނުމުގެ މަޤްސަދުގައެވެ.

މިއަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ފެންނަމުން އެދަނީ މީގެ އެތައް އަހަރެއް ކުރިން އެމީހުންގެ ކިބައިން ފެނުނު ހިތްވަރާއި ކެރުން. އެ ބިރުކުޑަކަމާއި، އެޖޯޝަށް އަދިވެސް ބަދަލެއް ނާދެއެވެ.  މިއަހަރުގެ ލޭންޑް ޑޭ މުޒާހަރާއަށް ނަޒަރު ހިންގާލުމުންވެސް ފެނިގެންދިޔައީ އެމަންޒަރެވެ. 10،000ހަށް ވުރެ ގިނަ މީހުން ލޭންޑް ޑޭ މުޒާހަރާގައި ބައިވެރިވިއިރު، އެމީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިންވެސް އަޑު އުފުލަމުން ދިޔައެވެ.

އިޒްރޭލްގެ ވަރުގަދަ ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ފަލަސްތީނުގެ ރައްޔިތުން ބޭނުން ކުރީ ވަރަށް "އާދައިގެ" ހަތިޔާރެވެ. މުޒާހަރާގެ ބައިވެރިން ވަނީ އިޒްރޭލްގެ ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް އެމީހުންނަށް ކުރެވުނު ކަމެއް ކޮށްފައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަލްޖަޒީރާއިން ރިޕޯޓް ކުރާ ގޮތުގައި، ލޭންޑް ޑޭގެ މުޒާހަރާގެ ބައިވެރިން ވަނީ އިޒްރޭލްގެ ސަލާމަތީ ބާރުތައް ހުއްޓުވުމަށް ޓަޔަރު އެންދުމާއި، ބަޑިޖަހަން އުޅޭ ސްނައިޕަރުންގެ ލޮލަށް އުނދަގޫ ކުރުމަށް އެމީހުންގެ ލޯތަކަށް އަމާޒުކޮށް ލޯގަނޑުގެ އަލި އަޅުވާފައެވެ.

މި އަމަލުތައް ހަނދާން ކޮށްދެނީ މީގެ ކުރިން ފަލަސްތީނުގެ ރައްޔިތުން އިޒްރޭލްގެ ސަލާމަތީ ބާރުތައް ހުއްޓުވުމަށް ބޭނުންކޮށް އުޅުނު އުކުޅުތައް ކަމަށް މާޒީގައި މިފަދަ މުޒާހަރާތަކުގައި ބައިވެރިވި މީހަކު ވަނީ ބުނެފައެވެ.  އަލްޖަޒީރާއަށް މައުލޫމާތު ދެމުން އޭނާ ބުނީ ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތުގެ އިތުރުން، ޖިހާދު ފަދަ ޖަމާއަތްތަކުގެ މެމްބަރުންވެސް އެއްވުންތަކުގައި ބައިވެރިވެ، ސުލްހަވެރިކަމާއެކު ޝުއޫރުފާޅު ކުރަމުން އަންނަ މަންޒަރު ފެނުމުން އެކަމާއި މެދު ވަރަށް ބޮޑަށް ފަޚްރުވެރިވާ ކަމަށެވެ.

އެންމެ ފުރަތަމަ ފަލަސްތީނުގެ ރައްޔިތުން މަގުތަކަށް ނުކުމެ އިޒްރޭލްގެ ސަލާމަތީ ބާރުތަކާއި ކުރިމަތިލާފައިވަނީ 1987 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ ފަލަސްތީނުގެ ރައްޔިތުން އިޒްރޭލުގެ ސިފައިންނާއި ކުރިމަތިލީ އޮއްގަލުންނެވެ. އެހެންނަމަވެސް ފަހުން ފަލަސްތީނުގެ ސިފައިން ވަނީ އިޒްރޭލުގެ އަސްކަރީ ޕޯސްޓްތަކަށް އަމާޒުކޮށް ހަމަލާ ދޭން ފަށާފައެވެ.

އެފަހަރު ފެށި ހަނގުރާމަ 1993 ވަނަ އަހަރު ނިމުނުއިރު ފަލަސްތީނުގެ ހާހަކަށްވުރެ ގިނަ މީހުން ޝަހީދުވެގެން ދިޔައެވެ. މިއަދު އަނެއްކާވެސް ހަތިޔާރެއް ނެތި ފަލަސްތީނުގެ ރައްޔިތުން އިޒްރޭލްގެ ޔަހޫދީންނާއި ކުރިމަތިލާފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންގެ އުއްމީދެއް އެބައޮތެވެ. އެއީ މިފަދަ އެއްވުންތަކާއި ގުޅިގެން ފަލަސްތީނުގެ އެކި ޖަމާއަތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، މިނިވަންކަން ހޯދަން ކުރާ މަސައްކަތަށް އަލިމަގެއް ފަހިވެގެން ދިއުމެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...