އިޒްރޭލްގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ނޫސްވެރިޔަކު މަރާލައިފި

ފަލަސްތީނުގެ ރައްޔިތުން "ބިމުގެ ދުވަސް" ފާހަގަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މުޒާހަރާތައް ކަވަރ ކުރަން އުޅުނު ނޫސްވެރިއަކު މަރާލައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުން ބިމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިޒްރޭލާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައިވަނީ މާޗްމަހުގެ 30 ވަނަ ދުވަހުގައެވެ. މި މުޒާހަރާގައި ދިހަހާހަށްވުރެ ގިނަ މީހުން ބައިވެރިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.  ފަލަސްތީނުގެ ރައްޔިތުން ކޮންމެ އަހަރަކުވެސް ލޭންޑް ޑޭ ފާހަގަ ކުރާއިރު، އެދުވަސް ފާހަގަ ކުރުމަށްޓަކައި ކުރަމުން އަންނަ މުޒާހަރާތަކުގައި ގޮވާލަމުން ދަނީ އިޒްރޭލްގެ ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށެވެ.

އެގޮތުން މިއަހަރުގެ މާޗްމަހުގެ 30 ވަނަ ދުވަހު ފެށި ސުލްހަވެރި މުޒާހަރާތައް ރޫޅާލުމަށް އިޒްރޭލްގެ ޔަހޫދީން ވަނީ މުޒާހަރާގެ ބައިވެރިންނަށް ބަޑިން ހަމަލާ ދީފައެވެ.  މިހަމަލާތަކާއި ގުޅިގެން މިހާތަނަށް 31 މީހުން ވަނީ މަރުވެފައެވެ.  މުޒާހަރާ ކަވަރު ކުރަން އުޅުނު ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ ޔާސިރް މުރުތަޖާވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެއެވެ.  އިޒްރޭލާއި ފަލަސްތީނުގެ ބޯޑަރު ސަރަޙައްދުގައި ކުރަމުން އަންނަ މުޒާހަރާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ކޮށްލާފައިވާއިރު، އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޒްރޭލްގެ އަސްކަރިއްޔާއަށް ތައުރީފް ކުރައްވާފައެވެ.

ނަތަންޔާހޫ ވިދާޅުވީ އިޒްރޭލްގެ ބޯޑަރު ސަރަޙައްދު ބެލެހެއްޓުމަށް އަސްކަރިއްޔާއިން ކުރާ މަސައްކަތާއިމެދުގައި ފަޙްރުވެރިވާ ކަމަށެވެ. އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރަން ނުކުތް ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް އިސްރާއީލުގެ ސްނައިޕަރުން ބަޑިޖަހައި ހެދިއިރު، އެކަމަށް އިޒްރޭލްގެ ޒުވާނުންތަކެއް ވަނީ ހިތްވަރުދީފައެވެ.  އެމަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އެތައް ބަޔަކު ވަނީ އިޒްރޭލާއި މެދުގައި ރުޅިވެރިން ފާޅު ކޮށްފައެވެ. އިޒްރޭލްގެ އަސްކަރިއްޔާއަށް ހިތްވަރު ދިނުމަށް އިޒްރޭލްގެ ޔަހޫދީން އަރާ ތިބީ ގަޒާ ބޯޑަރު މައްޗަށެވެ. 

"ގުރޭޓް ރިޓާން މާޗް"ގެ ނަމުގައި މިދިޔަ ހުކުރު ދުވަހު ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި ފަލަސްތީނު މީހުން ކުރި މުޒާހަރާގައި އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި 31 މީހަކު ޝަހީދުކޮށްލައި، 500 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ޒަހަމް ކޮށްލާފައެވެ. އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުން އަންނަ ޖަރީމާތަކާއި ގުޅިގެން ބައިނަލްއަޤްވާމީ ދުނިޔެއިން އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ. އެގޮތުން ލަންޑަންގައި އެތައްހާސް ބަޔަކު ވަނީ މަގުތަކަށް އެއްވެ ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ކޮށްފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...