އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ސްޕެނިޝް ލަލީގާގައި ރޭ ވަރުގަދަ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.


މެޗުގެ ކުޅުން ފެށިގެން ރެއާލުން އެތުލެޓިކޯގެ ގޯލަށް ގިނަ ފަހަރުތަކެއްގެ މަތިން ނުރައްކާ ކުރި އިރު، ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހުމުގެ ކުރިން، ރެއާލްގެ ޒުވާން ފޮވާޑް މާކޯ އެސެންސިއޯ އަދި ވާތު ބެކް މާސެލޯ ފޮނުވާލި ދެ ހަމަލާއެއް ވަނީ އެތުލެޓިކޯ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައެވެ. ދެވަނަ ހާފުގައި ރެއާލް މެޑްރިޑަށް ލީޑު ނަގައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ގެރެތު ބޭލް ތަނަވަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައި ރޮނާލްޑޯ ލީޑު ނަގައިދިން އިރު، މިއީ، ރެއާލް މެޑްރިޑަށް އެންމެ ފަހުން ކުޅެދިން ދިހަ މެޗުގައި އޭނާ ކާމިޔާބުކުރި ވިހިވަނަ ލަނޑުކަން ފާހަގަކޮށްލެވެ އެވެ.


ރެއާލް މެޑްރިޑުން ލަނޑު ޖެހުމާ އެކު، އެތުލެޓިކޯގެ ކުޅުންވެސް ރަނގަޅުކުރި އިރު، އެ ޓީމުންވެސް ވަނީ ދެވަނަ ހާފުގައި ރެއާލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެތުލެޓިކޯގެ ވިޓޯލޯ ފޮނުވާލި ހަމަލާއެއް ރެއާލްގެ ކީޕަރު ނަވާސް މަތަކުރިތާ މާ ގިނައިރު ނުވަނީސް އެންޓުއާން ގްރީޒްމަން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ރޭގެ މެޗުން ނެރެވުނު ނަތީޖާ އާއެކު އެތުލެޓިކޯ ވަނީ މުޅިއެކު ފަސްދޮޅަސް އަށް ޕޮއިންޓް ހޯދައި، ލީގު ތާވަލުގެ ދެވަނައިގައި ހަމަޖެހިލާފަ އެވެ.


ތާވަލުގެ ތިންވަނަ އަށް އެރި ވެލެންސިއާ އަށް ފަސްދޮޅަސް ފަސް ޕޮއިންޓް ލިބިފައިވާއިރު، ރެއާލް އޮތީ ފަސްދޮޅަސް ހަތަރު ޕޮއިންޓާއެކު ހަތަރުވަނައިގަ އެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ އާއި ލީގު ތާވަލުގެ އެއްވަނައިގަ އޮތް ބާސެލޯނާގެ ދެމެދުގައި އެގާރަ ޕޮއިންޓްގެ ތަފާތެއް އޮތް އިރު، ބާސާ ވަނީ މުޅިއެކު ހަތްދިހަ ނުވަ ޕޮއިންޓް ހޯދާފަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...