ޓޮބޭކޯ ސިޒޭޝަން ކްލިނިކްގެ ސަބަބުން ދުންފަތް ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ- ޒެނީޝާ

އައިޖީއެމްއެޗްގައި ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ކްލިނިކެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޒެނީޝާ ވާހަކަ ދައްކަވަނީ: ފޮޓޯ ޗެނަލް13

އައިޖީއެމްއެޗްގައި ހުޅުވިގެންދިޔަ ޓޮބޭކޯ ސިޒޭޝަން ކްލިކްގެ ސަބަބުން ސަރުކާރުން ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތް ތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޖެންޑަރ މިނިސްޓަރ އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގައި ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ކްލިނިކެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓަރ އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބަތުގައި އައިޖީއެމްއެޗްގެ އިސްނެގުމުގެ ދަށުން ޓޮބޭކޯސިޒޭޝަން ކްލިނިކެއް ޤާއިމް ވެގެން ދިއުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރަށް ދިއުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ. އަދި މިކަމަކީ އަމިއްލަ ނަފްސްގެ އިތުރުން އެކުގައި ދިރިއުޅެމުންދާ މީހުންނަށްވެސް ނުސީދާ ގޮތުން އޭގެ އަސަރުތައް ފޯރާ، ދުޅަހެޔޮ ސިއްޙަތެއްގައި ހުންނަ މުޖުތަމަޢުއެއް ބިނާ ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ އައިޖީއެމްއެޗްގައި ހުޅުވިގެންމިދިޔަ ޓޮބޭކޯ ސިޒޭޝަން ކްލިނިކްގެ ސަބަބުން ސަރުކާރުން ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތް ތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި އެ ކްލިނިކް މެދުވެރިކޮށް އައިޖީއެމްއެޗްގައި ޚިދުމަތް ހޯދަމުންދާ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އެކަން ހުއްޓުވުމަށް ބޭނުންވާ ކައުންސިލިންގ ގެ ޚިދުމަތްތަކާ، ފަރުވާ ދިނުމާ، ދުންފަތުގެ ސަބަބުންޖެހޭ ބަލިތަކުގެ ޙާއްސަ ޑޮކްޓަރުންނާ ރިފަރަލް ހެދޭތީ އުފާ ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކުޑަކުދިން މި ނުރައްކާތެރި ވަބާއަށް އާދަވާން ދިމާވާ ސަބަބުތަކަށް އަލިއަޅުވާ ލައްވަމުން މިނިސްޓަރ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދަ ކުޑަ ކުދިންނަށް ދަސްވަމުންދާ އެއްތަނަކީ ގޭތެރެއިން ކަމަށް. އޭގެތެރޭގައި ޢާއިލާގެ މެމްބަރުންނާ، ގާތްތިމާގެ މީހުންގެ އިތުރުން އެކުގައި އުޅޭ ރަށްޓެހިންގެ ފަރާތުން އެކަމުގެ ނޭދެވޭ އަމަލު ކުދިންނަށް ދަސްވަމުން ދާކަމަށް ވިދާޅުވިއެވެ. އަދި ޑަބްލިއުއެޗްއޯއިން އަންދާޒާކޮށްފައިވާ ގޮތުގައި ރާއްޖޭގެ އާބާދީގެ 27 އިންސައްތައަކީ ދުންފަތުގެ ސަބަބުންޖެހޭ ތަފާތު އެކި ބަލިތަކުން މަރުވާ މީހުން ކަމަށް މިނިސްޓަރ ވިދާޅުވި.


އެހެންކަމުން ދުންފަތް ކޮންޓްރޯލް ކުރުމަށާ، ދުންފަތުން ލިބޭ ނޭދެވޭ އަސަރުތަކުން ލިބޭ ގެއްލުންތަކުގެ ސަބަބުން ހޭލުންތެރިކަން އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ދެކުނު އޭޝިޔާގެ ސަރަޙައްދުތަކަށް ބަލާއިރު ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުގެ އަދަދު ނިސްބަތުން ގިނަ. އަދި ދިރާސާތަކުން ދައްކާގޮތުގައި އުމުރުން 13 އަހަރާ 14 ދެމެދުގެ 12 އިންސައްތައަށް ވުރެން ގިނަ ކުދިން ދުންފަތުގެ އިސްތިއުމާލް ކުރުން ތަޖުރިބާ ކޮށްފައި ވާކަމަށެވެ.


މީގެއިތުރުން ދުންފަތުގެ އަސަރު ނުސީދާގޮތުން ކުރަމުންދާ ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިކަމުން އަރައިގަތުމަށް އެންމެހާ ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ބޭނުންވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...