އައިޖީއެމްއެޗްގައި ދުންފަތާ ދުރުވުމަށް އެހީތެރިވެދޭ ހާއްސަ ކްލިނިކެއް ހުޅުވައިފި

އައިޖީއެމްއެޗްގައި ދުންފަތާ ދުރުވުމަށް އެހީތެރިވެދޭ ކްލިނިކް މިނިސްޓަރ ޒެނީޝާ ހުޅުއްވައިދެއްވަނީ: ފޮޓޯ ޗެނަލް13

އައިޖީއެމްއެޗްގައި ދުންފަތާ ދުރުވުމަށް އެހީތެރިވެދޭ ހާއްސަ ކްލިނިކެއް ހުޅުވައިފިއެވެ.

އައިޖީއެމްއެޗްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދުންފަތާ ދުރުވުމަށް އެހީތެރިވެދޭ ހާއްސަ ކްލިނިކް ހުޅުއްވައިދެއްވީ ޖެންޑަރ މިނިސްޓަރ އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ އެވެ. މި ކްލިނިކަކީ އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމްގެ ބަލިތަކާބެހޭ ހާއްސަ ޑިޕާޓްމެއްޓްގެ ދަށުން ހިންގާ ކްލިނިކެކެވެ.

މި ކްލިނިކާބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ޓޮބޭކޯ ސިޒޭޝަން ކްލިނިކް ހިންގެވުމާ ހަވާލުވެ ހުންނެވި ކޮންސަލްޓަންޓް އިން ރެސްޕިރެޓަރީ މެޑިސިންގ ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ދުވަހާ ދިމާކޮށް އައިޖީއެމްއެޗްގައި ހުޅުވިގެން މިދިޔައީ ދުނިޔޭގައި ވަބާ އަކަށްވެފައިވާ ނޭދެވޭ އާދަޔަކުން ދިވެހިން ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށްޓަކައި، އެހީތެރިކަމުގެ އަތްތަކެއް ތައްޔާރުކޮށް އެވަބާ އިން ސަލާމަތްވުމަށް މަގުފަހި ކުރުމުގެ ކްލިނިކެއް ކަމަށެވެ.


މި ޚިދުމަތަށް ބޭނުންވާ ވަރަށް ގިނަ ބަޔަކު ދިވެހިންގެ ތެރޭގައި އެބަ ތިބިކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އަހަރުން އަހަރަށް ދަށްވަމުންދާ ފުއްޕާމޭގެ މަސައްކަތް އެއްވަރެއްގައި ހިފަހައްޓާލެވޭ ހަމައެކަނި ފަރުވާއަކީ ދުންފަތާ ދުރުވުން ކަމަށްވާއިރު، އެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވޭ ބަލިމީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެ ކްލިނިކްގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމް ހޮސްޕިޓަލްގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ އައިޖީއެމްއެޗްގެ ރެސްޕިރެޓަރީ ޑިޕާޓްމެންޓްގެ މަސައްކަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ވަރަށް ފުރިހަމަ ރެސްޕިރެޓަރީ ޑިޕާޓްމެންޓެއް ވުޖޫދަށް އައިސްފައި ވާކަމަށެވެ. އަދި އެ ޑިޕާޓްމެންޓްގެ ދަށުން ޤައުމީ ރެސްޕިރެޓަރީ މެޑިސިންގ ސެންޓަރެއް ދާދި އަވަހަށް ވުޖޫދަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފަރުހަތު ވިދާޅުވިއެވެ.


ފަރުހަތު ވިދާޅުވީ އެ ކްލިނިކް ހުޅުވިގެން ދިއުމުން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ހޮސްޕިޓަލަށް އަންނަ އިންޕޭޝަންޓުންނާ، އައުޓް ޕޭޝަންޓުންގެ އިތުރުން އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންނަކީ ހޮސްޕިޓަލުން ކަނޑައަޅާ ތާރީހެއްގައި އެއްވެސް ވަރަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރާ ފަރާތްތަކަކަށް ވެގެންދިއުން ކަމަށެވެ.

ދުންފަތަކީ ހަށިގަނޑުގެ އެންމެހާ މުހިއްމު ގުނަވަންތަކަށް އޭގެ ނޭދެވޭ އަސަރު ކުރުވާ ވިހައެކެވެ. މި ވިހައިން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން އައިޖީއެމް ހޮސްޕިޓަލްގައި ހުޅުވިގެން މިދިޔަ ކްލިނިކުން މުހިއްމު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ. މި ރަސްމިއްޔާތުގައި ދުންފަތާ ދުރުވުމަށް އެހީތެރިވެދޭ ދަރުމަވެރިންގެ މަޤާމު ހާސިލްކޮށްފައިވާ ދަރުމަވެރިންނަށް ވަނީ ރަސްމީކޮށް ބެޖް ހަވާލުކޮށްފައެވެ. ދަރުމަވަވެރިންނަށް ބެޖް ހަވާލުކޮށްދެއްވީ ޖެންޑަރ މިނިސްޓަރ އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ އެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...