ކަފާލާތުގެ ދަށުން ސަލްމާން ޚާން ދޫކޮށްލުން

ސަލްމާން ޚާން

1998 ވަނަ އަހަރު ސަލްމާން ޚާން ކުޅުނު ފިލްމެއްގެ ޝޫޓިންގ ތެރެއިން ފުއްލާއެއް މަރާލާފައިވާކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފްކޮށް ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލައިފިއެވެ.


ސަލްމާންގެ ޖަލުހުކުމް އިސްތިއުނާފްކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ހެނދުނު ޖޯދްޕޫރު ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުން ނިންމާލާފައިވަނީ ދެ ފަރާތުގެ ވާހަކަތައް އަޑު އެހުމަށްފަހު އެމަސައްލަ މިއަދު ކުރިއަށް ގެންދިއުމަށެވެ. އެގޮތުން މިއަދު ޖޯދްޕޫރުގެ ޑިސްޓްރިކްޓް ކޯޓާއި ސެޝަން ކޯޓުން ހެނދުނު ކަފާލާތުގެ އަޑުއެހުންތައް ނިންމާލުމަށް ފަހު، ސަލްމާނާ އެއްކޮޅަށް އަމުރު ނެރުނީ މެންދުރު ފަހުއެވެ.

ފަންސާސްހާސް ރުޕީސް ޖޯދްޕޫރުގެ ކޯޓަށް ދައްކާގޮތަށް ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ސަލްމާން ޚާން ވަނީ ދެދުވަސް ޖަލުގައި ހޭދަކޮށްފައެވެ. އިންޑިއާގެ ގަޑިން މިރޭ ހަތެއް ޖެހުމުގެ ކުރިން ހުރިހާ ލިޔެކިޔުމެއް ނިންމާ ސަލްމާން ޖަލުން ނެރޭއިރު ކަފާލާތުގެ ލިޔެކިޔުންތައް މިހާރު ކޯޓާއި ހަވާލުކޮށްފައިވާކަމަށް ސަލްމާންގެ ވަކީލުން ބުނެފައިވެއެވެ. ކަފާލާތުގެ ދަށުން މިއަދު ސަލްމާން މިނިވަންކޮށްފައިވާއިރު ކޯޓުގެ ހުއްދަ ނުހޯދާ ގައުމުން ބޭރަށް ނުދިއުމަށް އޭނަގެ މައްޗަށް ވަނީ ޝަރުތު ކޮށްފައެވެ.

ސަލްމާންގެ ކަފާލާތުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ވަކީލުން އެންމެ ބޮޑަށް ވާހަކަދައްކާފައިވަނީ މަންޒަރު ދުއްކަމަށް ބުނާ ހެކިވެރިޔާގެ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އެގޮތުން އޭނާ އާއި ދެކޮޅަށް ހެކިބަސް ދިން މީހާއަށް އެމައްސަލައިގައި ތުހުމަތު ކުރެވުނު ޓަބޫ އާއި ސޮނާލީ ވަކިކުރަން ނޭންގުނުކަމަށްވެސް ވަކީލުން ބުނެފައިވެއެވެ. މީގެ އިތުރުންވެސް މި މައްސަލައިގައި ސަލްމާނަށް ފަސް އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ވަކީލުން ބުނެފައިވެއެވެ.

ސަލްމާން ކަފާލާތުގެ ދަށުން ދޫކޮށްލުމާއެކު އޭނާއަށް ތާއީދު ކުރާ ގިނަ އަދަދެއްގެ މީހުން ދަނީ ކޯޓް ކައިރިއަށާއި، އޭނާގެ ގެ ކައިރިއާއި މަގުތަކަށް އެއްވެ އުފާ ފާޅުކުރަމުންނެވެ. އެމީހުން ބުނާގޮތުގައި ވިހި އަހަރު ކުރީގެ މައްސަލައަކަށް ސަލްމާން އަށް ހުކުމް ކޮށްފައިވަނީ ބޭއިންސާފުންނެވެ. އަދި ގައުމުގައި އެއަށްވުރެ ބޮޑެތި ކުށްތައް ކުރާ މީހުން މިނިވަންކަމާއެކު އުޅެމުންދާއިރު ސަލްމާންއަށް އެހާ ބޮޑު ހުކުމެއް ކުރީ ސަލްމާންގެ މަޝްހޫރުކަމުގެ ފައިދާ ޖަޖުން ނެގުމަށެވެ. އަދި ސަލްމާން އާއެކު މި މައްސަލައިގައި ތުހުމަތު ކުރެވުނު އެހެން ތަރިންގެ މައްޗަށް އެއްވެސް ކަހަލަ ހުުކުމެއް ނައިސް މިނިވަން ވުމާއިމެދުވެސް ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ.


ސަލްމާން މިނިވަން ވުމާއެކު ގިނަ ބަޔަކު އުފާފާޅުކުރަމުން ދިޔަ ނަމަވެސް ޖަނަވާރުންގެ ޙައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދަނީ މިކަމާއި ނުރުހުން ފާޅުކުރުމުންެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...