ރައީސްކަމުގެ "ވަޒީފާ" ބޭނުމެއް ނޫން: މިޝެލް އޮބާމާ

އެމެރިކާގެ ރިޔާސީ އިންތިޚާބެއްގައި ވާދަކުރައްވަން ބޭނުންފުޅުވެ ނުލައްވަނީ، ވެރިކަމުގެ ވަޒީފާ އަދާ ކުރައްވަން ބޭނުންފުޅު ނުވާތީ ކަމަށް އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ބޮސްޓޮންގައި ބޭއްވި އަންހެނުންގެ ލީޑަރޝިޕް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން މިޝެލް ވިދާޅުވީ، ސިޔާސީ ދާއިރާއަށް އެއްވެސް އިރެއްގައި މާބޮޑު ޝައުގުވެރިކަމެއް ނުހުންނަ ކަމަށެވެ. އެހެންނަމަވެސް ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން ހުރި މީހަކާއި ކައިވެނި ކުރެވުމުން އެދާއިރާއަށް ވަދެވުނީ ކަމަށް މިޝެލް ވިދާޅުވިއެވެ.

މިޝެލްގެ ވާހަކަފުޅުގައި ވަނީ އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ކެންޑިޑޭޓު ހިލަރީ ކްލިންޓަންއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
" ހިލަރީއަކީ އެންމެ ފުރިހަމަ މީހެކޭ ނޫން މިބުނީ. އެހެންނަމަވެސް ދެން ތިބި މީހުންނަށްވުރެ އޭނާ އެތައް ގުނައެއް ރަނގަޅު. އެހެންނަމަވެސް އޭނާ އިންތިޚާބުން ބަލިވީ. ހިލަރީ އަކީ އެމެރިކާގެ ވެރިކަމަށް އެންމެ އެކަށީގެންވާ މީހާ" ހިލަރީ ކްލިންޓަންއާއި ގުޅޭގޮތުން މިޝެލް ވިދާޅުވިއެވެ.

އޮބާމާގެ އަނބިކަނބަލުން މީގެ ކުރިންވެސް ވަނީ ވެރިކަން ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަނާގެ ފިރިކަލުން އޮބާމާވެސް ވަނީ އަނބިކަނބަލުން މިޝެލް އެމެރިކާގެ ވެރިކަމަށް ވާދަ ނުކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އޮބާމާ ވިދާޅުވެފައިވަނީ، މިޝެލް ބޭނުންފުޅުވަނީ ވެރިކަމަށް ކުރިމަތިލެއްވުމުގެ ބަދަލުގައި ހަރުދަނާ، ޒުވާން ލީޑަރުން އުފެއްދެވުމަށް ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...